ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ސްޕެއިންގެ މިދްފީލްޑަރ ރޮޑްރީ އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ޔަމާލް ހޮވައިފި އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔާ ރޮޑްރީ އަކީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ސްޕެއިން ޗެމްޕިއަންކަން ހޯދި އިރު ޓީމްގެ މައި އެއް ތަނބެވެ. މެދުތެރެއިން މޮޅަށް ކުޅެމުން އޭނާ ލަނޑެއްވެސް ޖެހިއެވެ. މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ވަނީ ގިނަ މެޗުތަކެއްގެ ދެވަނަ ހާފްގައި ޓީމްގެ ކެޕްޓަންގެ ޒިންމާވެސް އަދާކޮށްފައެވެ. ފައިނަލް މެޗުގެ ދެވަނަ ހާފްގައި ބަދަލު ކުރި ނަމަވެސް މުޅި މުބާރާތުގައިވެސް ރޮޑްރީ ވަނި މޮޅަށް ކުޅެފައެވެ.
އެންމެ މޮޅު ޒުވާން ކުޅުންތެރިއަކީ ޔަމާލް ކަމާމެދު ފައިނަލް މެޗުގެ ކުރިންވެސް ޝައްކެއް ނެތެވެ. 16 އަހަރުގައި މުބާރާތް ކުޅުނު ޔަމާލް އަކީ ޔޫރޯގައި ކުޅުނު އެންމެ ހަގު ކުޅުންތެރިޔާ އެވެ. ޔޫރޯގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިއަކީ ވެސް ޔަމާލް އެވެ. އަދިނ ޔޫރޯ ފައިނަލްގައި ކުޅުނު އެންމެ ހަގު ކުޅުންތެރިއަކީ ވެސް ޔަމާލް އެވެ. ޔަމާލް ވަނީ މުބާރާތުގައި އެއް ލަނޑު ޖަހާ، 4 ލަނޑު ޖަހަން ފުރުޞަތު ތަނަވަސްކޮށްދީފަ އެވެ. އޭގެތެރޭގައި ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ޖަހަން ތަނަވަސްކޮށްދިން ފުރުޞަތު ވެސް ހިމެނެއެވެ.