ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބަލަހައްޓަން ޑްރޯންތަކެއް ޔޫއެންއޯޑީސީން ދިވެހި ސަރުކާރަށް ހަދިޔާކޮށްފިއެވެ.
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީއިން ހަދިޔާކުރި ޑްރޯންތައް ހަވާލުކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގައި ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާ އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި ޑޮރޯންތައް ބޭނުންކުރުމަށް ނިންމާފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުންގެ މެރިން ޕޮލިސް ޑިވިޝަނުންނެވެ.
ޑްރޯން ހަދިޔާކުރުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވުޒާރާގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، މި ޑްރޯންތަކާއެކު ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުމަށް މެރިން ޕޮލިހުންކުރާ މަސައްކަތްތަކަށް އިތުރު ކުރިއެރުން ލިބޭނެކަމަށެވެ. އަދި މި ޑްރޯންތަކާއެކު ކޯސްޓް ގާޑުން ހިންގާ އޮޕަރޭޝަންތަކުގައި މެރިން ޕޮލިހަށްވެސް އެހީތެރިވެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
"ކަނޑުމަތީގެ ނިރުބަވެރިކަމާއި ކައުންޓަރ ޓެރަރިޒަމާ ދެކޮޅަށްކުރާ މަސައްކަތްތަކަށް ކުރިއެރުމެއް ލިބެނެ މި ޑްރޯންތަކާއެކު. އަދި އޮޕަރޭޝަންތައް ކުރިއަށްގެންދާއިރު މި ޑްރޯންތަކާއެކު ފުލުހުންގެ ސަލާމަތްވެސް ކަށަވަރުކުރެވޭނެ." ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވިއެވެ.
ޑްރޯންތަކާ ހަވާލުވުމަށް އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. އަދި ޔޫއެންޑީއޯސީގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަ ޔޫއެންއޯޑީސީގެ އޮފީހުގެ އިސްވެރިޔާ އެންރިކޯ ބޮނިންސެގްނާއެވެ.
ޔޫއެންއޯޑީސީން ހަދިޔާކޮށްފައިވަނީ ކަނޑާއި ވައިގެ ތެރޭގައި ދުއްވޭ ފަދަ 2 ޑްރޯނެވެ. މި ޑްރޯންތައް ބޭނުންކުރަން ހަމަޖެހިފައިވަނީ ޝޯޓް ރޭންޖް އޮޕަރޭޝަންތަކުގައިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.