ޚަބަރު

ޣައްޒާގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުން ނެގި 100 މީހުންގެ ޖަނާޒާ ބާއްވައިފި


ޔަހޫދީންގެ ނިރުބަވެރި ދައުލަތުން ފަލަސްޠީނުގެ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެ، ދެ އަހަރަށްވުރެ ގިނަ ދުވަސް ވަންދެން ނުނެގިފައި ތިބި ގާތްގަނޑަކަށް 100 އެއްހާ ފަލަސްޠީނު ރައްޔިތުންގެ ހަށިގަނޑު ނަގައި، އެ މީހުންގެ ޖަނާޒާ ބާއްވައިފިއެވެ.

ހޮނިހިރު ދުވަހު މި ހަށިތަކާ ޙަވާލުވި އާއިލާތަކުން ވަނީ ދެ އަހަރަށް ވުރެ ގިނަ ދުވަހު އިންތިޒާރުކޮށްފައެވެ.

ޣައްޒާގެ އިރުދެކުނުގައި ހުންނަ އިމާމް އަލްޝާފިޢީ މިސްކިތް ކައިރީގައި، ފަލަސްޠީނުގެ ދިދަ އަޅާފައިވާ ސަންދޯއްތައް ބަހައްޓާފައި ހުރިއިރު، އާއިލާތަކުން ދިޔައީ ކަރުނައަޅައި، ހިތާމަފާޅުކުރަމުންނެވެ. މި ހަށިތަކުގެ ތެރޭގައި، އެމީހުންގެ އަސްލު ސޫރަ ވަކިނުވާ ހަށިތައް ވެސް ހިމެނެއެވެ.

މި ހަށިތައް ނަގާފައިވަނީ ޣައްޒާގެ މަދަނީ ދިފާޢީ އިދާރާއިން، ޣައްޒާގެ ފަސް އާއިލާއެއްގެ ގެތަކުގެ ދަށުންނެވެ. ސިވިލް ޑިފެންސް ޓީމުތަކުން މި ބުރަ މަސައްކަތް ކުރަމުންދަނީ އެކަށީގެންވާ ޒަމާނީ ވަޞީލަތްތައް ޣައްޒާއަށް އެތެރެކުރުމަށް ޔަހޫދީން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން، މަދު އެކްސްކަވޭޓަރަކާއި ބައުވެ ހަލާކުވެފައިވާ މަދު އާލާތްތަކެއް ބޭނުންކޮށްގެންނެވެ.

ހިތާމައިން ފުރިގެންވާ ޙާލުގައި، ސަލާމަތްވި ހަމައެކަނި ދަރިފުޅު މަލަކު ގޮވައިގެން ހުރި މަރްޔަމް އަޙްމަދު އަލް-ބަލާވީ އަނަދޫލޫ ނޫހަށް މަޢުލޫމާތު ދެމުން ބުނީ، އޭނާގެ ފިރިމީހާއާއި އެހެން ހުރިހާ ދަރިން ޝަހީދުކޮށްލުމުން މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިފައިވާ ކަމަށެވެ. އަދި ފިރިމީހާ ޝަހީދުވުމުގެ ކުރިން އަމިއްލަ އަތުން ކަފުންކޮށް ވަޅުލައިދިނުމަށް އެދުނު އެދުން ފުރިހަމަކުރުމަށް ދެ އަހަރު ދުވަހުގެ ދިގު އިންތިޒާރެއް ކުރަންޖެހުނު ކަމަށް އޭނާ ބުންޏެވެ. ކޮންމެ ދުވަހަކު އެ ސަރަޙައްދަށް ގޮސް އެމީހުންގެ ހަށިތައް ފެނުމަށް އެދި ދުޢާކުރި ކަމަށާއި، މިހާރު ހަށިތައް ފެނުމުން ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިއްޖެ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން 19 ފެބުރުވަރީ 2024 ގައި ދިން ހަމަލާގައި ޢާއިލާގެ 32 މެންބަރުން ގެއްލުނު ޖާދުﷲ ރަޙީމް ހުރީ އޭނާގެ އާއިލާގެ މީހުންގެ ހަށިތަކުގެ ކައިރީގައެވެ. ޝަހީދުވި މީހުންގެ ތެރޭގައި 15 އަށްވުރެ ގިނަ ކުޑަކުދިންނާއި 10 އަންހެނުން ހިމެނޭއިރު، އެ ޢާއިލާއިން ސަލާމަތްވީ އެންމެ އަންހެން ކުއްޖެކެވެ. ރަޙީމް ފާހަގަކުރި ގޮތުގައި އެމީހުންގެ ހަމައެކަނި ކުށަކީ އަމިއްލަ ގޭގައި ތިބުމެވެ.

މަދަނީ ދިފާޢީ އިދާރާގެ މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި އުތުރު އަދި މެދުތެރޭ ޣައްޒާގެ ބިމާހަމަވެފައިވާ 147 ގެއެއް ބަލައި ފާސްކުރުމަށް ހަމަޖެހިފައިވާއިރު، އެ ތަންތަނުގެ ދަށުގައި 1,072 އެއްހާ ހަށިގަނޑު ވާނެ ކަމަށް ލަފާކުރެވެއެވެ.

މީގެކުރިން ކުރިއަށް ގެންދިޔަ ފުރަތަމަ ފިޔަވަހީގައި 54 ގެއަކުން 333 މީހުންގެ ހަށިގަނޑާއި ހަށިގަނޑުގެ ބައިތައް ވަނީ ނަގައިފައެވެ.

އޮކްޓޯބަރު 2023 އިން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމުގައި މިހާތަނަށް 73,651 ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 174,575 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ސިއްޙީ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ.