ޚަބަރު

ރާއްޖޭގެ އަމާޒަކީ އިތުރު ކުޅިވަރުތަކުން އޮލިމްޕިކްސްއަށް ކޮލިފައިވުން


މުސްތަގްބަލުގައި އިތުރު ދެތިން ކުޅިވަރަކުން އޮލިމްޕިކްސްއަށް ރާއްޖެ ކޮލިފައިވުމުގެ މަންޒަރު ފެންނަކަމަށާއި، އެއީ ދެކޭ ބޮޑު ހުވަފެނެއްކަމަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޢަބްދުއްޞައްތާރު (ޗަމްޕީ) ވިދާޅުވެއްޖެއެވެ.

ޕެރިސް އޮލިމްޕިކްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ޢަބްދުއްޞައްތާރު ވިދާޅުވީ އެންމެ ބޮޑު ޓާގެޓަކީ ދީމާއެކޭ އެއްގޮތަށް ސަރަހައްދީ ކޮލިފިކޭޝަން ބުރުން އިތުރު ދިވެހި އެތުލީޓުން އޮލިމްޕިކްސްއަށް ކޮލިފައިވުން ކަމަށެވެ. އަދި އެއީ ދުރުނޫން މުސްތަގްބަލެއްގައި ފެންނާނެ މަންޒަރެއްގެ ގޮތުގައި އުއްމީދުކުރައްވާ ކަމަށްވެސް ޢަބްދުއްޞައްތާރު ވިދާޅުވިއެވެ.

އޮލިމްޕިކްސްގައި ރާއްޖެއިން ޖުމްލަ ފަސް އެތުލީޓުން ވާދަކުރާއިރު، މި ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލައިދޭ ދެ އެތުލީޓުންނަކީ ޓޭބަލްޓެނިސް ތަރި ފާތިމަތު ދީމާ ޢަލީއާއި، އެތުލެޓިކްސްގައި އެންމެ ކުރިއަރަމުން އަންނަ އެއް އެތުލީޓު ޢިބާދުﷲ އާދަމެވެ.

އަބްދުއްޞައްތާރު ވިދާޅުވީ ރާއްޖެއިން އޮލިމްޕިކްސްއަށް ކޮލިފައިވި ކޮންމެ އެތުލީޓަކުވެސް މި ގޭމްސްއަށް ކޮލިފައިވީ ބުރަ މަސައްކަތުން ކަމަށާއި، ޓާގެޓަކީ މިއަށްވުރެ އުސްމިންތަކަކަށް ދިވެހި އެތުލީޓުން ދިއުން ކަމަށެވެ.

ޖުލައި 26 އިން ފެށިގެން އޮގަސްޓް 11 ވަނަ ދުވަހަށް ކުރިއަށްދާ އޮލިމްޕިކްސްއަށް ރާއްޖެއިން ދާނީ ތާރީޚީ އެންމެ ބޮޑު ކޮންޓިންޖެންޓެވެ. މި ފަހަރުގެ އޮލިމްޕިކްސްގައި ރާއްޖޭން ހަތަރު ކުޅިވަރެއްގައި ވާދަކުރެއެވެ. އެއީ ބެޑްމިންޓަން، އެތުލެޓިކްސް، ސްވިމިން އަދި ޓޭބަލް ޓެނިހެވެ. ރާއްޖެ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދެވެ.