ޚަބަރު

އަނިޔާގެ ސަބަބުން މިޓޯމާ އާއި މިނަމީނޯ ސްކޮޑުގައި ނުހިމެނޭ


އަންނަ މަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ޖަޕާނުގެ ސްކޮޑުގައި މޮނާކޯގެ ފޯވަޑް ޓަކޫމީ މިނަމީނޯ އާއި ބްރައިޓަންގެ މިޓޯމާ ނުހިމަނާ ސްކޮޑު އިއުލާން ކޮށްފި އެވެ.

ޖަޕާނުގެ ސްކޮޑު އިއުލާން ކުރުމަށް ޓޯކިޔޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ހަޖިމޭ މޮރިޔާސޫ ބުނެފައިވަނީ މެޑިކަލް ޓީމުން މި ދެ ކުޅުންތެރިންގެ އަނިޔާގެ ކަންތައްތައް ވަރަށް ރަގަޅަށް ބެލުމަށްފަހު ލަފާ ދީފައިވަނީ އެ ދެ ކުޅުންތެރިންވެސް މުބާރާތް ފެށެންވާއިރަށް އެއްކޮށް ރަގަޅު ނުވާނެ ކަމަށެވެ.

ބްރައިޓަން އަށް ކުޅެމުންދާ އުމުރުން 28 އަހަރުގެ ކައޮރޫ މިޓޯމާ އަށް އަނިޔާވެފައިވަނީ މިދިޔަ ހަފްތާގައި ވޮލްވްސް އާއި ދެކޮޅަށް ބްރައިޓަން ކުޅުނު މެޗުގަ އެވެ.

މި ސީޒަނުގައި މޮޅު ކުޅުމެއް ޕްރިމިއާ ލީގުގައި ދައްކާފައިވާ މިޓޯމާ ނެތްތަން ފޫބެއްދުމަކީ އެ ޓީމަށް އުނދަގޫ ކަމަކަށް ވާނެ އެވެ.

ފްރާންސްގެ މޮނާކޯ އަށް ކުޅެމުންދާ އެޓީމުގެ ފޯވަޑް ޓަކޫމީ މިނަމީނޯގެ ލިގަމެންޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން އޭނާ ކުޅުމާއި ދުރުގައި ހުންނަނީ މިދިޔަ ޑިސެމްބަރ މަހުން ފެށިގެންނެވެ.

ވޯލްޑްކަޕްގެ ގްރޫޕް އެފް ގައި ޖަޕާނާއިއެކު ދެން ހިމެނެނީ ނެދަލޭންޑްސް އާއި ސްވިޑަންގެ އިތުރުން ޓިއުނީޝިޔާ އެވެ. އެހެންކަމުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދުމަށް އެ ޓީމަށް މި ގްރޫޕްގައި ހިމެނޭ ވަރުގަދަ ޓީމުތަކާއި ދެކޮޅަށް ރަގަޅު ނަތީޖާތަކެއް ހޯދަން ޖެހޭނެ އެވެ.

މިވަގުތު ޖަޕާނުގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ބެލެވޭ މިޓޯނާ ވަނީ މިދިޔަ މާޗް މަހު ވެމްބްލީ ސްޓޭޑިއަމްގައި އިންގްލެންޑް އާއި ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ޖަޕާން މޮޅުވި މެޗުގައި ލަނޑު ޖަހާފަ އެވެ.