ޚަބަރު

އިންތިޚާބަކާނުލައި އެމްޑީޕީގެ ދާއިރާތަކާއި ރަށްރަށުގެ ނައިބު ރައީސުންގެ މަޤާމަށް، 36 މީހުން ހޮވައިފި


  • 71 ރަށު ނައިބު ރައީސުންނާއި 9 ދާއިރާ ނައިބު ރައީސުން އިންތިޚާބުކުރާނެ

  • ބައި-އިލެކްޝަންތައް އޮންނާނީ އަންނަ މަހު 2 ގައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީގެ ހުސްވެފައިވާ ދާއިރާތަކާއި ރަށު ނައިބު ރައީސްކަމުގެ މަޤާމުތަކަށް 36 މީހުން އިންތިޚާބަކާ ނުލައި ހޮވިއްޖެއެވެ.

އެމްޑީޕީން ބުނީ ދާއިރާތަކާއި ރަށު ނައިބު ރައީސްކަމުގެ މަޤާމުތަކަށް ވާދަކުރަން ހުޅުވާލި މުއްދަތުގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ 36 ދާއިރާއެއްގެ ނައިބު ރައީސުން އިންތިޚާބަކާ ނުލައި ހޮވިފައިވާ ކަމަށެވެ.

އެމްޑީޕީގެ ހުސްވެފައިވާ ދާއިރާތަކާއި ރަށު ނައިބު ރައީސްކަމުގެ މަޤާމުގެ ބައި-އިލެކްޝަން އޮންނާނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ. އެމްޑީޕީން ވަނީ ޖުމްލަ 103 ރަށު ނައިބު ރައީސުންނާއި 13 ދާއިރާ ނައިބު ރައީސްކަމަށް ވާދަކުރަން ހުޅުވާލާފައެވެ. ނަމަވެސް މިހާރު އެ ދުވަހު ބައި-އިލެކްޝަން އޮންނާނީ އެމްޑީޕީގެ 71 ރަށު ނައިބު ރައީސުންނާއި 9 ދާއިރާ ނައިބު ރައީސް ހޮވުމަށްކަމަށް އެޕާޓީން ބުންޏެވެ.

ދާއިރާތަކާއި ރަށު ނައިބު ރައީސްކަމުގެ މަޤާމަށް ކުރިމަތިލާން އެމްޑީޕީން ހުޅުވާލީ މިމަހުގެ 7 ވަނަ ދުވަހުއެވެ. އަދި ކުރިމަތިލާން ހުޅުވާލި މުއްދަތު މިމަހުގެ 13 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އަށްވަނީ ހަމަވެފައެވެ.

އެމްޑީޕީގެ ދާއިރާތަކާއި ރަށު ނައިބު ރައީސުން އިންތިޚާބުކުރުމުގެ އިތުރުން އެމްޑީޕީގެ ޤައުމީ މަޖިލީހުން ހުސްވެފައިވާ ދާއިރާތަކަށްވެސް މެންބަރުން އިންތިޚާބުކުރާނެއެވެ. މި ބައި-އިލެކްޝަންތައް ބާއްވަން އެމްޑީޕީން ނިންމާފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.