މިހާތަނަށް 42،800 އަށްވުރެ ގިނަ ބޭނުންނުކުރާ ބޭންކު އެކައުންޓް އެބަހުރިކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ވިދާޅުވެއްޖެއެވެ. ބޭނުންނުކުރާ އެކައުންޓު ނުވަތަ ޑޯމަންޓް އެކައުންޓަކީ ވިދިވިދިގެން 5 އަހަރު، އެ އަކައުންޓަކުން އެއްވެސް މުޢާމަލާތެއް ހިންގާފައިނުވާ އެކައުންޓުތަކެވެ.
އެމްއެމްއޭއިން ވިދާޅުވީ، ބޭނުންނުކުރާ ގިނަ ޢަދަދެއްގެ އެކައުންޓުތައް ހުރިއިރު، އެ އެކައުންޓުތަކުގައި ހުންނަ ފައިސާ ނެގޭނެކަން ރައްޔިތުންނަށް އެނގުން މުހިންމު ކަމަށެވެ. އަދި އެ އެކައުންޓުތަކުގައި ހުރި ފައިސާ، މިހާރު ބޭނުންކުރާ އެކައުންޓަކަށް ކޮންމެ ވަގުތެއްގައިވެސް ޓްރާންސްފަރކުރެވޭނެކަމަށް އެމްއެމްއޭއިން ވިދާޅުވުއެވެ.
އެމްއެމްއޭގެ ވެބްސައިޓަށް ދިއުމުން ބޭނުންނުކުރާ އެކައުންޓުތަކުގެ ރަޖިސްޓްރީ ބަލައިލެވޭނެއެވެ. އަދި އެ އެކައުންޓެއް ހުޅުވާފައިވަނީ ކޮން ބޭންކެއްގައިކަންވެސް ބަލައިލެވޭނެއެވެ. އެމްއެމްއޭއިން ވިދާޅުވީ ބޭނުންނުކުރާ އެކައުންޓުގައި ހުރި ފައިސާ ހޯދުމަށް އެދެންޖެހޭ ފޯމުވެސް ވެބްސައިޓުން ލިބޭނެ ކަމަށެވެ. ފައިސާ ހޯދުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ހުށައަޅަންޖެހޭނީ އެކައުންޓު ހުޅުވާފައިވާ ބޭންކަށެވެ.
އެމްއެމްއޭއިން ބުނީ ވިދިވިދިގެން 5 އަހަރު އެކައުންޓަކުން އެއްވެސް މުޢާމަލާތެއް ހިންގާފައިނުވާނަމަ، އެކަން އެކައުންޓުގެ ވެރިފަރާތަށް އެންގޭނެ ކަމަށެވެ. އަދި އެ އަކުންޓެއް ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިރުކުރެވޭނެ ކަމަށާއި ގެޒެޓުގައި ޝާޢިރުކުރާތާ 60 ދުވަހުގެ ތެރޭގައި އެ ފައިސާ ބޭންކުން އެމްއެމްއޭއަށް ބަދަލު ކުރެވޭނެ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
އަދި ފައިސާ އެމްއެމްއޭގައި ބެހެއްޓުމަށްފަހު އެ ފައިސާ ދެން ފޮނުވާނީ މާލީ ވުޒާރާއަށެވެ. އެމްއެމްއޭއިން ބުނީ ފައިސާ އެމްއެމްއޭއަށް 5 އަހަރު ވުމުން މާލީ ވުޒާރާއަށް ފޮނުވަނީ ރައްކާތެރިގޮތުގައި ފައިސާ ބެހެއްޓުމުގެ މަޤުޞަދުގައި ކަމަށެވެ.
ޑޯމަންޓް އެކައުންޓުތަކުން ނަގުދު ފައިސާގެ ގޮތުގައި ފައިސާ ނެގޭނެ އިންތިޒާމްވެސް އެމްއެމްއޭއިން ވަނީ ހަމަޖައްސަވާފައެވެ. ނަމަވެސް ނަގުދު ފައިސާގެ ގޮތުގައި ނެގޭނީ، އެ އެކައުންޓެއްގައި ހުރި ފައިސާ 8000 ރުފިޔާ ނުވަތަ 500 ޑޮލަރަށްވުރެ މަދު ނަމައެވެ.
މީގެ އިތުރުން ޑޯމަންޓް އެކައުންޓަކީ މަރުވެފައިވާ މީހެއްގެ އެކައުންޓެއްނަމަ، އެ އެކައުންޓެއްގައިހުރި ފައިސާ ވާރިސަކު ނަގަން ބޭނުންނަމަ ކޯޓަށް ހުށައަޅަންޖެހޭނެ ކަމަށެވެ. އަދި އެމްއެމްއޭއިން ޢަމަލުކުރާނީ ކޯޓުން ނިންމާގޮތެއްގެ މައްޗަށްކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ.