ޚަބަރު

އިޤްތިޞާދީ މަޝްރޫޢުތަކަށް ފައިނޭންސް ހޯދަން ޗައިނާގެ އެގްޒިމް ބޭންކާއެކު މަޝްވަރާކޮށްފި


  • ޗައިނާ އެގްޒިމް ބޭންކުގެ ޗެއަރމަންއާ ޚާރިޖީ ވަޒީރު ބައްދަލުކުރެއްވި

  • މާލީ އިޞްލާހުގެ ސިޔާސަތުތައް ބޭންކާ ޙިއްސާކުރެއްވި

  • ވަޒީރު ޗައިނާއަށް ވަޑައިގެންނެވީ މިމަހު 20 ގައި

އިޤްތިޞާދީ މަޝްރޫޢުތަކަށް ފައިނޭންސް ހޯދަން އެކްސްޕޯޓް-އިމްޕޯޓް ބޭންކު އޮފް ޗައިނާ، އެގްޒިމް ބޭންކާއެކު މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައްކޮށްފައިވަނީ ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިހާރު ޗައިނާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ދަތުރުފުޅުގެ ތެރެއިން ޚާރިޖީ ވަޒީރު ވަނީ ޗައިނާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުގެ ޗެއަރމަން ވޫ ފުލިންއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ އެންމެ ފަހުގެ އިޤްތިޞާދީ އަދި މާލީ މަޢުލޫމާތާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ މާލީ އިޞްލާހުގެ ސިޔާސަތުތައް ވަޒީރު ވަނީ އެ ބޭންކުގެ ޗެއަރމަންއާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ކުރިއަށްއޮތް ތަނުގައި ރާއްޖޭގެ އިޤްތިޞާދީ ބޮޑެތި މަޝްރޫޢުތަކަށް ފައިނޭންސްކުރުމާއި، ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ޗައިނާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤާއި، ޢިމާރާތްކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ ދެ ޤައުމުގެ ދެމެދު ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ވާހަކަތައްވެސް ބާއްވާފައެވެ. މި ވާހަކަތައް ބާއްވާފައިވަނީ ޗައިނާގެ ޚާރިޖީ ވަޒީރު، ވަންގ ޔީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

3 ވަޒީރުން ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ޗައިނާގެ ޚާރިޖީ ވަޒީރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިމަހުގެ 20 ވަނަ ދުވަހު ފެއްޓެވި މި ދަތުރުފުޅު ނިންމަވާލެއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 24 ވާ ބުދަ ދުވަހުއެވެ.