33 ވަނަ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އައިމިނަތު ވިދާދް އާއި އައިޝަތު ނަހުފާގެ ޕެއާ އިން ހޯދައިފިއެވެ.
މިއީ މި ދެ ކުޅުންތެރިންގެ ޕެއާ އިން މި އިވެންޓް ޖެހިޖެހިގެން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. އަދި މިއީ މި ފަހަރުގެ ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި ނަހުފާ ކާމިޔާބުކުރި ދެވަނަ އިވެންޓެވެ. މީގެކުރީން، އޭނާ ވަނީ މިކްސް ޑަބަލްސް އިވެންޓްގެ ޗެމްޕިއަންކަން ހޯދައިފައެވެ.
މި މަހުގެ 20 ގައި ފެށި ގައުމީ ކެރަމް މުބާރާތުގެ އެއްވަނަ ޑިވިޝަނުގައި މިކްސް ޑަބަލްސް އާއި އަންހެން އަދި ފިރިހެން ޑަބަލްސްގެ އިތުރުން ސިންގަލްސް އިވެންޓް އަދި ޓީމް އިވެންޓްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވެއެވެ.
ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސްގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓް ފައިނަލްގައި ވިދާދް އާއި ނަހުފާގެ ޕެއާ ވަނީ 2-1 ސެޓުން އައިޝަތު ފައިނާޒް އާއި އަފީފުއްނިސާގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 19-15 އިން ވިދާދް އާއި ނަހުފާގެ ޕެއާ ގެންގޮސްފައިވަނިކޮށް، ދެން ޖެހިގެންއައި ސެޓުން ފައިނާޒް އާއި އަފީފުއްނިސާގެ ޕެއާ މޮޅުވީ 21-14 އިންނެވެ. އަދި އެއަށްފަހު، މެޗުގެ ތިންވަނަ ސެޓުން ވަރަށް ގާތުން ވާދަކޮށް، ވިދާދް އާއި ނަހުފާގެ ޕެއާ މޮޅުވީ 18-17 އިންނެވެ.
މި އިވެންޓްގެ ތިންވަނަ ހޮވާ މެޗުގައި އައިމިނަތު ޝުބާ އާދަމް އާއި ފާތިމަތު ރަޔާނާގެ ޕެއާ އަތުން އައިމިނަތު ވިޝާމާ އާއި އާމިނަތު ނިފާޝާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވިޝާމާ އާއި ނިފާޝާގެ ޕެއާ ކާމިޔާބުކުރީ 22-10، 25-17 އިންނެވެ.