ކުޅިވަރު

ޕްރިމިއަރ ލީގުގެ މެޗުތައް އެމެރިކާގައި ކުޅުމަކީ ރަނގަޅު ވިސްނުމެއް ނޫން: ބޯންމަތު


އިނގިރޭސި ޕްރިމިއަރ ލީގުގެ ބައެއް މެޗުތައް އެމެރިކާގައި ކުޅުމަށް ގެންގުޅޭ ވިސްނުމާ މުޅިން ދެކޮޅު ކަމަށް ބޯންމަތުގެ އެމެރިކާ ވެރިޔާ، ބިލް ފޯލޭ ބުނެފިއެވެ.

މީގެކުރީން، ލީގުގެ ޗީފް އެގްޒެކެޓިވް، ރިޗާޑް މާސްޓާސް ވަނީ، ވާދަވެރި މެޗުތަކެއް ގައުމުން ބޭރުގައި ކުޅުމަކީ އެމީހުންގެ މިހާރުގެ ޕްލޭންގައިވާ ކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް އެ ކޮންސެޕްޓް ކޮންމެވެސް ވަރަކަށް މަޝްވަރާކުރެވިފައިވާ ކަމަށް ބުނެފައެވެ.

މިދިޔަ ހަފްތާގައި ނިއު ޖާޒީގެ ގަވަރުނަރު، ފިލް މާފީ ވަނީ، އެމެރިކާގައި ޕްރިމިއާ ލީގުގެ މެޗުތައް ކުޅޭތަން ބެލުމަށް ކެތްމަދުވެފައިވާ ކަމަށާއި، އޭނާ ގަބޫލުކުރާގޮތުގައި އެމެރިކާގެ އެންއެފްއެލް އެކޭ އެއްގޮތަށް ޕްރިމިއާ ލީގުން ވެސް އެ ގޮތް އިހުތިޔާރުކުރުމަށް ވިސްނާލުން ރަނގަޅުކަމަށް ބުނެފައެވެ.

ފޯލޭގެ ބޯންމައުތު އަކީ މިވަގުތު އެމެރިކާގައި ޕްރީ-ސީޒަން ޓުއާ އަށް ގޮސް އުޅޭ ޕްރިމިއާ ލީގަށް ނިސްބަތްވާ އެއް ކުލަބެވެ. އެ ޓީމުން އެމެރިކާގެ ކެލިފޯނިއާގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު މެޗުގައި އިނގިރޭސި ތިންވަނަ ޑިވިޝަނުގެ ރެކްސްހަމްއާ 1-1 އިން ވަނީ އެއްވަރުވެފައެވެ. ބޯންމައުތު ދެން ކުޅޭ މެޗުގައި ބުދަ ދުވަހު ނިކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.

ފޯލޭ ބުނީ، މިހާރު ޕްރިމިއާ ލީގު ކުލަބުތަކުން ކަންކުރަމުންދާ ގޮތް ރަނގަޅު ކަމަށެވެ. އެގޮތުން، ޕްރީ-ސީޒަން މެޗުތައް އެމެރިކާގައި ކުޅުމާމެދު އޭނާ ވަރަށް ބޮޑަށް އެއްބަސްވާ ކަމަށް ފޯލޭ ބުންޏެވެ.

އަދި، ޕްރިމިއާ ލީގުގެ މެޗުތައް ކުޅެންވާނީ މިހާރުގެ ގޮތަށް ހަމައެކަނި އިންގްލެންޑްގައި ކަމަށެވެ. މިހާރު އޮތް ސިސްޓަމަށް އޭނާ ތާއީދުކުރާ ކަމަށް ވެސް ފޯލޭ ވަނީ ބުނެފައެވެ.

އެފަދަ ނިންމުންތަކުގައި އޭނާ ބައިވެރިވާން ބޭނުންނުވާ ކަމަށާއި، އެމެރިކާގައި ޕްރިމިއާ ލީގުގެ މެޗުތައް ކުޅުމާމެދު އިނގިރޭސި ސަޕޯޓަރުންވެސް ނުރުހޭނެކަމަށް ފޯލޭ ބުންޏެވެ.

އެމެރިކާގައި ޕްރިމިއާ ލީގުގެ މެޗުތައް ކުޅުމާމެދު ބޯންމައުތުގެ ވެރިޔާ، ފޯލޭގެ ވިސްނުން ތަފާތުވިނަމަވެސް ސްޕެނިޝް ލީގުގެ ރައީސް، ހަވިއޭ ޓެބާސް ވަނީ ކުރިއަށް އޮތް ތާނގާއި ލަލީގާގެ ބައެއް މެޗުތައް އެމެރިކާގައި ކުޅުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށް ބުނެފައެވެ. މީގެއިތުރުން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާ އިން ވަނީ ގައުމުތަކުގެ ޑޮމެސްޓިކް މެޗުތައް އެ ގައުމުން ބޭރުގައި ކުޅެވޭނެ ގޮތަށް ގަވާއިދުތައް ބަދަލުކުރުމަށް ވޯކިންގ ގްރޫޕެއް ފާސްކޮށްފައެވެ.