ޚަބަރު

މަގު ބަންދުކޮށްގެން ތަރަވީސް ބޭއްވުމަށް ރަޖިސްޓްރީ ވާންޖެހޭ


ރަމަޟާން މަހުގެ ތަރާވީޙް ނަމާދަށްފަހު ބާއްވާ ތަރާވީސް ކެއުންތައް، މަގު ބަންދުކޮށްގެން ބާއްވަން ބޭނުންވާނަމަ އިސްލާމިކް މިނިސްޓްރީގައި ރަޖިސްޓްރީވާން ޖެހޭގޮތަށް ހަމަޖައްސަވައިފިއެވެ. 

އިސްލާމިކް މިނިސްޓަރގެ ނާއިބު މުޙައްމަދު މުޞްތަފާ ވިދާޅުވީ، ފަހަކަށް އައިސް މަގުތައް ބަންދުކޮށްގެން ތަރާވީސްތައް ބޭއްވުމަކީ ވަރަށް އާންމުވެފައިވާ ކަމެއްކަމަށެވެ. މަގު ބަންދުކުރަން ރަޖިސްޓްރީކުރަން ހުށައެޅުމުން، އިސްލާމިކް މިނިސްޓްރީއާއި، ހައުސިންގ މިނިސްޓްރީ އަދި ފުލުހުން ގުޅިވަޑައިގެން ޚާއްޞަ އިންތިޒާމްތަކެއް ހަމަޖައްސައިދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްޞަކޮށް މަގުތައް ބަންދުކޮށްގެން އެ ސަރަޙައްދުތައް ބެލެހެއްޓުމުގެ އިންތިޒާމާއި، ތަރާވީސް އޮންނަ ސަރަޙައްދުތަކަށް ދީނީ އިލްމުވެރިން ވަޑައިގެން، ދީނީ ދަރުސް ދެއްވުންފަދަ ކަންތައްތައް އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްދެއްވާނެކަމަށް މުޞްތަފާ ފާހަގަކުރެއްވިއެވެ. 

"އިޙްޔާ ޕްރޮގްރާމްގައި ބައިވެރިވާ އިލްމުވެރިންވެސް ހިމެނޭގޮތުން އެކި އިލްމުވެރިން  ތަރާވީސް ބާއްވާ ސަރަޙައްދުތަކަށް ގޮސް އެތަނުގައި ދީނީ ދަރުސް ދިނުމާއި، ދީނީ ސުވާލުތަކަށް ޖަވާބުދިނުން ފަދަ ކަންތައްތައް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިދޭނަން. މިއީ އެންމެންނަށްވެސް ފައިދާ ކުރާނެ ކަމެއް. ހުރިހާ ކަމެއްގައިވެސް މި މިނިސްޓްރީން އެހީތެރިވާނެ " މުޞްތަފާ ވިދާޅުވިއެވެ. 

ރަމަޟާން މަހަށް ތައްޔާރުވެވަޑައިގަތުމުގެ ގޮތުން އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން މާލޭގެ ރައްޔިތުންނަށް އެ މިނިސްޓްރީގެ ފަރާތުން ދެއްވާ މާހެފުމެއް ބޭއްވުމަށް ނިންމަވާފައި ވެއެވެ.  އަދި ރަމަޟާން މަހަށް ހަނދުބެލުމުގެ ޙަރަކާތެއްވެސް ވަނީ ރާއްވަވާފައެވެ. މީގެ އިތުރުން، މާލޭގެ މަގުތަކުގައި ދީނީ ބެނާތައް ހަރުކުރެއްވުމާއި، އިޖުތިމާޢީ ސަރަޙައްދުތަކުގައި ސައުންޑް ސިސްޓަމް ބަހައްޓައިގެން ޤުރުއާނާއި، ސިޔަރަތު އަދި ދިނީ ޕްރޮގްރާމްތައް އަޑުއިވޭނެ އިންތިޒާމް ހަމަޖެއްސެވުމަށް ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ.