ކުރީ ސަރުކާރުން ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ނިންމި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު މުރާޖާކުރުމަށްފަހު އަންނަ އޮކްޓޯބަރު މަހުގެ ތެރޭގައި އިއުލާންކުރެވޭނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ފްލެޓް ލިބުނު މީހުންގެ ލިސްޓާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް މަޢުލޫމާތު ދެއްވަމުންނެވެ.
ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓް ލިބޭނެކަމަށް ނެރެފައިވާ ލިސްޓު އުވާނުލައްވާނެ ކަމަށެވެ. ނަމަވެސް އެ ފްލެޓުތައް ލިބެނީ އެންމެ ޙައްގުވެރި މީހުންނަށްކަން ކަށަވަރު ކުރައްވާނެ ކަމަށާއި، މިހާރު ކުރިއަށްދަނީ ލިސްޓު މުރާޖާ ކުރުމުގެ މަސައްކަތްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ދާއިމީ ލިސްޓު އާންމުކުރެވޭނެ މުއްދަތާ ގުޅޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ ފްލެޓުތައް ޢިމާރާތްކޮށް ނިމެންވާއިރަށް ފައިނަލް ލިސްޓް ގެޒެޓް ކުރެވޭނެ ކަމަށެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން އަޅާ 32 ޓަވަރުގެ ތެރެއިން 6 ޓަވަރުގެ މަސައްކަތް އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި، އެހާތަނަށް ލިސްޓް އާންމު ކުރެވޭނެކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑަށް އެނގިފައި އޮތް ގޮތުގައި 32 ޓަވަރުގެ ތެރެއިން އެންމެ ފުރަތަމަ ހަ ޓަވަރު ނިމޭނީ އޮކްޓޯބަރު މަސް ނިމޭހާ ތަނުގައި. އިރާދަކުރެއްވިއްޔާ އެހާތަނަށް ފައިނަލް ލިސްޓު އާންމުކުރާނަން." ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މުރާޖާ މަރުހަލާގައި ލިސްޓުގައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށެވެ. އެއީ އެންމެ ބޮޑަށް އޮޅުވާލާ ދާއިރާ ކަމަށާއި، ރަސްމީ މައުލޫމާތުތަކަށް ބިނާކޮށް ދިރިއުޅުމުގެ ހާލަތު ބަލާނެ ކަމަށެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އެފްޑީސީއާއި ޙަވާލުކޮށްގެން ތަރައްޤީކުރާ 4000 ހައުސިންގ ޔުނިޓްގެ ކޮންސްޓަރަކްޝަން މަސައްކަތް ކުރިއަށްގެންދަނީ އިންޑިއާގެ ދެ ކުންފުންޏަކުންނެވެ. އެގޮތުން އެ ޤައުމުގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ހަވާލުކޮށްގެން 2000 ޔުނިޓުގެ މަސައްކަތް ކުރިއަށްގެންދާއިރު ބާކީ 2000 ފެލްޓުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެންބީސީސީއާއެވެ.
ކުރީ ސަރުކާރުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރުމުން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ވަނީ އެ ފްލެޓް ދޫކުރުން ހުއްޓުވާފައެވެ. އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި އެ ލިސްޓުގައި ހިމެނޭ 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވެއެވެ. އަދި ފްލެޓު ދީފައިވަނީ އޭގެ އެންމެ ހައްގުވެރިންނަށް ނޫންކަންވެސް އޭސީސީން ފާހަގަކުރައްވާފައިވެއެވެ.