ވީއޭއެމް ޕްރެޒިޑެންޓްސް ކަޕް ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަންގެ މާލޭ ޒޯންގެ ޗެމްޕިއަންކަން ޕޮލިސް ކުލަބް ހޯދައިފިއެވެ.
ޕޮލިސް ކުލަބް މިމުބާރާތުގެ ޗެންޕިއަންކަން ހޯދީ ރޭ ކުޅުނު ތިންވަނަ ފައިނަލް މެޗްގައި މޯލްޑިވިއަންގެ މައްޗަށް ސީދާ 3 ސެޓުން ކުރި ހޯދައިގެންނެވެ. މިމުބާރާތުގައި 3 ފައިނަލް މެޗް ކުޅުނު އިރު، 2 ފައިނަލް މެޗް ކާމިޔާބުކޮށްފައިވަނީ ޕޮލިސް ކުލަބެވެ.
ރޭ ކުޅުނު 3 ވަނަ ފައިނަލް މެޗްގެ ސެޓްތައް ޕޮލިސް ކުލަބް ގެންދިޔައީ 25-19، 25-22 އަދި 26-24 ނެވެ. ރޭގެ މެޗްގެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާއެވެ. މިމުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިންނަކީ ޕޮލިސް ކުލަބްގެ ހައްވާ ރާޝިދާ، ހައްވާ ސަހާ، ފާތިމަތު ޖޫޒާން، ފާތިމަތު ޒީނިޔާ އަދި މޯލްޑިވިއަންގެ އައިޝަތު މާޖިދާއާއި އައިޝަތު އިމްތިނާންއެވެ.
މިޓީމްގެ ލިބަރޯއަކީ މޯލްޑިވިއަންގެ ސިލްމާ ޒާހިރުއެވެ. ނަވާރާ އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ޕޮލިސް ކުލަބްގެ އާމިނަތު އަރީޝާއެވެ. 21 އަހަރުން ދަށުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ޕޮލިސް ކުލަބް ސެޓަރ ފާތިމަތު ޖޫޒާންއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ޗެމްޕިއަން ޕޮލިސް ކުލަބްގެ ކޯޗް މަޢުމޫރު މުހައްމަދުއެވެ. އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ ޕޮލިސް ކުލަބް ހައްވާ ރާޝިދާއެވެ. މުބާރާތުގައި ވާދަކުރީ 3 ޓީމެވެ.