ޚަބަރު

"ގޭގެވެރިފަރާތަށް ކުރި ހުކުމަކީ މަސްތުވާތަކެއްޗަށް ޖާގަ ނެތްކަން ހާމަވާކަމެއް"


  • މިއީ ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން ލިބުނު ކާމިޔާބީއެއް ކަމަށް ވަޒީރު ވިދާޅުވި

  • ގ. ޕެލިކަން ގޭގެ ވެރިފަރާތަށް 10 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވޭ

މަސްތުވާތަތެކި ބޭނުންކުރުމަށް ގެއެއް ދޫކުރި މައްސަލައެއްގައި ގޭގެ ވެރިފަރާތް ޒިންމާދާރު ކުރުވުމަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް ސަރުކާރުން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމަށް ކަމަށް ދާޚިލީ ސަލަމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދިޔަ ގ. ޕެލިކަންގޭގެ ވެރިފަރާތުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅާ އޭނާ މައްޗަށް 10 އަހަރުގެ ހުކުމެއް ކްރިމިނަލް ކޯޓުން ވަނީ ކޮށްފައެވެ. މިއީ މިފަދަ މައްސަލައެއްގައި ގެއެއްގެ ވެރިފަރާތެއްގެ މައްޗަށް ދައުވާ ކުރި ފުރަތަމަ ފަހަރެވެ.

މިމައްސަލައިގެ ހުކުމަށް އިޝާރާތް ކުރައްވާ މީސްމީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ދާޚިލީ ސަލަމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި މަސްތުވާތަކެތީގެ ޤާނޫނަށް ހަރުދަނާ ބަދަލުތަކެއް ގެނެވި މަސްތުވާތަކެތި ބޭނުން ކުރުމަށް ގެ ދޫކުރާ ފަރާތްތައްވެސް ޖަލަށް ލެވޭނެކަން ކަށަވަރުވެފައިވާ ކަމަށެވެ.

މިމައްސަލައިގެ ހުކުމް ކޮށްފައިވަނީ ޤާނޫނަށް އެންމެ ފަހުން ގެނެވުނު ބަދަލާއެކުކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، މިއީ މަސްތުވާތަކެއްޗާއި ދެކޮޅަށް ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ. ވަޒީރު ވަނީ މިމައްސަލަ ތަހުޤީޤު ކުރުމަށް ފުލުހުން ކޮށްފައިވާ މަސައްކަތަށް ތަޢުރީފް ކުރައްވާފައެވެ.

ދާޚިލީ ވަޒީރު ވިދާޅުވީ، މިއީ ރާއްޖެއަށް ދިމާވެފައިވާ މަސްތުވާތަކެތީގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތް ކާމިޔާބު ވުމަށް އެޅިގެންދިޔަ ފިޔަވަޅެއް ކަމަށެވެ. އަދި މުޖްތަމަޢު މަސްތުވާތަކެތިން ރައްކާތެރިކޮށް އޭގެ ސަބަބުން ލިބޭ ގެއްލުންތަކުން ސަލާމަތް ކުރުމަށްވެސް އެޅިގެން ދިޔަ ފިޔަވަޅެއް ކަމަށް ދާޚިލީ ވަޒީރު ވިދާޅުވިއެވެ.

ގ. ޕެލިކަން ގެއަކީ 2019ވަނަ އަހަރު ފުލުހުން ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި، ހުއްޓުވާފައިވާ ގެއެވެ. އެގޭގައި މަސްތުވާތަކެތި ވިއްކުމުގެ ވިޔަފާރިއާއި މަސްތުވާތަކެތި ބޭނުންކުރަން މަގުފަހިވާގޮތަށް ކާޓެލް ހިންގަމުންދިޔަކަމަށް ހާމަކޮށްފައިވެއެވެ. މި އޮޕަރޭޝަންގައި އެގެއިން އެކި ބާވަތުގެ މަސްތުވާތަކެތި ހޯދާފަވާއިރު، މީހުންވެސް ހައްޔަރުކޮށްފައިވެއެވެ. އަދި މަސްތުވާތަކެތި ވިއްކާކަމަށް ހުށައެޅި ތަފާތު މައްސަލަތަކުގައި ފުލުހުން އެގެޔަށް ވަދެ، މަސްތުވާތަކެތި އަތުލައިގެން، މީހުންވެސް ހައްޔަރުކޮށްފަވެއެވެ.

މި މައްސަލައިގައި ކުރި ދަޢުވާގައި ބުނެފައިވަނީ އިބްރާޙިމް ނާޘިމްގެ ބެލުމުގެ ދަށުގައި ހުރި އެ އޭގައި މީހުން މަސްތުވާތެކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާކަމަށް ޤަބޫލުކުރެވޭ ޙާލަތު އޮވެ، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުޞަތު އޮވެ އިބްރާޙިމް ނާޘިމް އެކަން ހުއްދަކޮށްފަވާކަމަށެވެ.

މިކަން ސާބިތުވެ، ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ކޮށްފައިވާ ހުކުމުގައިވާ ބަޔާނާއި އެއްގޮތަށް، ގ.ޕެލިކަންގޭގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގައި މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުން، އިބްރާމް ނާޘިމް ކުށްވެރިވެއްޖެކަމަށް ކަނޑައަޅާކަމަށެވެ. އަދި މި ކުށުގެ އަދަބެއްގެގޮތުން މަސަތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 127ވަނަ މާއްދާގެ ދަށުން، އިބްރާޙިމް ނާޘިމް، 10 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރާކަމަށެވެ.