ޔަހޫދީ ފައުޖުން ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވަން ކުރަމުންދާ މަޝްވަރާތަކަށް ހުރަސް އެޅިފައިވާ ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ. ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތަހްރާނަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ ތެރެއިންނެވެ.
ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ވަނީ އިތުރަށް ހޫނުވެފައެވެ. އަދި، ޔަހޫދީންނާއި، އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާއާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންގެ ޖަމާޢަތްތަކާއި ޔަހޫދީންނާ ދެމެދު އޮތް ނުތަނަވަސް ކަން އިތުރުވެ، މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ އިތުރުވެފައެވެ.
ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ، ޙަމާސާއި ޔަހޫދީންނާ ދެމެދު ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލަން މަޝްވަރާ ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެ މަޝްވަރާތައް ކުރިއެރުވުމަށް ޙަމާސްގެ ފަރާތުން އެންމެ އިސް ދައުރެއް އަދާ ކުރައްވަމުން ގެންދަވާފައި ވަނީ ހަނިއްޔާއެވެ. އޭނާ ޝަހީދު ކޮށްލުމާ އެކު، މަޝްވަރާތަކަށް ބޮޑު ހީނަރުކަމެއް އަންނާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
މި ކަމާ ގުޅޭ ގޮތުން ނޫސްވެރިން ބައިޑަންނާ ސުވާލު ކުރުމުން އޭނާ ވިދާޅުވީ، ހަނިއްޔާ ޝަހީދު ކޮށްލުމުން މަޝްވަރާތައް ފަސޭހަ ވެގެން ގޮސްފައި ނުވާ ކަމަށާއި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމުގައެވެ. އަދި، ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި، އެ ކަމާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވާފައިވާނެ ކަމުގައި ވެސް ބައިޑަން ވިދާޅުވިއެވެ.
ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ ޔަހޫދީ ފައުޖުން ކަމަށް ޙަމާސްގެ އިތުރުން އީރާނާއި އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ ޖަމާޢަތްތަކުން ގަބޫލު ކުރެއެވެ. ނަމަވެސް, އެ ކަން ކަށަވަރު ކޮށްދޭން ޔަހޫދީ ފައުޖުން ދަނީ ދެކޮޅު ހަދަމުންނެވެ. އެއް ސަބަބަކީ, ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ސިޔާދަތީ މިނިވަން ކަމަށް އަރައިގަނެ, ދީފައިވާ ޙަމަލާއެއްގައި ކަމަށް ވުމެވެ. އޭނާ ޝަހީދު ކޮށްލުމުން މުޖާހިދުންގެ ޖަމާޢަތްތަކުން ބަދަލު ހިފުމަށް ދީފާނެ ޙަމަލާއަކާ މެދު ވެސް ޔަހޫދީން ޖެހިލުންވެއެވެ.
ހަނިއްޔާ ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު ޙަމާސުން މީގެ ކުރިން ވެސް ވަނީ ދީފައެވެ. އަދި, އީރާނުން ވަނީ ހަނިއްޔާ އަވަހާރަ ކޮށްލުމުގެ ޒިންމާ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައިވާ އެމެރިކާއިން ވެސް އުފުލަން ޖެހޭނެ ކަމަށް ބުނެފައެވެ.
ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ސުލްޙަ ގާއިމުކޮށް، ޣައްޒާ ޢުދުވާން ހުއްޓުވަން ކުރަމުންދާ މަޝްވަރާތައް ވިލަރެސް ކުރަނީ ޤަޠަރާއި މިޞްރުން އިސްނަގައިގެންނެވެ. އެ މަޝްވަރާތަކުގައި އެމެރިކާއިން ވެސް ދަނީ ނަމެއްގައި ބައިވެރިވަމުންނެވެ.
އިޓަލީވިލާތުގެ ވެރިރަށް ރޯމްގައި އެންމެ ފަހުން ބޭއްވި މަޝްވަރާތަކަށް ފަހު ޙަމާސުން ބުނީ ވާހަކަތަކަށް ހުރަސް އަޅަން ޔަހޫދީން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ޣައްޒާ ޢުދުވާން ދިގު ދަންމަން ނިރުބަވެރި ނަތަންޔާހޫ އެއްބަސްވުމުގެ ދެލިކޮޕީއަށް އުނިއިތުރު ގެންނަން ހުށަހަޅަމުންދާ ކަމުގައެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,480އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ.
އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 91,128އަށް އުފުލިފައެވެ.