ކުޅިވަރު

އެފްއޭކަޕްގެ ޗެމްޕިއަންކަން މެންޗެސްޓަރ ޔުނައިޓަޑް ހޯދައިފި


އެކެއް އެކަކުން މެޗް އެއްވަރުވެ ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ތިރީސް މިނެޓްގެ ތެރޭގައި ހެސޭ ލިންގާޑް ޖަހައިދިން ގޯލުން އިނގިރޭސި އެފްއޭކަޕްގެ ޗެމްޕިއަންކަން މެންޗެސްޓަރ ޔުނައިޓެޑް ހޯދައިފިއެވެ. 

އިނގިރޭސި އެފްއޭކަޕްގެ ފައިނަލްގައި ރޭ ކްރިސްޓަލް ޕެލަސްއާއި ދެކޮޅަށް ކުޅުނު މެޗްގެ ފުރިހަމަ ވަގުތު ހަމަވީ އެކެއް އެކަކުން ދެ ޓީމް އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ކްރިސްޓަލް ޕެލަސްއިންނެވެ. މި ލަނޑު އެޓީމަށް ޖަހައިދިނީ ޖޭސަން ޕަންޗޮންއެވެ. 

އޭގެ ހަތަރު މިނެޓްފަހުން މެންޗެސްޓަރ ޔުނައިޓެޑަށް ނަތީޖާ ހަމަހަމަކޮށްދިނީ ހުއާން މާތާއެވެ. 

މި ނަތިޖާގައި އޮވެ މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތުގެ ދެހާފް ކުޅުނެވެ. އިތުރުވަގުތުގައި މެންޗެސްޓަރ ޔުނައިޓެޑްގެ ޑިފެންޑަރ ކްރިސް ސްމޯލިންގއަށް ދެވަނަ ރީނދޫކާޑާއިއެކު ރަތްކާޑު ދެއްކުމުން މެޗުގައި ޔުނައިޓެޑަށް އިތުރު ހުރަސްތަކެއް ކުރިމަތިވިއެވެ. އެހެން ނަމަވެސް ޒުވާން ފޯވާޑް ހެސޭ ލިންގާޑްގެ ހިތްގައިމު ގޯލާއިއެކު މެންޗެސްޓާރ ޔުނައިޓެޑުން މެޗް ކާމިޔާބުކޮށް އެފްއޭކަޕްގެ ތަށި ބާރަވަނަ ފަހަރަށް އުފުލާލިއެވެ. 

މެޗަށް ފަހު މެންޗެސްޓާރ ޔުނައިޓެޑްގެ ކޯޗް ލުއީ ވެންޚާލް ބުނީ މިއީ މެންޗެސްޓަރ ޔުނައިޓެޑްގެ ސަޕޯޓަރުންނަށް އޭނާ ހޯދައިދިން ކާމިޔާބީއެއްކަމަށާއި، ހުރިހާވެސް ޝުކުރެއް ހައްގުވަނީ ކެތްތެރިކަމާއިއެކު އޭނާއަށް އިތުބާރުކުރި ސަޕޯޓަރުންނަށްކަމަށެވެ. މެޗަށްފަހު ކްރިސްޓަލް ޕެލަސްގެ ކޯޗް އެލެން ޕާޑިވް ބުނީ މެޗުން ބަލިވީ ކުޅުންތެރިން ދަށްކޮށް ކުޅެގެންނޫންކަމަށާއި، ފެނިގެންމިދިޔައީ މޮޅު ފައިނަލެއްކަމަށެވެ. ރޭގެ މެޗު ކޮންމެ ޓީމަކަށްވެސް މޮޅުވުން ހައްގުކަމަށާއި، އޭނާގެ އެއްވެސް ޝަކުވާއެއް ނެތްކަމަށް އޭނާ ބުންޏެވެ.