ޚަބަރު

އަމާޒަކީ ސްކޫލް ތައުލީމު ނިންމާ ގްރޭޑަކީ، ގްރޭޑް 12އަށް ހެދުން: ތަޢުލީމީ ވުޒާރާ


  • ސަރުކާރުގެ ޢަމާޒު ހުރީ ކޮންމެ ދަރިވަރަކަށް އޭލެވެލްގެ ފުރުޞަތު ދިނުމަށް

  • ޓީޗިން ދާއިރާއަށް ޒުވާނުން ނެރުމަށް ބޮޑު ޕްރޮގްރާމެއް ފަށަން ވަނީ ތައްޔާރުވެފައި

  • ވޮކޭޝަނަލް އެޑިއުކޭޝަންގެ ފުރުޞަތުވެސް ފަހިކޮށްދޭނެ

ސަރުކާރުގެ ޢަމާޒަކީ ކުރިއަށްއޮތްތަނުގައި ރާއްޖޭގައި ސްކޫލް ތައުލީމު ނިންމާ ގްރޭޑަކީ، ގްރޭޑް 12އަށް ހެދުންކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މަތީ ސާނަވީ ތަޢުލީމުގެތެރެއިން ބޮޑު ބަދަލެއް ގެންނަން ތަޢުލީމީ ވުޒާރާއިން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ދާއިރާއިން ސަރުކާރުން މިވަގުތު ނިންމާފައިވާ އެންމެ ބޮޑު އެއް ނިންމުމަކީ ރާއްޖޭގެ 23 ސްކޫލެއްގައި އޯލެވެލް ނިންމާ ހުރިހާ ދަރިވަރުންނަށް، ޖާގަ އޮތް މިންވަރުން އޭލެވެލްއަށް ވަނުމުގެ ފުރުޞަތު ދިނުމަށެވެ. 23 ސްކޫލްގައި މި ޕްރޮޖެކްޓް ޕައިލެޓްކުރާއިރު، ކުރިމަގުގައި އޭލެވެލް ކިޔަވައިދޭ ހުރިހާ ރަށްތަކުގައި މި ފުރުޞަތު ފަހިކުރުމަކީ ސަރުކާރުގެ ޢަމާޒެކެވެ. ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމަށް ސަރުކާރުން މިހާރު ވަނީ އޭލެވެލްއަށް ވަދެވޭ ކްރައިޓީރިއާވެސް ދަށްކޮށްފައެވެ.

ޓީވީއެމްގެ ހެނދުނު ހެނދުނާ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޙައްމަދު ވިދާޅުވީ އެންމެ ބޮޑު ބޭނުމަކީ ކުއްޖާގެ އުމުރުން 18 އަހަރު ވަންދެން، ރަސްމީ ތަޢުލީމުގެ ނިޒާމުގެތެރެއިން އުނގެނުމުގެ ފުރުޞަތު ވީހާވެސް ފުޅާ ދާއިރާއެއްގައި ދިނުންކަމަށެވެ. އަދި އޭލެވެލް ކިޔަވާ ކަރިކިއުލަމްތަކުގެތެރެއިން، ދަރިވަރުން ކިޔަވާ ނިންމާއިރު ވަޒީފާގެ އެކި ދާއިރާތަކުން ފައުންޑޭޝަން ފެންވަރަށް ކުދިން ތަމްރީންވެފައި ތިބުންކަމަށެވެ.

މި މަސައްކަތުގައި އެންމެ ފުރަތަމަ އިސްކަން ދީފައިވަނީ ދިވެހި މުދައްރިސުން އިތުރުކުރުމަށް ކުރަމުންދާ މަސައްކަތަށެވެ.

އަހުމަދު މުޙައްމަދު ވާޅުވީ މި މަސައްކަތް ކުރާނީ ދަރިވަރުން ގްރޭޑް 11އަށް ވަންނައިރު، ތަޢުލީމީ ވުޒާރާއާއި އެ ދަރިވަރުންނާ ބެލެނިވެރިންނާއެކު ހަދާ އެއްބަސްވުމަކާއެކުކަމަށެވެ. އެ ދަރިވަރުން އޭލެވެލްގައި ކިޔަވަމުންދާނީ ޝައުގުވެރިކަން ހުރި މާއްދާތަކުން މުދައްރިސަކަށްވުމުގެ ޢަމާޒާ އެއްގޮތަށެވެ.

މި ދަރިވަރުން އޭލެވަލް ނިންމާއިރު ޕްރައިމަރީ ގްރޭޑްގެ މުދައްރިސަކަށް ވުމުގެ ފައުންޑޭޝަން ލެވެލްގެ މިންގަނޑުތަކަށް ފެތޭނެއެވެ. ޓީޗިން ދާއިރާއަށް ޝަޢުގުވެރިކަން ފާޅުކޮށް، މި އެއްބަސްވުމުގެދަށުން ކިޔަވާ ދަރިވަރުންނަށް މަހުންމަހަށްދޭ ޚާއްސަ އެލަވަންސްއެއްވެސް ދިނުމަށް ނިންމާފައިވާކަމަށް ސްޓޭޓް މިނިސްޓަރ އަހުމަދު މުޙައްމަދު ވިދާޅުވިއެވެ. މި ބަދަލު އަންނަ މަހު ފަށާ އޭލެވެލްގެ އާ ބެޗާއެކު ގެންނާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

"މިއަހަރު އޭލެވަލްއަށް ވަންނަ ކުދިންގެތެރެއިން ޓީޗިން ދާއިރާ ޚިޔާރުކުރާ ކުދިންނަށް ސްޓައިޕެންޑް އެލަވަންސްއެއް ދޭން ވަނީ ނީންމާފައި. އެއީ 1500 ރުފިޔާގެ އެލަވަންސްއެއް. މިކަން ކުރާނީ ދަރިވަރު އަދި ބެލެނިވެރިންނާއެކު ހަދާ އެއްބަސްވުމެއްގެދަށުން" ތަޢުލީމީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަހުމަދު މުޙައްމަދު ވިދާޅުވިއެވެ.

މީގެއިތުރުން ބައެއް މާއްދާތަކުން އެޑެކްސެލް އިމްތިޚާނު ޕޭޕަރުގެ ބަދަލުގައި ދަރިވަރު އިޚްތިޔާރުކުރާނަމަ ރާއްޖެއިން ތައްޔާރުކުރާ ފައިނަލް އިމްތިހާނު ޕޭޕަރެއް ހެދުމުގެ ފުރުޞަތުވެސް ލިބޭގޮތަށް ހަމަޖެއްސުން ހިމެނެއެވެ. އަދި އޭލެވެލްގައި ބައެއް މުހިންމު ދާއިރާތަކުން ހުނަރު ދަސްކޮށްދިނުމަށް ޕްރޮގްރާމްތައްވެސް ހިންގާނެއެވެ.

ރާއްޖޭގައި ސްކޫލްތަކުގައި ކިޔަވައިދިނުމަށް 10000އަށްވުރެ ގިނަ ޓީޗަރުން ހަރަކާތްތެރިވާއިރު، މީގެތެރެއިން 2000އަށްވުރެ ގިނަ މުދައްރިސުންނަކީ ބިދޭސީ މުދައްރިސުންނެވެ.

އޭލެވެލް ނިޒާމުގެތެރެއިން މި ގެންނަ ބަދަލުގެ ބޭނުމަކީ ރާއްޖޭގައި ހުރި އެކި ފުރުޞަތުތަކަށް ދިވެހި ޒުވާނުން ނެރުމެވެ. ޚާއްސަގޮށްތެއްގައި ތަޢުލީމީ ދާއިރާއަށް 21 ވަނަ ގަރުނުގެ ވިސްނުމަށްފެތޭ ފެންވަރު ރަނގަޅު ޒުވާން މުދައްރިސުންތަކެއް ނެރުމެވެ. މިއީ މުޅި ޤައުމުގެ އުފެއްދުންތެރިކަން އެތަށް ގުނައަކުން ކުރިއެރުވޭނެ ކަމެއްގެގޮތުގައި ސަރުކާރުން ދެކެއެވެ.