ހައްދުފަހަނަ އެޅި ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއްދީ ފަސް މީހުން ޝަހީދު ކޮށްލައިފިއެވެ. ހުޅަނގު އައްސޭރީގެ ޠުލްކަރްމަށް ދީފައިވާ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ މަގުމަތީގައި ދުއްވާފައި ދިޔަ ކާރަކަށެވެ. ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ އެ ޙަމަލާގައި އެ ޖަމާޢަތުގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލާފައިވާ ކަމުގައެވެ.
ހުޅަނގު އައްސޭރީގެ ޞިއްޙީ އިދާރާއިން ބުނީ ޠުލްކަރްމަށް ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާގައި އިތުރު ހަތަރު މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. ނަމަވެސް, އެއީ ކޮން ބަޔެއް ކަން ސާފެއް ނޫނެވެ. ޙަމާސުން ބުނީ, ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ޖަމާޢަތުގެ ޠުލްކަރްމް ބްރިގޭޑްސްގެ މުޖާހިދުން ދަތުރު ކުރަމުން ދިޔަ އުޅަނދަކަށް ކަމުގައެވެ.
2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެން ހުޅަނގު އައްސޭރީގައި ހަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތްތަކާއި ޔަހޫދީ ފައުޖާ ދެމެދު ވެސް ނުތަނަވަސް ކަން ވަނީ އިތުރުވެފައެވެ. ޢުދުވާން ފެށި ފަހުން ޔަހޫދީ ފައުޖުން ދަނީ ހުޅަނގު އައްސޭރީގެ ރަށްތަކަށް ވެސް ރޭޑު ޖަހައި, ލާއިންސާނީ ގަތުލުއާންމުތައް ހިންގަމުންނެވެ. އަދި, ހުޅަނގު އައްސޭރީގައި ދިރިއުޅޭ މުސްލިމުންނަށް ލާއިންސާނީ އަނިޔާތައް ދެމުންނެވެ.
އީރާނުގެ ވެރިރަށް ތަހްރާނަށް ދާދި ފަހުން ދިން ޙަމަލާއެއްގައި ޔަހޫދީ ފައުޖުން ވަނީ ޙަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ވެސް ޝަހީދު ކޮށްލާފައެވެ. އޭނާ ޝަހީދު ކޮށްލުމުން މެދުއިރުމަތީގެ މަސްރަޙު ވަނީ އިތުރަށް ހޫނުވެފައެވެ. އަދި, މެދުއިރުމަތީގެ ޤައުމުތަކުގައި ޙަރަކާތްތެރިވާ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ އެކްސިސް އޮފް ރެސިސްޓެންސުން ވަނީ ހަނިއްޔާ ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފާނެ ކަން އިޢުލާނުކޮށް, ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ.
ހަނިއްޔާގެ ޖަނާޒާ ބާއްވާފައި ވަނީ އޭނާ ދިރިއުޅުއްވަމުން ގެންދެވި ޤަޠަރުގެ ވެރިރަށް ދަވްޙާގައި, އަލް-އިމާމް މުޙައްމަދު ބިން ޢިބްދު އަލް-ވައްހާބް މިސްކިތުގައި އިއްޔެގެ ހުކުރު ނަމާދަށް ފަހުއެވެ. ހަނިއްޔާގެ ޖަނާޒާއާއި ކަށު ނަމާދުގައި އެތަކެއް ހާސް ބަޔަކު ބައިވެރިވިއެވެ. އޭގެ ތެރޭގައި, އެކްސިސްގައި ހިމެނޭ ޖަމާޢަތްތަކުގެ އިސްވެރިންނާއި, ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ އިސްވެރިން ހިމެނެއެވެ. ހަނިއްޔާ ފަސްދާނު ލާފައި ވަނީ ދަވްޙާގެ ލުސީލް ގަބުރުސްތާނުގައެވެ. ޢަރަބި އަދި އިސްލާމީ ގިނަ ޤައުމުތަކެއްގައި ވެސް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކޮށްފައިވެއެވެ. އޭގެ ތެރޭގައި އުރުދުނާއި, ޔަމަންގެ އިތުރުން ތުރުކީވިލާތް ހިމެނެއެވެ.
ޔަހޫދީ ފައުޖުން ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ހުވައި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތަހްރާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެ ޙަމަލާގައި އޭނާގެ ހަށިފާރަވެރިޔާ ވެސް ވަނީ ޝަހީދު ކޮށްލާފައެވެ. އެ ޙަމަލާގެ ޒިންމާ އުފުލަން ޔަހޫދީ ފައުުޖުން ދެކޮޅު ހަދަމުން ދަނީ, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އެކްސިސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ދީފާނެ ޙަމަލާއަކަށް ޖެހިލުންވާތީއެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,480އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 91,128އަށް އުފުލިފައެވެ.