ޚަބަރު

ހަނިއްޔާ ޝަހީދު ކޮށްލަން ބޭނުން ކޮށްފައި ވަނީ ކުރު-ރާސްތާ ހަތިޔާރެއް: އީރާން


ފަލަސްޠީނުގެ މުޖާހިދުންގެ ޖަމާޢަތް, ޙަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލަން ޔަހޫދީ ފައުޖުން ބޭނުން ކޮށްފައި ވަނީ ކުރު-ރާސްތާގެ ޕްރޮޖެކްޓައިލެއް ނުވަތަ ހަތިޔާރެއް ކަން ހާމަކޮށް, އެ ކަމުގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އީރާނުން ދީފިއެވެ. ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތަހްރާނަށް ކުރައްވަމުން ގެންދެވި ދަތުރުފުޅުގެ ތެރެއިންނެވެ.

އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރު (އައިއާރްޖީސީ)ން ބުނީ ހަނިއްޔާ އަވަހާރަ ކޮށްލަން ދިން ޙަމަލާގައި ޔަހޫދީ ފައުޖުން ބޭނުން ކޮށްފައި ވަނީ ހަތް ކިލޯގެ ވޯހެޑެއް ނުވަތަ ގޮވާތަކެތި ބޭނުން ކޮށްގެން އުފައްދާފައިވާ ހަތިޔާރެއް ކަމުގައެވެ. އޭނާ ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުން "އެންމެ އެކަށޭނަ ވަގުތެއްގައި, އެންމެ އެކަށޭނަ ތަނަކަށް, ނުރައްކާތެރި ޙަމަލާތަކެއް" ދޭނެ ކަމަށް ވެސް އައިއާރްޖީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ. އަދި, ހަނިއްޔާ ޝަހީދު ކޮށްލުމުގައި ފަހަތުގައި އޮތީ ޒަޔަނިސްޓު އިސްރާއީލު ކަން ކަށަވަރު ކުރެވިފައިވާ ކަމުގައި ވެސް އައިއާރްޖީސީން ބުންޏެވެ.

ހަނިއްޔާ ޝަހީދު ކޮށްލަން ދިން ޙަމަލާގެ ޒިންމާ "ކުށްވެރި" އެމެރިކާއިން އުފުލަން ޖެހޭނެ ކަމުގައި ވެސް އައިއާރްޖީސީން ބުންޏެވެ. ސަބަބަކީ, އެމެރިކާއަކީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު ކަމުގައި ވުމެވެ. އަދި, އިސްރާއީލާއި ޔަހޫދީން ހިމާޔަތް ކޮށްދޭން އެމެރިކާއިން އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދެމުން ދިޔުމެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމުން މެދުއިރުމަތީގެ މަސްރަޙު ވަނީ އިތުރަށް ހޫނުވެފައެވެ. އަދި, މެދުއިރުމަތީގެ ޤައުމުތަކުގައި ޙަރަކާތްތެރިވާ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ މައްޗަށް އެކުލެވިގެންވާ އެކްސިސް އޮފް ރެސިސްޓެންސުން ވަނީ ހަނިއްޔާ ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފާނެ ކަން އިޢުލާނުކޮށް, ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ.

ހަނިއްޔާގެ ޖަނާޒާ ބާއްވާފައި ވަނީ އޭނާ ދިރިއުޅުއްވަމުން ގެންދެވި ޤަޠަރުގެ ވެރިރަށް ދަވްޙާގައި, އަލް-އިމާމް މުޙައްމަދު ބިން ޢިބްދު އަލް-ވައްހާބް މިސްކިތުގައި އިއްޔެގެ ހުކުރު ނަމާދަށް ފަހުއެވެ. ހަނިއްޔާގެ ޖަނާޒާއާއި ކަށު ނަމާދުގައި އެތަކެއް ހާސް ބަޔަކު ބައިވެރިވިއެވެ.

އޭގެ ތެރޭގައި, އެކްސިސްގައި ހިމެނޭ ޖަމާޢަތްތަކުގެ އިސްވެރިންނާއި, ޢަރަބި އަދި އިސްލާމީ ޤައުމުތަކުގެ އިސްވެރިން ހިމެނެއެވެ. ހަނިއްޔާ ފަސްދާނު ލާފައި ވަނީ ދަވްޙާގެ ލުސީލް ގަބުރުސްތާނުގައެވެ. ޢަރަބި އަދި އިސްލާމީ ގިނަ ޤައުމުތަކެއްގައި ވެސް ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކޮށްފައިވެއެވެ. އޭގެ ތެރޭގައި އުރުދުނާއި, ޔަމަންގެ އިތުރުން ތުރުކީވިލާތް ހިމެނެއެވެ.

ހަނިއްޔާ ޝަހީދު ކޮށްލަން ދިން ޙަމަލާގެ ޒިންމާ އުފުލަން ޔަހޫދީ ފައުުޖުން ދަނީ ދެކޮޅު ހަދަމުންނެވެ. ސަބަބަކީ, އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން އެކްސިސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ދީފާނެ ޙަމަލާއަކަށް ޖެހިލުންވުމެވެ.

އީރާނާއި އެކްސިސްގެ ލަޝްކަރުން ޔަހޫދީންނަށް އަމާޒުކޮށް ދީފާނެ ޙަމަލާއަކުން އެ މީހުން ދިފާޢު ކުރަން އެމެރިކާއިން ވަނީ ފިޔަވަޅުތަކެއް އަޅާނެ ކަން އިޢުލާނު ކޮށްފައެވެ. މި ގޮތުން, މެދުއިރުމަތީގައި ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތަކުގެ ޢަދަދު އިތުރު ކުރާނެ ކަން އެމެރިކާގެ ދިފާޢީ ޢިދާރާ, ޕެންޓެގަނުން ވަނީ ހާމަ ކޮށްފައެވެ.