ސޮމާލިޔާގެ ވެރިރަށް މޮގަދިޝޫގެ އަތިރިިމަތީގައި ހުންނަ ރެސްޓޯރެންޓެއްގައި ބޮމެއް ގޮއްވައިލައިގެން ނުރައްކާތެރި ޙަމަލާއެއްދީ ޢާންމުންގެ 32 މީހުން މަރައިލައިފިއެވެ. އެ ޤައުމުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, އަލް-ޝަބާބުން ދީފައިވާ ކަމަށް ބެލެވޭ މި ޙަމަލާ އަމާޒު ކޮށްފައި ވަނީ ޢާންމުންގެ މެދުގައި މަޤުބޫލު ސަރަޙައްދެއްގައެވެ. އެ ޙަމަލާގައި 60އަށްވުރެ ގިނަ މީހުން ޒަޚަމުވި ކަމުގައި ސޮމާލިޔާގެ ސަރުކާރުން ހާމަކުރިއެވެ.
މިއީ, 2022ވަނަ އަހަރު މޮގަދިޝޫގައި އެއް ފަހަރާ ދެ ބޮން ގޮއްވައިލައިގެން ދިން ޙަމަލާއަށް ފަހު ދީފައިވާ އެ ފަދަ އެންމެ ނުރައްކާތެރި ޙަމަލާއެވެ. އެ އަހަރުގެ އޮކްޓޫބަރު މަހު ކާރޫބާރޫ ބޮޑު މާރުކޭޓެއް ކައިރީގައި ބޮން ގޮއްވައިލައިގެން ދިން ޙަމަލާގައި 100އަށްވުރެ ގިނަ މީހުން މަރުވެ, 300އަށްވުރެ ގިނަ މީހުން ޒަޚަމުވިއެވެ.
ސޮމާލިޔާ ފުލުހުންގެ ތަރުޖަމާނު ޢަބްދުލްފައްތާޙް ޢަދަން ވިދާޅުވީ, އަތިރިމަތީގައި ހުރި ރެސްޓޯރެންޓެއް ކައިރީގައި ދިން ޙަމަލާގައި މަރުވި މީހުންގެ ތެރޭގައި ސިފައިންގެ މީހަކު ވެސް ހިމެނޭ ކަމުގައެވެ. އެ ޙަމަލާ ދިނުމުގައި އަލް-ޝަބާބަށް ނިސްބަތްބާ ހަތަރު މީހަކު ހަރަކާތްތެރިވި ކަމަށާއި, ބޮން ގޮއްވައިލާފައި ވަނީ އޭގެ ތެރެއިން އެކަކު އަމިއްލައަށް ފުރާނަ ނަގައިލައިގެން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ. ފުލުހުން ވަނީ އެ ކަމުގައި ބައިވެރިވި އަނެއް ތިން މީހުންނަށް ޙަމަލާދީ, އޭގެ ތެރެއިން ދެ މީހަކު މަރައިލައި, ތިން ވަނަ މީހާ ހައްޔަރު ކޮށްފައެވެ.
ސޮމާލިޔާގައި މީގެ ކުރިން ދީފައިވާ މި ފަދަ ޙަމަލާތަކުގެ ޒިންމާ އުފުލާ ކަން އަލް-ޝަބާބުން ހާމަކޮށްފައިވީ ނަމަވެސް, އަތިރިމަތީގައި ތިބި ޢާންމުންނަށް އަމާޒުކޮށް ދީފައިވާ ޙަމަލާގެ ޒިންމާ އެ ޖަމާޢަތުން އުފުލާފައެއް ނެތެވެ. މި ޙަމަލާއާ ގުޅިގެން ސޮމާލިޔާގެ ރައީސް ޙަސަން ޝައިޚް މަޙްމޫދާއި ބޮޑުވަޒީރު ޙަމްޛާ ޢަބްދީ ބައްރީ ވަނީ އެ ޤައުމުގެ ސަލާމަތީ ބާރުތަކުގެ ކުއްލި ބައްދަލުވުމެއް ބާއްވަވާފައެވެ.
"ނިރުބަވެރިކަން ނައްތައިލަން ސަރުކާރުން ކުރަމުންދާ މަސައްކަތައް ހުއްޓުމެއް ނެތި ކުރައަށް ދާނެ. ނިރުބަވެރިންގެ އަމާޒަކީ ޢާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރި ކަން އުފެއްދުން. ޢާންމުންގެ ތެރޭގައި ފިލައި ތިބި ނިރުބަވެރިންގެ މަޢުލޫމާތު ހިއްސާ ކުރަން ގޮވައިލަން،" ސޮމާލިޔާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ. ނަމަވެސް, އެ ޙަމަލާގެ ފަހަތުގައި އޮތީ އަލް-ޝަބާބު ކަން ސަރުކާރުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ސޮމާލިޔާގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައިވާ އަލް-ޝަބާބްގެ ނިރުބަވެރިންނާ ދެކޮޅަށް އެ ޤައުމުގެ އަސްކަރިއްޔާއިން ދަނީ ހަނގުރާމަ ކުރަމުންނެވެ. 2022ވަނަ އަހަރު ފެށި އަސްކަރީ ކެމްޕޭނެއްގެ ދަށުން, އަލް-ޝަބާބުން އަތްގަދަ ކޮށްފައިވާ ބައެއް ސަރަޙައްދުތައް ވަނީ މިނިވަން ކޮށްފައެވެ. ނަމަވެސް, ވެރިރަށް މޮގަދިޝޫއަށް އަމާޒުކޮށް އެ ޖަމާޢަތުން ދޭ މި ފަދަ ނިރުބަވެރި ޙަމަލާތައް ހުއްޓުވަން އަސްކަރިއްޔާ އޮތީ ނުކުޅެދިފައެވެ.