ޚަބަރު

ޔޫކްރެއިނުން ޙަމަލާދީ ރަޝިިޔާގެ އަސްކަރީ ސަބްމެރިނެއް ފައްތައިލައިފި


ޔޫކްރެއިނުން ސިވާސްތޯޕަލަށް ދިން ޙަމަލާއެއްގައި ރަޝިޔާގެ އަސްކަރީ މަނަވަރެއް ފައްތައިލައިފިއެވެ. ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔޫކްރެއިނުން ވަނީ ރަޝިޔާގެ ބިޔެލްގޮރޮދާއި, ކޫރްސްކްގެ އިތުރުން ރަސްތޯފަށް ވެސް ވަރުގަދަ ޙަމަލާތަކެއްދީ, ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އެ ސަރަޙައްދުތަކުގައި ހުންނަ ތެޔޮ ރައްކާ ކުރާ ގުދަންތަކަށެވެ.

ޔޫކްރެއިންގެ ދިފާޢީ ވުޒާރާއިން ބުނީ, ސިވާސްތޯޕަލަށް ދީފައިވާ ޙަމަލާތަކުގައި ފައްތައިލާފައި ވަނީ ބީ-237 ރަސްތޯފް-ނަ-ދާނޯ މަރުކާގެ ސަބްމެރިނެއް ކަމުގައެވެ. އެ ސަބްމެރިން ކަޅު ކަނޑުގެ އަޑިއަށް ފެތިފައިވާ ކަމުގައި ވެސް އެ ވުޒާރާއިން ބުނެފައިވެއެވެ. އެ ޙަމަލާތަކުގައި އެސް-400 މަރުކާގެ ވައިގެ ދިފާޢީ ނިޒާމެއް ހަލާކު ކޮށްލާފައިވާނެ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ. ނަމަވެސް, ރަޝިޔާއިން އެ ކަން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ޔޫޔްރެއިންގެ ފައުޖުތަކުން ވަނީ ރަޝިޔާގެ މަރޯޒޮވްސްކް އަސްކަރީ ވައިގެ ބަނދަރަަށް ވެސް ޙަމަލާތަކެއް އަމާޒު ކޮށްފައެވެ. އެ ޙަމަލާތަކުގައި, ގިނަ ޢަދަދެއްގެ ގައިޑެޑް ބޮން ހަލާކު ކޮށްލާފައިވާނެ ކަމުގައި ވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުންޏެވެ. ޔޫކްރެއިންގެ ރަށްތަކަށް ޙަމަލާ ދިނުމަށް ރަޝިޔާއިން ގިނަ ޢަދަދެއްގެ ގައިޑެޑް ބޮން ދަނީ ބޭނުން ކުރަމުންނެވެ.

"ހުރިހާ ވަސީލަތެއް ބޭނުން ކޮށްގެން ރަޝިޔާގެ ވައިގެ ސިފައިންގެ އަމާޒުތައް ނައްތައިލަން ޖެހޭ. އެންމެ ހަމަހަމަ ގޮތަކީ ރަޝިޔާގެ އަސްކަރީ ވައިގެ ބަނދަރުތަކަށް ޙަމަލާ ދިނުން. އެ ކަމަށް އަޅުގަނޑުމެންގެ މަދަދުވެރިންގެ އެހީތެރިކަން ބޭނުންވޭ ސަލާމަތީ ހައްލެއް ހޯދަން،" ޔޫކްރެއިންގެ ރައީސް ވޮލޮޑީރް ޒެލެންސްކީ ވިދާޅުވިއެވެ.

ނޭޓޯގެ ޤައުމުތަކުން ފޯރުކޮށްދެމުންދާ ހަތިޔާރު ބޭނުން ކޮށްގެން ރަޝިޔާގެ ރަށްތަކަށް ޙަމަލާ ދިނުމުގެ ހުއްދައަށް ވެސް އޭނާ ތަކުރާރުކޮށް އެދިވަޑައިގެންނެވިއެވެ. ޒެލެންސްކީ ވިދާޅުވީ, ޔޫކްރެއިނަށް ޙަމަލާ ދޭން ރަޝިޔާއިން ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި 600އަށްވުރެ ގިނަ ގައިޑެޑް ބޮން ބޭނުން ކޮށްފައިވާ ކަމުގައެވެ.

ރަޝިޔާގެ ތެޔޮ ރައްކާ ކުރާ ގުދަންތަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކާ ގުޅިގެން ދެ ސަރަޙައްދެއްގައި ބޮޑު އަލިފާންގަނޑެއް ރޯވި ކަމުގައި ވެސް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުންޏެވެ. ރަޝިޔާއިން ވެސް ވަނީ ރަސްތޯފްގެ ކައިމިޔަންސްކީ ޑިސްޓްރިކްޓުގައި ހުރި ތެޔޮ ރައްކާކުރާ ގުދަނަކަށް ޔޫކްރެއިނުން ދިން ޑްރޯން ޙަމަލާއެއްގައި އެ ތަނުގައި އަލިފާން ރޯވެފައިވާ ކަން ކަށަވަރު ކޮށްދީފައެވެ.

ބިޔެލްގޮރޮދުގެ ސަރަޙައްދީ ގަވަރުނަރު ވިދާޅުވީ, އެ ސަރަޙައްދުގައި ހުރި ތެޔޮ ރައްކާ ކުރާ ގުދަނަކަށް ޔޫކްރެއިނުން ދިން ޑްރޯން ޙަމަލާގައި ރޯވި އަލިފާންގަނޑު ނިއްވައިލާފައިވާ ކަަމަށާއި, އެ ޙަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައެވެ. ރަޝިޔާގެ ރަށްތަކަށް އަމާޒުކޮށް ދުރު-ރާސްތާ ހަތިޔާރު ބޭނުން ކޮށްގެން ޔޫކްރެއިނުން ދެމުންދާ އެ ފަދަ ޙަމަލާތައް ފަހަކަށް އައިސް އިތުރު ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.

މި ދަނޑިވަޅުގައި, ޔޫކްރެއިނަށް އަރާފައިވާ ރަޝިޔާގެ ފައުޖުތަކުން ވެސް ދަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. އެ ގޮތުން, ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ޕޯކްރޮވްސަށް އަތްގަދަ ކުރުމަށް މަސައްކަތް ކުރަމުންދާ ރަޝިޔާގެ ފައުޖުތަކުން އެ ސަރަޙައްދަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރު ކޮށްފައިވާ ކަމުގައި ޔޫކްރެއިނުން ބުންޏެވެ. ގައިޑެޑް ބޮން ބޭނުން ކޮށްގެން ދެމުންދާ ޙަމަލާތައް އިތުރު ކުރުމާ ގުޅިގެން, އެ ސަރަޙައްދުގައި ދިރިއުޅޭ ޢާންމުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން މަސައްކަތް ކުރަމުންދާ ކަމުގައި ޔޫކްރެއިންގެ އިޖުތިމާޢީ ޚިދުމަތްތެރިން ހާމަކުރިއެވެ.

ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ރަޝިޔާއިން ވަނީ ޕޯކްރޮވްސްކުގެ ބިމުން 57 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ. އެއީ, އޭޕްރިލަށް ފަހު ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ތިންވަނައަށް އެންމެ ބޮޑު ސަރަޙައްދު ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.

ރަޝިޔާގެ އަސްކަރިއްޔާއިން ދާދިފަހުން ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަން އެ ޤައުމުގެ ދިފާޢީ ވުޒާރާއިން ވެސް ކަށަވަރު ކޮށްދެއެވެ. އެ ވުޒާރާއިން ބުނީ, ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ދޮންޏެސްކުގެ ފަސް އަވަށަކަށް އަތްގަދަ ކޮށްފައިވާނެ ކަމުގައެވެ.

2022 ފެބުރުވަރީ 24ގައި ފެށި ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ދޮންޏެސްކުގެ އިތުރުން އެ ސަރަޙައްދާއި އިންވެގެން އޮތް ލުހާންސްކާއި ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަކީ ރަޝިޔާއިން 2014ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ސަރަޙައްދެކެވެ.