ޚަބަރު

ޙަސީނާއާ މަޝްވަރާކުރަން ދެކޮޅުހަދައި ބޮޑު ހަމަނުޖެހުމަކާ ދިމާލަށް


ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން ހިނގި ކުރިމަތިލުންތަކެއްގައި 12 މީހުން މަރުވެ, 30 މީހުން ޒަޚަމުވެއްޖެއެވެ. ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ފެށި މުޒާހަރާތަކުގެ ބައިވެރިން މިހާރު ދަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ.

ވެރިރަށް ދާކާގައި ހަމަނުޖެހުންތައް ހިނގަމުން ދަނީ މުޒާހަރާގެ ބައިވެރިންނާއި, ވެރިކަން ކުރާ އަވާމީ ލީގަށް ތާޢީދު ކުރާ އެކްޓިވިސްޓުންނާ ދެމެދުގައެވެ. އަވާމީ ލީގުގެ އިތުރުން ސަރުކާރަށް ތާޢީދު ކުރާ ޗަތްރޯ ލީގާއި ޖޫބޯ ލީގުގެ އެކްޓިވިސްޓުން ވެސް ދަނީ މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލައި, އެ މީހުންނަށް ޙަމަލާ ދެމުންނެވެ. ދެ މީހަކު މަރުވެފައި ވަނީ ދާކާގެ ރަށްބޭރުގައި އޮންނަ މުންޝިގޮންޖުގައި ހިނގި ކުރިމަތިލުންތަކެއް ކަމަށް ބަންގްލަދޭޝްގެ މީޑިޔާއިން ރިޕޯޓު ކުރެއެވެ. މި ހަމަނުޖެހުންތައް ހުއްޓުވަން ސަލާމަތީ ބާރުތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންދާ މަންޒަރެއް ނުފެނެއެވެ.

މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދިނުމަށް ސަރުކާރަށް ތާޢީދު ކުރާ އެކްޓިވިސްޓުން އަލިފާން ބޮން ފަދަ ނުރައްކާތެރި ހަތިޔާރު ބޭނުން ކޮށްފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. މުންޝިގޮންޖުގެ އިތުރުން ދާކާގެ ޝާހްބާގް ސަރަޙައްދަށް ވެސް އެތަކެއް ހާސް ދަރިވަރުން އެއްވެ, އެއްގަމު ދަތުރުފަތުރަށް ހުރަސް އަޅާފައިވެއެވެ.

މި މުޒާހަރާތައް ރާވާފައި ވަނީ ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ހަރަކާތް, އެންޓި-ޑިސްކްރިމިނޭޝަން ސްޓޫޑެންޓްސް މޫވްމަންޓުގެ ދަރިވަރުންނެވެ. ޙަސީނާގެ އިސްތިޢުފާއަށް ގޮވައިލުމުގެ އިތުރުން, ފުލުހުންގެ ޙަމަލާތަކުގައި މަރުވެފައިވާ 150އަށްވުރެ ގިނަ މީހުންނަށް އިންސާފު ހޯދައިދިނުމަށް ވެސް މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރަށް ބާރު އަޅަމުންނެވެ.

މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގައި, މުދަލާއި ތަކެއްޗަށް ގެއްލުން ދެމުންދާ ކަމުގައި ވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. މި ގޮތުން, ބަންގުބޮންދު ޝައިޚް މުޖީބު މެޑިކަލް ޔުނިވަރސިޓީ ކައިރީގައި ޕާކުކޮށްފައި ހުރި ގިނަ ޢަދަދެއްގެ އެއްގަމު އުޅަނދުގައި މުޒާހަރާގެ ބައިވެރިން ހުޅުޖަހާފައިވެއެވެ. ނަމަވެސް, އެ އަމަލު ހިންގާފައި ވަނީ ކޮން ބަޔެއް ކަން ސާފެއް ނޫނެވެ. ހުޅުޖަހާފައިވާ އުޅަނދުތަކުގެ ތެރޭގައި ޢާންމުންގެ ކާރުތަކާއި, އެމްބިޔުލާންސްތަކާއި, ސައިކަލާއި ބަސްތައް ހިމެނޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

ސަރުކާރާ ދެކޮޅަށް މުޒާހަރާއަށް ނުކުމެފައިވާ ދަރިވަރުންނާ މަޝްވަރާކޮށް, ސުލްޙަވެރި ހައްލެއް ހޯދަން ޙަސީނާ ވަނީ ހުށަހަޅުއްވާފައެވެ. ނަމަވެސް, މުޒާހަރާގެ ބައިވެރިން ވަނީ މަޝްވަރާތަކާ ދެކޮޅު ހަދާފައެވެ. އަދި, ސަރުކާރު އިސްތިޢުފާ ދިނުން ނޫން އިތުރު ގޮތެއް ނުދޭނެ ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ. މީގެ އިތުރުން, މަދަނީ ބަސްނޭހުމެއް ފަށާފައިވާ ކަމުގައި ވެސް މުޒާހަރާ އިންްތިޒާމު ކުރާ ހަރަކާތުން ވަނީ އިޢުލާނު ކޮށްފައެވެ.

މި ހަމަނުޖެހުުންތަކާ ގުޅިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އިސް ކޮމާންޑަރު, ޖެނެރަލް ވަކަރު-އުއް-ޒަމާން ވަނީ އަސްކަރިއްޔާގެ އިސް އޮފިސަރުންނާ ބައްދަލު ކުރައްވާފައެވެ. އެ މީހުންނާ ވާހަކަފުޅު ދައްކަވަމުން ވަކަރު-އުއް-ޒަމާން ވިދާޅުވީ, އަސްކަރިއްޔާގެ އެންމެ މަތީ ވާޖިބަކީ ބަންގްލަދޭޝް ރައްޔިތުންގެ މަސްލަޙަތު ހިމާޔަތް ކޮށްދިނުން ކަމުގައެވެ. އަދި, ރައްޔިތުންނާއި ދަޢުލަތް ދިފާޢު ކުރުމުގައި ދެމި އޮންނާނެ ކަމުގައެވެ.

މި ދަނޑިވަޅުގައި ބަންގްލަދޭޝްގެ ދާޚިލީ ވަަޒީރު އަސަދުޖަމާން ޚާން ވަނީ އަމަން ބަލަހައްޓާ އިދާރާތަކުގެ އިސް އޮފިޝަލުންނާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުވުމަށް ފަހު ޚާން ވިދާޅުވީ މުޒާހަރާގެ ބައިވެރިންގެ ބޭނުންވާ ކަންކަން ސަރުކާރުން ހާސިލު ކޮށްދީފައިވާނެ ކަމުގައެވެ. އަދި, މުޒާހަރާ ކުރުން ހުއްޓައިލައި, ތަޢުލީމަށް އެނބުރި ދިޔުމަށް އޭނާ ވަނީ މުޒާހަރާތަކުގައި ބައިވެރިވަމުންދާ ދަރިވަރުންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ.

ޖުލައި މަހުން ފެށިގެން ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވަން ސަރުކާރުން ވަނީ ކަރފިޔު އިޢުލާނުކޮށް, މަގުތަކަށް ހަތިޔާރު އެޅި ސިފައިން ނެރެފައެވެ. ޚާން ވިދާޅުވީ, ކަރފިޔުއަށް ލުއިދިނުމުގެ ގޮތުން ހެނދުނު 6ން ރޭގަނޑު 9އަށް ކަރފިޔު ހިންގުން މެދުކަނޑައިލާފައިވާ ކަމުގައެވެ.

މީގެ އިތުރުން, މުޒާހަރާތަކުގެ ތެރެއިން ހައްޔަރު ކޮށްފައިވާ ގިނަ ޢަދަދެއްގެ ދަރިވަރުން މިނިވަން ކުރުމަށް ވެސް ޙަސީނާ ވަނީ އަމުރު ކުރައްވާފައެވެ. އެއީ ވެސް, މުޒާހަރާގެ ބައިވެރިންގެ އެއް ގޮވައިލުމެވެ. ނަމަވެސް, ދާކާގެ އިތުރުން ޗޮއްޓޮގްރާމާއި, ސިލޭޓާއި ބޮރީޝާލްގެ މަގުތަކުގައި އެތަކެއް ހާސް ބަޔަކު އަދިވެސް ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.