ޚަބަރު

ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންގެ ދަފްތަރުގައި ހާހަކަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީވެއްޖެ


  • މި ދަފްތަރު އެކުލަވާލީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި

  • ގިނައީ ލޯނު އެހީގައި ކިޔަވަން ގޮސްތިބި ދަރިވަރުން

ރާއްޖެއިން ބޭރުން ތައުލީމް ހާސިލް ކުރާ ދަރިވަރުންގެ ދަފްތަރުގައި 1878 ދަރިވަރުން ރަޖިސްޓްރީ ކޮށްފިއެވެ.

ސަރުކާރުން ދެއްވާ ސްކޮލޮޝިޕާއި، ލޯނުގައި ކިޔަވަމުން އަންނަ ކުދިންގެ އިތުރުން ރާއްޖެއިން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންގެ ދަފްތަރެއް އެކުލަވާލީ މިއަހަރުގެ އޭޕްރިލް މަހުގައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން ބޭރުގައި ތަޢުލީމް އުނގެނެމުން އަންނަ ކުދިންގެ ދަފްތަރުގައި މިހާތަނަށް އެއްހާހަށްވުރެ ގިނަ ދަރިވަރުން ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވީ މި ދަފްތަރު ހުޅުވާލިފަހުން މިހާތަނަށް 1878 ދަރިވަރަކު ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.

މި ދަރިވަރުންގެ ތެރޭގައި ހިމެނެނީ ބައިލެޓަރަލް ސްކޮލަރޝިޕްގައި ހިމެނޭ 114 ދަރިވަރުން، ސަރުކާރު ސްކޮލޮޝިޕުން 293 ދަރިވަރުންގެ އިތުރުން ސަރުކާރު ލޮނުގެ ދަށުން 1402 ދަރިވަރުން އަދި އަމިއްލަ ޚަރަދުގައި ނުވަތަ އެހެނިހެން ގޮތްގޮތުން ކިޔަވަމުން އަންނަ 69 ދަރިވަރުން ކަމަށެވެ.

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ޕީއެސްއެމް ނިއުސްއަށް ވިދާޅުވީ، ރާއްޖެއިން ބޭރުން ތައުލީމް ހާސިލް ކުރާ ދަރިވަރުން ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލީ އޮންލައިން ލިންކެއް މެދުވެރިކޮށް ކަމަށެވެ. މި ދަފްތަރުގައި ރަޖިސްޓްރީނުވެ ތިބި ރާއްޖެއިން ބޭރުން ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށް އަދިވެސް ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވުޒާރާއިން ވިދާޅުވިއެވެ.

މިގޮތަށް ދަފްތަރެއް އެކުލަވާލެވުމުގެ ބެނުމަކީ ރާއްޖެއެއިން ބޭރުގައި ތައުލީމް އުގެނަމުން އަންނަ ދަރިވަރުންގެ ކަންކަން މޮނީޓަރކޮށް ބެލެހެއްޓުމުގައި ލުއިފަސޭހަގޮތްތަކެއް ފަހިކުރުން ކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.