އިނގިރޭސިވިލާތުގެ ހުޅަނގުއުތުރު ހާޓްލީޕޫލްގެ ރަށެއް ކަމުގައިވާ ސައުތުޕޯޓްގައި ދިން ވަޅީގެ ޙަމަލާތަކެއްގައި ތިން ކުޑަކުދިން މަރުވުމުން ފެށި މުޒާހަރާތައް ބޮޑު ހަމަނުޖެހުން ގަނޑަކަށް ބަދަލުވެއްޖެއެވެ. ސައުތުޕޯޓާއި ލިވަރޕޫލްގެ އިތުރުން ވެރިރަށް ލަންޑަނުގައި ފެށި މުޒާހަރާތަކުގެ ބައިވެރިން އެންމެ ފުރަތަމަ ޙަމަލާ ދީފައި ވަނީ މިސްކިތްތަކަށެވެ. އެއަށްފަހު, އެ މީހުން ވަނީ މުދަލަކަށް ގެއްލުންދީ, ފުލުހުންނާ ކުރިމަތިލާން ފަށާފައެވެ.
މުޒާހަރާގެ ބައިވެރިން މިސްކިތްތަކަށް ޙަމަލާ ދީފައި ވަނީ, ސައުތުޕޯޓުގައި ވަޅިން ޙަމަލާދީ މަރައިލި ތިން ކުޑަކުދިންގެ ގާތިލަކީ އިނގިރޭސިވިލާތަށް ހިޖުރަ ކޮށްފައިވާ މުސްލިމެއް ކަމަށް ބުނެ, ސޯޝަލް މީޑިޔާގައި ދޮގު މަޢުލޫމާތުތަކެއް ފެތުރުމާ ގުޅިގެންނެވެ. ނަމަވެސް, ފުލުހުން ވަނީ އެ އަމަލު ހިންގާފައިވާ 17 އަހަރުގެ އެކްސެލް ރޫޑެކުބާނާއަކީ އިނގިރޭސިވިލާތަށް އުފަން, އެ ޤައުމުގެ ރައްޔިތެއް ކަން ހާމަ ކޮށްފައެވެ.
ނަމަވެސް މުޒާހަރާތައް މިހާރު ވަނީ ސައުތުޕޯޓާއި ލިވަރޕޫލްގެ އިތުރުން ބްރިސްޓޮލާއި, ހަލް އަދި ބެލްފާސްޓަށް ވެސް ފެތުރިފައެވެ. އެ މުޒާހަރާތަކުގައި ބައިވެރިވެފައިވާ ގިނަ މީހުންނަކީ އިނގިރޭސިވިލާތަށް ބޭރު މީހުން ހިޖުރަ ކުރުމާ ދެކޮޅަށް އަޑު އުފުލަމުންދާ މީހުންނެވެ. ނަމަވެސް, އެ މީހުންނާ ކުރިމަތިލުމަށް, ނަސްލީ ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ އެތަކެއް ހާސް ބަޔަކު ވެސް ވަނީ މަގުތަކަށް ނިކުމެފައެވެ. އެއީ, ފާއިތުވި 13ވަރަކަށް އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި ހިނގާފައިވާ އެ ފަދަ އެންމެ ބޮޑު ހަމަނުޖެހުންތަކެވެ.
ދެބައިގެ މެދުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހުއްޓުވަން ފުލުހުން މަސައްކަތް ކުރަމުންދާއިރު, މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ކުރިމަތިލުންތައް ވެސް ހިނގާފައިވެއެވެ. އަދި, ގިނަ ޢަދަދެއްގެ ފުލުހުންނަށް ވަނީ އަނިޔާވެފައެވެ. ލިވަރޕޫލްގައި ހިނގި ކުރިމަތިލުންތަކުގައި އަނިޔާވި ދެ ފުލުހަކަށް ހަސްފަތާލުގައި އެޑްމިޓު ކޮށްގެން ފަރުވާ ދޭން ޖެހުުނުކަމުގައި މަރސީސައިޑް ފުލުހުންގެ އިދާރާއިން ބުންޏެވެ.
ލިވަރޕޫލްގައި މުޒާހަރާގެ ބައިވެރިން ދަނީ ދަޢުލަތާއި ޢާންމުންގެ މުދަލަށް ވެސް ގެންލުން ދެމުންނެވެ. މަރސީސައިޑްގެ ފުލުހުން ބުނީ, މުޒާހަރާގެ ބައިވެރިން ދެ ފިހާރައެއް ލޫޓުވައި, ވައްކަން ކޮށްފައިވާ ކަމުގައެވެ. ބެލްފާސްޓުގައި މުޒާހަރާގެ ބައިވެރިންނާއި, ތަފާތު ކުރުންތަކާ ދެކޮޅަށް ވަކާލާތު ކުރާ ގުރޫޕުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތަކުގައި ވެސް މުދަލަށް ގެއްލުންވިއެވެ. އަދި, މުޒާހަރާގެ ބައިވެރިން ވަނީ ބައެއް އިމާރާތްތަކުގައި ހުޅުޖަހާފައެވެ.
އެ ހަމަނުޖެހުންތައް ހުއްޓުވަން ފުލުުހުން ވަނީ ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފައެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި, ވައްކަން ކުރުމާއި, މުދަލަށް ގެއްލުން ދިނުމުގެ ކުށުގައި ހައްޔަރު ކޮށްފައިވާ މީހުން ކަމުގައި ފުލުުހުން ބުންޏެވެ. ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ކުރަމުންދާ މަސައްކަތްތައް ހަރުދަނާ ކުރުމަށް, އިތުރު ފުލުހުން މަގުތަކަށް ނެރެފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ.
ބޮޑުވަޒީރު ކީރް ސްޓާމަރ ވަނީ ހަމަނުޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވައި, އެ ކަން ކުށްވެރި ކުރައްވާފައެވެ. އޭނާ ވިދާޅުވީ, އެއީ ކަނާތު ފިޔައިގެ ހައްދުފަހަނަ އެޅި ސިޔާސަތުތަކަށް ތާޢީދު ކުރާ ފަރާތްތަކުން އަޑީގައި ތިބެގެން ހިންގަމުންދާ ހަމަނުޖެހުންތަކެއް ކަމުގައެވެ. އަދި, ހަމަނުޖެހުންތައް ހުއްޓުވަން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއް އެޅުމަށް އޭނާ ވަނީ ފުލުހުންނަށް އިރުޝާދު ދެއްވާފައެވެ.
އިނގިރޭސިވިލާތުގައި އެ ފަދަ ނުރައްކާތެރި ހަމަނުޖެހުންތަކެއް އެންމެ ފަހުން ހިނގާފައި ވަނީ 2011ވަނަ އަހަރުއެވެ. އެ ފަހަރު ހަމަނުޖެހުންތައް ފެށުނީ, ފުލުހުން ބަޑިން ޙަމަލާދީ ކަޅު ނަސްލުގެ ފިރިހެނެއް މަރައިލުމުންނެވެ. އެ ކަމާ ދެކޮޅަށް އަޑުއުފުލަން ވެސް އެތަކެއް ހާސް ބަޔަކު އިނގިރޭސިވިލާތުގެ ބޮޑެތި ރަށްތަކުގެ މަގުތަކަށް އެއްވިއެވެ.
"މިހާރު ފެންނަމުން މި ދަނީ މުޒާހަރާއެއްގެ މަންޒަރުތަކެއް ނޫން. މިއީ, މަޢާފު ނުކުރެވޭ ވަރުގެ ނުރައްކާތެރި ހަމަނުޖެހުންތަކެއް،" ސަންދަރލެންޑް ސަރަޙައްދުގެ ފުލުހުންގެ ވެރިޔާ, ޗީފް ސުޕްރިންޓެންޑެންޓް މާކް ހޯލް ސިފަ ކުރެއްވިއެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މުޒާހަރާތައް ހުއްޓުމެއް ނެތި ކުރިއަށް ދާނެ ކަން, މުޒާހަރާތައް އިންތިޒާު ކުރި ފަރާތްތަކުން ވަނީ އިޢުލާނު ކޮށްފައެވެ.