މެދުއިރުމަތީގެ ޤައުމުތަކުގެ މެދުގައި ޔަހޫދީންނަށް އޮތް ނަފުރަތު އެތަކެއް ގުނައަކަށް އިތުރުވެ, މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައި, ނުވަތަނަވަސް ކަމަށް ހައްލެއް ހޯދުމަށް އުރުދުނުން އިސްނަގައިގެން މަސައްކަތް ފަށައިފިއެވެ. މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައި ވަނީ ފަލަސްޠީނުގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ ދަށުން ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ އަވަހާރަ ކޮށްލުމާ ގުޅިގެންނެވެ.
ހަނިއްޔާ އަވަހާރަ ކޮށްލާފައި ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް އީރާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. ހަނިއްޔާގެ އިތުރުން, ލުބްނާންގެ ވެރިރަށް ބައިރޫތަށް ޙަމަލާދީ ޔަހޫދީ ފައުޖުން ވަނީ މުޖާހިދުންގެ ޖަމުޢިއްޔާ, ޙިޒްބުاللهގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރު ފުޢާދު ޝުކްރު ވެސް ޝަހީދު ކޮށްލާފައެވެ.
ހަނިއްޔާއާއި ޝުކްރު ޝަހީދު ކޮށްލުމާ ގުޅިގެން އީރާނާއި ޙަމާސާއި ޙިޒްބުاللهގެ އިތުރުން ޔަހޫދީންނާ ދެކޮޅަށް ހަތިޔާރު އުފުލާފައިވާ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނުން ވާގިވެރިވާ އެކްސިސް އޮފް ރެސިސްޓެންސްގައި ޔަމަނާއި ޢިރާޤާގައި ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތައް ވެސް ހިމެނެއެވެ.
މަސްރަހު ފިނި ކުރުމަށް އުރުދުނުން އިސްނަގައިގެން ފަށާފައިވާ މަސައްކަތުގެ ދަށުން އީރާނުގެ ވެރިންނާ މަޝްވަރާ ކުރެއްވުމަށް އުރުދުންގެ ޚާރިޖީ ވަޒީރު އައިމަން އަލް-ޞަފްދީ ވަނީ އީރާނަށް ވަޑައިގަންނަވާފައެވެ. ތަހްރާނުގައި އޭނާ ވަނީ އީރާނުުގެ ޚާރިޖީ ވަޒީރު ކަމުގެ މަޤާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދަވާ ޢަލީ ބާޤިރީ ކުންނީއާ ބައްދަލު ކުރައްވާފައެވެ.
ޞަފްދީ އީރާނަށް ވަޑައިގަންނަވާފައި މި ވަނީ, މެދުއިރުމަތީގެ މަސްރަޙު ފިނި ކުރަން އެމެރިކާއާއި, ފަރަންސޭސިވިލާތާއި, އިނގިރޭސިވިލާތާއި, އިޓަލީވިލާތުގެ އިތުރުން މިޞްރުން ވެސް ގުޅިގެން މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި, އުރުދުނާއި އީރާނާ ދެމެދު ވެސް ދެބަސްވުންތަކެއް އުފެދިފައިވާ ދަނޑިވަޅެއްގައެވެ.
އުރުދުނަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ވިޔަފާރީގައި ސޫރިޔާގައި ހަރަކާތްތެރިވާ އީރާނުން ވާގިވެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އަތެއް ވާ ކަމަށް ޢަމާނުން ދާދި ފަހުން ތުހުމަތު ކޮށްފައިވެއެވެ. އަދި, އޭޕްރިލް މަހު އީރާނުން ޒަޔަނިސްޓު އިސްރާއީލަށް އަމާޒުކޮށް ބެލިސްޓިކް މިސައިލާއި ޑްރޯން ބޭނުން ކޮށްގެން ދީފައިވާ ނުރައްކާތެރި ޙަމަލާތަކުން ޔަހޫދީން ސަލާމަތް ކުރަން އުރުދުނުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ހަނިއްޔާ އަވަހާރަ ކޮށްލުމާ ގުޅިގެން މެދުއިރުމަތީގައި ޔަހޫދީންނާ ދެކޮޅަށް ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވުމާ އެކު, ޔަހޫދީންގެ މަސްލަޙު ހިމާޔަތް ކުރަން ފޫގަޅުއްވައިގެން ހުންނެވި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ ތެޅިގަނެފައެވެ. އޭނާ ވިދާޅުވީ, ހަނިއްޔާ އަވަހާރަ ކޮށްލާފައިވީ ނަމަވެސް, އީރާނުން އެ ކަމުގެ ބަދަލު ނުހިފާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތަކާއި ގަތުލުއާންމުތަކުގެ އެންމެ ބޮޑު މަދަދުގާރަކީ އަދި ބައިވެރިއަކީ ބައިޑަނެވެ.
ޔަހޫދީންގެ ކިބައިން ބަދަލު ހިފުމުގެ ބަދަލުގައި އީރާނުން ހިފެހެއްޓުމާއި ސުލްޙައަށް އިސްކަންދޭނެތޯ އޭނާއާ ސުވާލު ކުރުުން ބައިޑަން ވަނީ "އުންމީދަކީ އެއީ" ކަމަށް ވިދާޅުވެފައެވެ. ނަމަވެސް, އީރާނުން އަމަލު ކުރާނެ ގޮތް ސާފުކޮށް ދަންނަވަން ނޭނގޭ ކަމުގައި ވެސް ބައިޑަން ވިދާޅުވިއެވެ.
އީރާނާއި އެކްސިސްގައި ހިމެނޭ މުޖާހިދުންގެ ޖަމާޢަތްތަކުން ޔަހޫދީންނަށް އަމާޒުކޮށް ދީފާނެ ޙަމަލާއަކުން އެ މީހުން ރައްކާތެރި ކޮށްދިނުމަށް އެމެރިކާއިން މިހާރު ވެސް ވަނީ ފިޔަވަޅުތައް އަޅަން ފަށާފައެވެ. މި ގޮތުން, އެމެރިކާގެ ދިފާޢީ އިދާރާ, ޕެންޓެގަނުން ވަނީ ޔަހޫދީންނާއި އިސްރާއީލުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރަން އެހީތެރިވުމުގެ ގޮތުން މެދުއިރުމައްޗަށް އިތުރު އަސްކަރީ މަނަވަރުތަކާއި މަތިންދާބޯޓުތައް ފޮނުވަން ނިންމާފައެވެ.
މަސްރަޙު ހޫނުވެފައިވާ މި ދަނޑިވަޅުގައި ވެސް ޔަހޫދީ ފައުޖުން ދަނީ, އެމެރިކާގެ އެހީތެރިކަމާ އެކު, ޣައްޒާ ޢުދުވާން އިތުރަށް ފުޅާ ކުރަމުންނެވެ. މި ގޮތުން, ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާ ސިޓީއަށް ދީފައިވާ ޙަމަލާތަކުގައި އެކަނިވެސް 25 މީހުން ޝަހީދު ކޮށްލިއެވެ. ޣައްޒާ ސިޓީގެ ދެ މަދަރުސާއަކަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,583އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 91,398އަށް އުފުލިފައެވެ.