ޚަބަރު

ޣައްޒާގެ ދެ މަދަރުސާއަކަށް ބޮން އަޅައި ގިނަ ޢަދަދެއްގެ ކުޑަކުދިން ޝަހީދު ކޮށްލައިފި


ފަލަސްޠީނުގެ ޣައްޒާގައި އދން ހިންގާ ދެ މަދަރުސާއަކަށް ޔަހޫދީ ފައުޖުން ބޮން އަޅައި 30އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ. ޙަސަން ސަލާމާ އަދި އަލް-ނަޞްރު މަދަރުސާއަށް ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ 80 އިންސައްތައަކީ ކުޑަކުދިން ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ހަސްފަތާލުތަކާ ބެހޭ ޑިރެކްޓަރު ޑރ މަރްވާން އަލް-ހަމްޞު ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ގެދޮރު ސުންނާފަތި ކޮށްލާފައިވާ ރެފިއުޖީން ވަގުތީ ހިޔާތަކުގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ ދެ މަދަރުސާއަކަށެވެ. ޙަމަލާތަކުގައި ޒަޙަމުވި ގިނަ ޢަދަދެއްގެ މީހުންގެ ތެރޭގައި ވެސް ގިނައީ ކުޑަކުދިންނެވެ.

ރެފިއުޖީން ވަގުތީ ހިޔަލުގެ ގޮތުގައި ބޭނުން ކުރަމުންދާ އިމާރާތްތަކަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް ފަހަކަށް އައިސް އިތުރު ކޮށްފައިވެއެވެ. އޮގަސްޓު 3ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުން ވަނީ ޣައްޒާ ސިޓީގެ އަލް-ޝައިޚް ރިޟްވާން ސަރަޙައްދުގައި ހުންނަ މަދަރުސާއަކަށް ބޮން އަޅައި 15 މީހުން ޝަހީދު ކޮށްލާފައެވެ. އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙަމާމަތު މަދަރުސާއަށެވެ.

އެ ފަދަ ޙަމަލާތަކާ އެކު, ޔަހޫދީ ފައުޖުގެ އަނިޔާވެރި ކަމުން ރައްކާތެރިކަން ހޯދޭނެ އެއްވެސް ތަނެއް މި ވަގުތު ޣައްޒާގައި ނެތް ކަން ސާބިތުވާ ކަމުގައި ފަލަސްޠީނުގެ ރެޑް ކްރެސެންޓު ސޮސައިޓީ (ޕީއާރްސީއެސް)ގެ އޮފިޝަލެއް ކަމުގައިވާ ނިބާލް ފަރަސަޚް ވިދާޅުވިއެވެ. "އެ ދެ މަދަރުސާގައި ތިބީ, ގެދޮރު ނެތިކޮށްލާފައިވާ ރެފިއުޖީން. އަމިއްލަ ވަޒަނުން އެތަކެއް ފަހަރަކު އެ މީހުން ވަނީ ބޭރު ކޮށްފައި. ޔަހޫދީ ފައުޖުން ދަނީ ރާވައިގެން ގަސްދުގައި ޢާންމުންނަށް ޙަމަލާ ދެމުން،" ފަރަސަޚް ވިދާޅުވިއެވެ.

ޔަހޫދީ ފައުޖުން މިހާރު ދަނީ ޣައްޒާގެ ދެކުނުގައި އޮތް ޚާން ޔޫނިސްގައި ހިންގަމުންދާ ގަތުލުއާންމުތައް ފުޅާ ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. އަދި, އެ ރަށުގެ ދެކުނާއި އިރުދެކުނުގެ ސަރަޙައްދުތަކުން ފޭބުމަަކަށް ޔަހޫދީ ފައުޖުން ވަނީ އެ ސަރަޙައްދުތަކުގައި ދިރިއުޅޭ މުސްލިމުންނަށް އަންގާފައެވެ. ހުސް ކުރަން އަންގާފައިވާ ސަރަޙައްދުތަކުގެ ތެރޭގައި ޖުއްރަތު އަލް-ލޫޠާއި, އަލް-މަނާރަތާއި, މަޢާނާއި, ކައިޒަނާއި, ކައިޒަން އަބޫ ރަޝްވާނާއި, އަލް-ނައްޖާރުގެ އިތުރުން އަލް-ޙައްޝާޝް ހިމެނެއެވެ.

ދާދި ފަހުން އދން ބުނީ, ޣައްޒާގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުގެ 86 އިންސައްތަ ބިން ހުސް ކުރުމަށް, އެ ސަރަޙައްދުތަކުގައި ދިރިއުޅޭ ޢާންމުންނަށް ޔަހޫދީ ފައުޖުން އަންގާފައިވާ ކަމުގައެވެ. ޣައްޒާގެ ބައެއް ސަރަޙައްދުތަކަކީ ރައްކާތެރި ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައެޅުމަށް ފަހު ޔަހޫދީ ފައުޖުން ދަނީ އެ ސަރަޙައްދުތަކަށް ހިޖުރަ ކުރާ ޢާންމުންނަށް ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުންނެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,583އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 91,398އަށް އުފުލިފައެވެ.