ޚަބަރު

ބަންގްލަދޭޝްގައި އަނެއްކާވެސް މުޒާހަރާތައް ހޫނުވެ 100އެއްހާ މީހުން މަރުވެއްޖެ


ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކާއި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އިތުރު 91 މީހުން މަރުވެއްޖެއެވެ. ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ފެށި މުޒާހަރާތައް މިހާރު ވަނީ ސަރުކާރާ ދެކޮޅު މުޒާހަރާތަކަކަށް ބަދަލުވެފައެވެ. މުޒާހަރާގެ ބައިވެރިން މިހާރު ދަނީ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ އިސްތިޢުފާއަށް ގޮވައިލަމުންނެވެ.

މުޒާހަރާތައް ރޫޅައިލަން ފުލުހުން ދަނީ ބާރުގެ ބޭނުން ކުރަމުންނެވެ. ރަބަރު ވަޒަނާއި ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކޮށްގެން މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ފުލުހުން ދިން ޙަމަލާތަކުގައި މަރުވި މީހުންގެ ޢަދަދު 91އަށް އުފުލިފައިވާއިރު, ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 13 ފުލުހަކު ވެސް ވަނީ މަރުވެފައެވެ. މި ހަމަނުޖެހުންތަކުގައި އެތަކެއް ސަތޭކަ ބަޔަކަށް ވަނީ އަނިޔާވެފައެވެ.

އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މަރުވެފައި ވަނީ ވެރިރަށް ދާކާގެ އިތުރުން އުތުރުގައި އޮންނަ ބޮގުރާއާއި, ޕާބްނާ އަދި ރޮންގްޕޫރުގެ އިތުރުން ހުޅަނގުގައި އޮންނަ މަގުރާއާއި އިރުމަތީގައި އޮންނަ ކޮމިއްލާ އަދި ދެކުުނުގައި އޮންނަ ބޮރިޝާލާއި ފެނީގައެވެ. މުޒާހަރާގެ ބައިވެރިން ފުލުހުންނަށް ޙަމަލާ ދީފައި ވަނީ ހުޅަނގުއުތުރު ސިރާޖުގޮންޖުގެ އިނާޔަތުޕޫރް ފުލުހުންގެ މަރުކަޒު ކައިރިންނެވެ. ފުލުހުންނަށް ޙަމަލާ ދިން މީހުން ދެނެގަނެވިފައި ނުވާ ކަމުގައި ޑެޕިޔުޓީ އިންސްޕެކްޓަރ ޖެނެރަލް ވީޖޯއި ބޮޝާކް ވިދާޅުވިއެވެ.

ކޯޓާ ނިޒާމާ ދެކޮޅަށް އަޑު އުފުލުމަށް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުން ޖުލައި މަހު ފެށި މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ވަނީ 200އަށް އުފުލިފައެވެ. އެ މުޒާހަރާތައް ހުއްޓުވަން ޙަސީނާގެ ސަރުކާރުން ވަނީ ކަރފިޔު އިޢުލާނުކޮށް, މަގުތަކަށް ހަތިޔާރު އެޅި ސިފައިން ނެރެފައެވެ. ނަމަވެސް, މުޒާހަރާތައް އަލުން މި ވަނީ ފަށާފައެވެ.

ޙަސީނާ ވަނީ މިހާރު މުޒާހަރާ ކުރަމުންދާ މީހުންނަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. ސަރުކާރާ ދެކޮޅަށް މިހާރު މުޒާހަރާ ކުރަމުން ދަނީ ދަރިވަރުން ނޫން ކަމަށް ވިދާޅުވެ, އެއީ ކުށްވެރިންތަކެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ. އަދި, މުޒާހަރާތައް ހުއްޓުވަން ބާރުގެ ބޭނުން ކުރުމަށް ޢާންމު ރައްޔިތުންނަށް ވެސް އޭނާ ވަނީ ގޮވައިލައްވާފައެވެ. ޙަސީނާގެ އަވާމީ ލީގުގެ އިތުރުން ސަރުކާރަށް ތާޢީދު ކުރާ ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުން މިހާރު ވެސް ދަނީ މުޒާހަރާގެ ބައިވެރިންނާ ކުރިމަތިލައި, ޙަމަލާ ދެމުންނެވެ.

ޙަސީނާގެ އިސްތިޢުފާއަށް ގޮވައިލައި ކުރަމުންދާ މުޒާހަރާތައް ހުއްޓުވުމަށް އޭނާގެ ސަރުކާރުން އަނެއްކާ ވެސް މި ވަނީ ކަރފިޔު ހަރުކަށި ކޮށްފައެވެ. އަދި, ފުލުހުން ވަނީ ކަރފިޔުއާ ޚިލާފުވާ މީހުންނަށް އަމާޒުކޮށް ބަޑީގެ ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައެވެ. ފާއިތުވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ތެރެއިން 11,000އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައެވެ. ނަމަވެސް, މުޒާހަރާތައް ހުއްޓައިލާނީ ޙަސީނާގެ ސަރުކާރު އިސްތިޢުފާ ދިނުމުން ކަމަށް މުޒާހަރާ އިންތިޒާމުކުރާ ހަރަކާތުން ދަނީ ބުނަމުންނެވެ.

އެންމެ ގިނަ ޢަދަދެއްގެ ބަޔަކު މުޒާހަރާ ކުރަމުން ދަނީ ވެރިރަށް ދާކާގައި ހުންނަ ޝަހީދު މިނާރް މައިދާނުގައެވެ. މުއްދަތެއް ނެތް ގޮތަށް ކަރިފިޔު އިޢުލާނު ކޮށްފައިވީ ނަމަވެސް, މުޒާހަރާގެ ބައިވެރިން ދަނީ އެ ސަރަހައްދު ދޫކޮށް ދިޔުމަށް ދެކޮޅު ހަދަމުންނެވެ. އަދި, މަދަނީ ބަސްނޭހުމުގައި ބައިވެރިވުމުގެ ގޮތުން ޓެކުހާއި ޔުޓިލިޓީ ބިލުތައް ދެއްކުން ހުއްޓައިލައި, ވަޒީފާއަށް ނިކުތުން ހުއްޓައިލުމަށް މުޒާހަރާ އިންތިޒާމު ކުރާ ފަރާތުން ވަނީ ޢާންމުންނަށް ގޮވައިލާފައެވެ.

މި ކަމާ ގުޅިގެން, ޙަސީނާގެ ސަރުކާރުން ވަނީ ހޯމައިން ފެށިގެން ބުދަ ދުވަހާ ހަމައަށް ސަރުކާރު އޮފީސްތައް ބަންދު ކޮށްފައެވެ. އަދި, ކޯޓުތައް ވެސް ވަނީ މުއްދަތެއް ނެތް ގޮތަށް ބަންދު ކޮށްފައެވެ. މުޒާހަރާތަކާ ގުޅިގެން މަދަރުސާތަކާއި ޔުނިވަރސިޓީތައް ވެސް ބަންދު ކޮށްފައިވާއިރު, ސަރުކާރުން އަނެއްކާ ވެސް ވަނީ މޮބައިލް އިންޓަރނެޓުގެ ޚިދުމަތްތައް ކަނޑައިލާފައެވެ. އަދި, ބްރޯޑްބޭންޑް އިންޓަރނެޓު މެދުވެރިކޮށް ސޯޝަލް މީޑިޔާ ވެބްސައިޓުތައް ބޭނުން ކުރުމަށް ވެސް ހުރަސް އަޅާފައެވެ.

170 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ އަޑީގައި ތިބީ އިދިކޮޅު ޕާޓީތައް ކަމުގައި ޙަސީނާ ތުހުމަތު ކުރައްވައެވެ. މުޒާހަރާތަކާ ގުޅުވައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ގިނަ ޢަދަދެއްގެ އިސްވެރިން ހައްޔަރު ކޮށްފައިވާއިރު, ސަރުކާރުން ވަނީ ޖަމާޢަތް އަލް-އިސްލާމީ ޕާޓީ މަނާކޮށް, އެ ޕާޓީ އުވައިލުމުގެ މަސައްކަތް ވެސް ފަށާފައެވެ.