ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވައި ޤައުމު ދޫކުރައްވައި ވަޑައިގެންފިއެވެ. އޭނާ ވަޑައިގެންނެވި ޤައުމެއް ކަށަވަރު ކުރެވިފައެއް ނުވެއެވެ. ނަމަވެސް އެ ކަން ވަނީ އެ ޤައުމުގެ ސަރުކާރުގެ މަސްދަރުތަކުން ކަށަވަރު ކޮށްދެއްވައިފައެވެ.
ދާދި ފަހުން އައު ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ޢުމުރުން 76 އަހަރުގެ ޙަސީނާ އިސްތިޢުފާ ދެއްވާފައި ވަނީ ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވެ އިތުރު 91 މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ.
ކޯޓާ ނިޒާމާ ދެކޮޅަށް އަޑު އުފުލުމަށް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގައި މަތީ ތަޢުލީމު ހާސިލު ކުރަމުންދާ ދަރިވަރުން ޖުލައި މަހު ފެށި މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ވަނީ 200އަށް އުފުލިފައެވެ. އެ މުޒާހަރާތައް ހުއްޓުވަން ޙަސީނާގެ ސަރުކާރުން ވަނީ ކަރފިޔު އިޢުލާނުކޮށް, މަގުތަކަށް ހަތިޔާރު އެޅި ސިފައިން ނެރެފައެވެ. ނަމަވެސް, މުޒާހަރާތައް އަލުން ފަށާފައި ވަނީ ސަރުކާރާ ދެކޮޅު އެއްވުންތަކެއްގެ ގޮތުގައެވެ.
170 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ އަޑީގައި ތިބީ އިދިކޮޅު ޕާޓީތައް ކަމުގައި ޙަސީނާ ތުހުމަތު ކުރައްވައެވެ. މުޒާހަރާތަކާ ގުޅުވައި ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ގިނަ ޢަދަދެއްގެ އިސްވެރިން ވަނީ ހައްޔަރު ކޮށްފައެވެ. އަދި ސަރުކާރުން ވަނީ ޖަމާޢަތް އަލް-އިސްލާމީ ޕާޓީ މަނާކޮށް, އެ ޕާޓީ އުވައިލުމުގެ މަސައްކަތް ވެސް ފަށާފައެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަޤާމަށް ޝައިޚް ޙަސީނާ އެންމެ ފުރަތަމަ އިންތިޚާބުވެވަޑައިގެންފައި ވަނީ 2009ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައެވެ. އޭނާ އިސްތިޢުފާ ދެއްވާފައި ވަނީ ވިދިވިދިގެން ހަތަރުވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވިތާ ހައެއްކަ މަސްދުވަސް ފަހުންނެވެ.