ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވައި ޤައުމު ދޫކުރައްވާ އިންޑިޔާއަށް ވަޑައިގެންފިއެވެ. އަސްކަރީ ހެލިކޮޕްޓަރެއްގައި ޙަސީނާ ދަތުރުކުރައްވާފައި ވަނީ ބަންގްލަދޭޝްގެ ވެރިރަށް ދާކާއިން އިންޑިޔާގެ އިރުއުތުރުގައި އޮންނަ ތްރީޕޫލާ ސްޓޭޓުގެ ވެރިރަށް އަގަރްތާލާއަށެވެ. ޙަސީނާއާ އެކު އޭނާގެ އަންހެން ކޮއްކޮ ވެސް ވަނީ ބަންގްލަދޭޝް ދޫކުރައްވާ އިންޑިޔާއަށް ވަޑައިގެންފައެވެ.
ޢުމުރުން 76 އަހަރުގެ ޙަސީނާ ޤައުމު ދޫކުރައްވާ ވަޑައިގެންނެވި ކަން ބަންގްލަދޭޝްގެ އަސްކަރިއްޔާގެ އިސްވެރިޔާ ޖެނެރަލް ވަކަރު-އުއް-ޒަމާން ވަނީ ޓީވީ މެދުވެރިކޮށް ކަށަވަރުކޮށް ދެއްވައިފައެވެ. ނަމަވެސް ޙަސީނާ އިންޑިޔާއަށް ވަޑައިގެންނެވި ކަމެއް އޭނާ ވިދާޅެއް ނުވެއެވެ. އޭނާ ވަނީ ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވާލާނެ ކަން އިޢުލާން ކުރައްވައިފައެވެ.
މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައި ބޮޑުވަޒީރު ކަމުގެ އައު ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ޙަސީނާ ޤައުމު ދޫކުރައްވާ ވަޑައިގެންނެވުމުން އެ ޤައުމުގެ އެތައް މިލިއަން މީހުންނެއް ވަނީ މަގުތައް މައްޗަށް ނުކުމެ އުފާ ފާޅުކޮށްފައެވެ. އަދި ޙަސީނާގެ ދިރިއުޅުއްވި ރަސްމީ ގެއަށް ވަދެގަނެ ހިފާ ގެންގުޅޭ ތަކެތި ވަނީ ފޭރިފައެވެ. އޭގެ އިތުރުން ބަންގްލަދޭޝްގެ މިނިވަން ކަމުގެ ބާނީ ކަމުގައިވާ ޙަސީނާގެ ބައްޕަ ޝައިޚް މުޖިއްބުރް ރަޙްމާނުގެ ހަނދާނުގައި ދާކާގައި ހުންނަ ބުދަށް ވެސް ވަނީ ގެއްލުން ދީފައެވެ.
ވިދިވިދިގެން ހަތަރު ވަނަ ދައުރެއް ފުރިހަމަ ކުރައްވަމުންދިޔަ ޙަސީނާ އިސްތިޢުފާ ދެއްވާ ޤައުމު ދޫކުރައްވާ ވަޑައިގެންނެވީ އޭނާގެ އިސްތިޢުފާއަށް ގޮވާލާ ކުރި މުޒާހަރާތަކުގައި 100 މީހުން މަރުވެ އިތުރު 150 މީހުން ޒަޚަމްވެފައިވާ ދަނޑިވަޅެއްގައެވެ. ޙަސީނާއާ މެދު އެ ޤައުމުގެ ރައްޔިތުން ހިތްހަމަނުޖެހުނީ އެ ޤައުމުގެ ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމެއް ތަޢާރަފު ކުރުމުންނެވެ. އެ ހިތްހަމަނުޖެހުންތައް ބޮޑުވެ ޖުލައި މަހުގެ 15ވަނަ ދުވަހު ފެށި މުޒާހަރާތައް ބޮޑެތި ހަމަނުޖެހުންތަކަކަށް ބަދަލުވިއެވެ.