ޚަބަރު

ކަރަންޓު އިޤްތިޞާދުކުރެވޭނެ ގޮތްތައް ދެނެގަތުމަށް ޢިލްމީ ދިރާސާއެއް ހަދަނީ


  • މިއީ ސްޓެލްކޯއާއި އެމްއެންޔޫ ގުޅިގެން ކުރާ މަސައްކަތެއް

  • މި ދިރާސާގައި ވޭތުވެދިޔަ 10 އަހަރުގެ ޑޭޓާ އިވެލުއޭޓް ކުރާނެ

  • މައިގަނޑު މަޤްސަދަކީ ކަރަންޓް ބޭނުންކުރާ ވައްޓަފާޅި ދެނެގަތުން

  • ކަރަންޓް ބިލާ ގުޅޭގޮތުން ކަސްޓަމަރުންގެ ޝަކުވާތައްވެސް ދެނެގަންނާނެ

ކަރަންޓު އިޤްތިޞާދު ކުރެވޭނެ ގޮތްތައް ދެނެގަތުމަށްޓަކާ ޢިލްމީ ދިރާސާއެއް ކުރުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި ދިރާސާގައި ވޭތުވެދިޔަ 10 އަހަރުގެ ޑޭޓާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން އިވެލުއޭޓް ކުރާނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޢިލްމީ ދިރާސާ ކުރިއަށްގެންދިއުމުގެ އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސެއިން ފަހުމީއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސެއިން ފަހުމީ ވިދާޅުވީ، މިނިވަންކަމާއި އިންސާފުވެރިކަމާއެކު މި ޢިލްމީ ދިރާސާ ކުރިއަށްގެންދިޔުމަށް އެކުންފުނީގެ ސިސްޓަމްތަކާއި ވަސީލަތްތައް ބޭނުންކުރުމުގެ ހުއްދަ ދެއްވާނެ ކަމަށެވެ. އަދި ޤައުމީ ޔުނިވަރސިޓީން މި ދިރާސާ ވަރަށް ފުރިހަމައަށް ކުރިއަށްގެންދާނެކަމާމެދު ޝައްކު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

ކަރަންޓު އިޤުތިޞާދުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ޢިލްމީ ދިރާސާގެ ސަބަބުން މުސްތަޤުބަލުގައި ކަންކަން ކުރުމަށް ވަރަށް ބޮޑު ފަސޭހަތަކެއް ވެގެންދާނެކަމަށް ފަހުމީ ވިދާޅުވިއެވެ.

"ރައްޔިތުންގެ މެދުގައި ޚިޔާލު ތަފާތުވެފައި އޮތްކަމެއް އެއީ ކަރަންޓު ބިލު ބޮޑުވާ މައްސަލައަކީ. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭކަމެއް އެއީ މިނިވަންކަމާއެކު އިންސާފުވެރިކަމާއެކު ޢިލްމީ ދިރާސާއެއް ކުރައްވާފައި އާއްމުކުރެއްވުން. މިކަމުގައި އެއްވެސް ހިފެހެއްޓުމެއްނެތި އަޅުގަނޑުމެންނަށް ދެވެންހުރި ހުރިހާ މަޢުލޫމާތެއްދީ، އަޅުގަނޑުމެންގެ ސިސްޓަމްތަކަށް އެކްސެސްވުމުގެ ފުރުޞަތު އަޅުގަނޑުމެން ދޭނަން." ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސިލަރ ޑރ. އައިޝަތު ޝެހެނާޒް ވިދާޅުވީ، މި ދިރާސާގެ އަމާޒަކީ ރައްޔިތުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް، ތަފާސްހިސާބުތަކާ ލިބެންހުރި މަޢުލޫމާތުތަކުގެ އަލީގައި ޢިލްމީ ދިރާސާއެއްކޮށް ޙައްލުތަކެއް ހޯދައިދިނުންކަމަށެވެ.

މި ދިރާސާގެ ތެރެއިން 2014 އިން 2024 ނިޔަލަށް ދޫކޮށްފައިވާ ބިލްތަކާއި، މީޓަރު ރީޑިންގތަކާ، ބިލްކުރެވިފައިވާ އަދަދުތައްވެސް އަޅާކިޔާނެކަމަށް ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

"މި ދިރާސާގެ އަސާސީ އެއް މަޤްޞަދަކީ މި ކަންބޮޑުވުންތައް ފުރިހަމައަށް ޙައްލުކުރެވޭނެ ގޮތްތަކެއް ދެނެގަތުން. އަޅުގަނޑުމެން މި ދިރާސާގައި މަސައްކަތްކުރަނީ ކަރަންޓު ބޭނުންކުރާ ވަރު ދުވާލެއްގެ އެކި ދަންފަޅިތަކުގައި ދެނެގަނެ، ބޭނުންކުރާ މިންވަރާއި، މޫސުމީ ގުޅުމެއް ހުރިތޯ ދެނެގަނެ، ސްޓެލްކޯގެ ބިލިންގ ޕްރޮސެސްތަކުގެ ޞައްޙަކަމާއި ހާމަކަން އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތައް ދެނެގަތުން." އެމްއެންޔޫގެ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް ވިދާޅުވިއެވެ.

މިފަދަ ދިރާސާއެއް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ބިލްކުރުމުގައި ދިމާވާ އެކި މައްސަލަތަކުގެ އަސްލު ސަބަބުތައް ދިރާސާކޮށް، ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއާއި މޫސުމީ ބަދަލުގެ ސަބަބުން އެކަމަށް ކުރާ އަސަރު ދެނެގަނެ، ބިލްކުރުމުގެ ނިޒާމުގައި ހާމަކަން ބޮޑުކަމާއި، ޞައްޙަކަމާއި، ކަސްޓަމަރުންގެ ހިތްހަމަޖެހުން އިތުރުކުރުމަށް ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަތުންކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

އެގޮތުން މި ދިރާސާގެ ތެރެއިން ކަސްޓަމަރުންގެ އެކި ކެޓަގަރީތަކުގެ (ރެސިޑެންޝަލް، ކޮމާޝަލް، އިންޑަސްޓްރިއަލް) ކަރަންޓު ބޭނުންކުރާ ވައްޓަފާޅި ދެނެގަނެވޭނެކަމަށާއި، އެންމެ ގިނައިން ކަރަންޓު ބޭނުންކުރާ ވަގުތުތަކާއި، މޫސުމީ ބަދަލުގެ ސަބަބުން ކަރަންޓު ބޭނުންކުރާ ވައްޓަފާޅިއަށް ކުރާ އަސަރު ދެނެގަނެވޭނެކަމަށް ސްޓެލްކޯއިން ވިދާޅުވެއެވެ.

ހަމައެހެންމެ ބިލްކުރުމުގައި ގޯސްތަކެއް ހުރިނަމަ، ހުރި ގޯސްތަކާއި ހުރި މިންވަރު ދެނެގަނެ އަދަދުކުރުމާއި، ކަސްޓަމަރުންނަށް ކަރަންޓް ބޭނުންކުރުން މަދުކޮށް، ޚަރަދު ކުޑަކުރެވޭނެ ދާއިރާތައްވެސް ދެނެގަނެވޭނެކަމަށްވެސް އެކުންފުނިން ވިދާޅުވެއެވެ.