ޚަބަރު

ޙަސީނާގެ އިސްތިޢުފާ: ބާރުތައް އަސްކަރިއްޔާއަށް, ބަޣާވާތެއްގެ ތުހުމަތު!


ފަނަރަ އަހަރު ބަންގްލަދޭޝްގައި ވެރިކަން ކުރެއްވި ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވައި, ޤައުމު ދޫކުރައްވައި ވަޑައިގެންނެވުމުން އެ ޤައުމުގެ ކުރިމަގާ މެދު ވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. ބަންގްލަދޭޝްގެ ރައްޔިތުންގެ އިތުރުން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ނަޒަރު ހުއްޓިފައި އޮތީ އެ ޤައުމުގެ އަސްކަރިއްޔާއަށެވެ. އުފެދިފައިވާ ސުވާލަކީ, ޙަސީނާގެ އިސްތިޢުފާއާއި އަސްކަރިއްޔާއާ އޮތީ ކޮން ގުޅުމެއްތޯއެވެ. އަދި, ޙަސީނާގެ އިސްތިޢުފާއާ އެކު ބާރުގަދަ އަސްކަރިއްޔާއިން ދެން އަމަލު ކުރާނީ ކޮން ގޮތަކަށްތޯއެވެ.

ބަންގްލަދޭޝްގެ އަސްކަރިއްޔާއަކީ ސަރުކާރުތަކާ ދެކޮޅަށް ބަޣާވާތްކޮށް, ސަރުކާރުތައް ވައްޓައިލުމުގައި ތާރީޚެއް އޮތް, އެ ކަމަށް ފަރިތަ މުވައްސަސާއެކެވެ. ބަންގްލަދޭޝްގެ ތާރީޚުގައި އެ ކަން އެ ގޮތަށް ހިނގާފައި ވަނީ އެއް ފަހަރަކު, ދެ ފަހަރަކު ނޫނެވެ. ނަމަވެސް, އެ ޤައުމުގެ އެކި ކަންކޮޅުތަކުގައި ސަރުކާރާ ދެކޮޅަށް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ޖުލައި މަހު ފެށި ބިޔަ މުޒާހަރާތައް ހުއްޓުވަން ކުރި މަސައްކަތުގައި އަސްކަރިއްޔާއިން ބައިވެރިވި މަންޒަރު ފެނިފައެއް ނުވެއެވެ. އޭގެ ބަދަލުގައި އަސްކަރިއްޔާއިން މަސައްކަތް ކޮށްފައި ވަނީ އެ ކަމުން ފެޔަށް ޖެހޭށެވެ.

ބާރުގެ ބޭނުން ކުރަން އަސްކަރިއްޔާ ދެކޮޅު

މަސްރަޙު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި, މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމަކީ އަސްކަރިއްޔާއިން ރުހުނު ކަމަކަށް ނުވިއެވެ. ޖުލައިގައި ހިނގި ހަމަނުޖެހުންތަކުގައި ޢާންމުންގެ 200އެއްހާ މީހުން މަރުވެފައިވެއެވެ. އޭގެ ފަހުން މި މަހު ފެށި މުޒާހަރާތައް ހުއްޓުވަން ފުލުހުން ބާރުގެ ބޭނުން ކުރުމުން ވެސް އިތުރު 100އެއްހާ މީހުން ވަނީ މަރުވެފައެވެ. އަދި, އެތަކެއް ހާސް ބަޔަކަށް ވަނީ އަނިޔާވެފައެވެ.

ޙަސީނާގެ އިސްތިޢުފާއާ ގުޅިގެން ބަންގްލަދޭޝްގެ އިތުރުން ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ނަޒަރު އަސްކަރިއްޔާއަށް ހުއްޓިފައިވާ ދަނޑިވަޅުގައި, ބަންގްލަދޭޝްގެ ކުރިމަގު ބައްޓަން ކުރުމުގައި އަސްކަރިއްޔާއިން އިސް ދައުރެއް އަދާ ކުރާނެ ކަމަށް ބެލެވެއެވެ. މީގެ ކުރީގެ ސަރުކާރުތައް ވައްޓައިލުމަށް ހިންގާފައިވާ ބަޣާވާތްތަކުގައި އަސްކަރިއްޔާގެ ދައުރެއް އޮތް ނަމަވެސް, ފާއިތުވި ދަހަރުތަކުގެ ތެރޭގައި އަސްކަރިއްޔާއިން ވަނީ ސިޔާސީ މައިދާނަށް ބާރާއި ނުފޫޒު ފޯރުވުމާއި, މަސްއޫލުވުމާ ދުރުވެފައެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, އެ ކަމުގެ ފަހަތުގައި އޮތް އެއް ސަބަބަކީ ޙަސީނާ ކަމުުގައެވެ. ބަންގްލަދޭޝްގެ ބާނީ އަދި ފުރަތަމަ ރައީސް ކަމުގެ މަޤާމު ފުރުއްވާފައިވާ ޝައިޚް މުޖީބު އަލް-ރަޙްމާން އަވަހާރަ ކޮށްލާފައި ވަނީ 1975ވަނަ އަހަރު އަސްކަރިއްޔާއިން އިސްވެ ހިންގި ލޭއޮހޮރުވުން ބޮޑު ބަޣާވާތެއްގައެވެ. އެ ބަޣާވާތުގެ ތެރެއިން ޙަސީނާގެ ޢާއިލާގެ ގިނަ މެންބަރުންތަކެއް ވެސް ވަނީ އަވަހާރަ ކޮށްލާފައެވެ.

ދެވަނަ ސަބަބެއް ކަމަށް ބެލެވެނީ, ބައިނަލްއަޤުވާމީ މުޖުތަމަޢުގައި ބަންގްލަދޭޝްގެ އަސްކަރިއްޔާއިން އަދާ ކުރަމުންދާ އިސް ދައުރެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކުގައި އަމަން ބެލެހެއްޓުމަށް އދން ފޮނުވާފައިވާ ސުލްޙަ ބަލަހައްޓާ ފައުޖުތަކުގައި ބަންގްލަދޭޝްގެ އަސްކަރިއްޔާގެ ބައިވެރިވުން ބޮޑެވެ. އަދި, ބަޣާވާތެއް ކޮށް, ޑިމޮކްރެޓިކް ހަމަތަކުގެ މަތިން އިންތިޚާބު ކޮށްފައިވާ ސަރުކާރަކާ ދެކޮޅަށް ތެދުވުމަކީ, އދގެ ނުރުހުމާ ކުރިމަތިލާން ޖެހޭނެ ފިޔަވަޅަކަށް ވެގެން ދާނެއެވެ.

ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް އަޑު އުފުލުގެ ގޮތުން ޖުުލައި މަހު ފެށި މުޒާހަރާތައް ހުއްޓުވުމަށް ޙަސީނާ ވަނީ ކަރފިޔު އިޢުލާނު ކުރައްވައި, މަސްލަޙަތު ގާއިމު ކުރުމަށް އަސްކަރިއްޔާގެ ހަތިޔާރު އެޅި ސިފައިން މަގުތަކަށް ނެރެފައެވެ. ނަމަވެސް, މިއީ އަސްކަރިއްޔާގެ އެންމެ އިސް މަޤާމުތަކުގައި ތިއްބެވި ގިނަ ޖެނެރަލުން ހިތްހަމަ ޖެހުނު ނިންމުމެއް ނޫނެވެ. އަދި, ކުރީގެ ބައެއް އޮފިސަރުން ވަނީ ސަރުކާރުން ހާވާފައިވާ ހަޑި ފިލުވަން އަސްކަރިއްޔާ ނެރުމުން އެ ކަމާ މެދު ހިތްހަމަނުޖެހުން ފާޅު ކޮށްފައެވެ.

ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މުގުލުގައި އަސްކަރިއްޔާ

ޙަސީނާގެ އިސްތިޢުފާއާ ބަންގްލަދޭޝްގެ ކުރިމަގު މި ވަގުތު މި އޮތީ އަސްކަރިއްޔާގެ އަތްމައްޗަށް ވެއްޓިފައެވެ. ހުރިހާ ބާރުތަކެއް މިހާރު އޮތީ އަސްކަރިއްޔާގެ ދަށުގައެވެ. އެ ޒިންމާ އުފުލަން އަސްކަރިއްޔާއިން ތައްޔާރަށް އޮތް ކަން, އަސްކަރިއްޔާގެ އިސް ކޮމާންޑަރު, ޖެނެރަލް ވާކިރު އަލް-ޒަމާން ވަނީ އިޢުލާނު ކުރައްވާފައެވެ. އިސްތިޢުފާ ދެއްވުމަށް ފަހު ޙަސީނާ ޤައުމު ދޫކޮށް ވަޑައިގަންނަވާފައިވާ ކަން ކަށަވަރު ކޮށްދެއްވަމުން ޒަމާން ވަނީ ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ކަން އިޢުލާނު ކުރައްވާފައެވެ.

"ޤައުމުގެ މި ވަގުތު މި އޮތީ ކާރިސާއެއްގެ މެދުގައި. އަޅުގަނޑު އިދިކޮޅު ޕާޓީތަކުގެ ވެރިންނާ ބައްދަލު ކޮށް, ވަގުތީ ސަރުކާރެއް އެކުލަވައިލުމަށް ވަނީ އެއްބަސްވެފައި. ހުރިހާ ކަމެއްގެ ޒިންމާ އުފުލައި, އަޅުގަނޑު ރައްޔިތުންގެ ފުރާނައާއި މުދާ ރައްކާތެރި ކޮށްދޭން ކަމުގެ ޔަގީން ކަން އަރުވަން. ތިޔަ ބޭފުޅުން ބޭނުންވާ ކަންކަން ފުއްދައިދޭނަން،" ޒަމާން ވިދާޅުވިއެވެ.

"އަޅުގަނޑުގެ އެދުމަކީ މި ކަމުގައި ތިޔަ ބޭފުޅުން އަޅުގަނޑުމެންނަށް [އަސްކަރިއްޔާއަށް] ވާގިވެރިވުން. އެއްބާރުލުން ދިނުން. އަދި, ހަމަނުޖެހުން ހިންގުން ހުއްޓައިލުން. އަޅުގަނޑުމެންނާ އެކު މަސައްކަތް ކޮށްގެން ސުލްޙަވެރި ހައްލެއް ހޯދޭނެ. ހަމަނުޖެހުން ހިންގައިގެން އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެ." އިދިކޮޅު ޕާޓީތަކުގެ ވެރިންނާއި މަދަނީ ޖަމުޢިއްޔާތަކުގެ މަންދޫބުންނާ އެކު ބޭއްވި ބައްދަލުވުންތަކުގައި ޙަސީނާގެ އަވާމީ ލީގުގެ އެއްވެސް މެންބަރަކު ބައިވެރި ކޮށްފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އިސްތިޢުފާގެ ކުރިން އަސްކަރިއްޔާގެ މުހިންމު ބައްދަލުވުމެއް

ޙަސީނާ އިސްތިޢުފާ ދެއްވުމުގެ ދެ ދުވަސް ކުރިން އަސްކަރިއްޔާގެ އިސް އޮފިސަރުންނާއި ޒަމާން ބައްދަލު ކުރެއްވިއެވެ. އެ ބައްދަލުވުމަށް ފަހު ވެސް އޭނާ ވަނީ, އަސްކަރިއްޔާއިން އިސްކުރާނީ ރައްޔިތުންނާއި ދަޢުލަތުގެ އެންމެ މަތީ މަސްލަޙަތު ކަމުގައި ވިދާޅުވެފައެވެ.

"ފާޅުގައި ބަޣާވާތެއް ހިންގައިފި ނަމަ, ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ސުވާލުތަކާއި ނުރުހުމާ އަސްކަރިއްޔާއަށް ކުރިމަތިލާން ޖެހޭނެ. އަދި, އެ ކަމާ ގުޅިގެން އަޅާފާނެ ފިޔަވަޅުތަކުގެ ޒިންމާ އުފުލަން ޖެހޭނެ. އަސްކަރިއްޔާގެ އެންމެ އިސް ޖެނެރަލުންނަށް ވުރެ ބޮޑަށް އެ ކަމާ މެދު އެންމެ ކަންބޮޑުވާ ބަޔަކީ, އޭގެ ދަށަށް ތިބި ޒުވާން އޮފިސަރުން،" ބަންގްލަދޭޝްގެ އަސްކަރިއްޔާގައި ޖެނެރަލެއްގެ މަޤާމު ފުރުއްވާފައިވާ އެމްއެން ޚާން ވިދާޅުވިއެވެ.

އިސްތިޢުފާ ދެއްވުމަށް ފަހު 76 އަހަރުގެ ޙަސީނާ ވަޑައިގަންނަވާފައި ވަނީ އިންޑިޔާއަށެވެ. އިންޑިޔާއަކީ އޭނާގެ ސަރުކާރާ ގާތް ގުޅުމެއް ބާއްވަމުން ދިޔަ އިސް މަދަދުގާރެކެވެ. ޙަސީނާ އެކު އޭނާގެ ކޮއްކޯފުޅު ޝައިޚް ރައިޙާނާ ވެސް ޤައުމު ދޫކޮށް ވަޑައިގަންނަވާފައިވެއެވެ. ޙަސީނާ އިސްތިޢުފާ ދެއްވާފައި ވަނީ އަސްކަރިއްޔާއިން އެ ކަމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ބައެއް ރިޕޯޓުތައް ބުނި ނަމަވެސް, އެ ކަން ކަށަވަރު ކުރެވިފައެއް ނުވެއެވެ.