ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވުމުން އައު ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައިވާ ދަނޑިވަޅުގައި, ސަރުކާރު ވައްޓާލުމުގައި އިސް ދައުރެއް އަދާ ކޮށްފައިވާ މުޒާހަރާތައް އިންތިޒާމު ކުރި ދަރިވަރުންނާ ބައްދަލު ކުރައްވަން އެ ޤައުމުގެ އަސްކަރިއްޔާގެ އިސްވެރިޔާ ނިންމަވައިފިއެވެ. މުޒާހަރާތައް ހޫނުވެ, ބައިވެރިންގެ ތެރެއިން ބަޔަކު ރިޔާސީ ގަނޑުވަރަށް ވަދެގަތުމުން އިސްތިޢުފާ ދެއްވުމަށް ފަހު ޙަސީނާ ވަނީ ޤައުމު ދޫކުރައްވައި އިންޑިޔާއަށް ވަޑައިގަންނަވާފައެވެ.
ޖުލައި މަހުން ފެށިގެން ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައި އޮތް ބަންގްލަދޭޝްގެ މަގުތައް, ޙަސީނާގެ އިސްތިޢުފާއާ އެކު ވަނީ އަމާންވެފައެވެ. ޖުލައި މެދެއްހާ ހިސާބުން ފެށިގެން ބަންދު ކޮށްފައިވާ މަދަރުސާތައް އަލުން ހުޅުވައިލި ނަމަވެސް, ހާޒިރުވެފައި ވަނީ މަދު ޢަދަދެއްގެ ދަރިވަރުންނެވެ. ނަމަވެސް, ބަންގްލަދޭޝްގެ އިޤުތިޞާދުގެ އެއް މައި ނާރެސް ކަމުގައިވާ ފޭރާން އުފެއްދުމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ކުންފުނިތަކާއި ކާރުޚާނާތައް އަދިވެސް ހުރީ ބަންދު ކޮށްފައެވެ. އެ ތަންތަން ހުޅުވާނެ ތާރީޚެއް އިޢުލާނު ކޮށްފައެއް ނެތެވެ.
ސަރުކާރުގެ ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ފެށި މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 300އަށް އުފުލިފައެވެ. އަދި, އެތަކެއް ހާސް ބަޔަކު ވަނީ ޒަޚަމުވެފައެވެ.
ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ބުނީ, އަސްކަރިއްޔާގެ އިސް ކޮމާންޑަރު, ޖެނެރަލް ވާކިރް އަލް-ޒަމާން މުޒާހަރާ އިންތިޒާމު ކުރާ ހަރަކާތުގެ އިސް މީހުންނާ ބައްދަލު ކުރައްވާނެ ކަމުގައެވެ. ޙަސީނާ އިސްތިޢުފާ ދެއްވައި, ޤައުމު ދޫކޮށް ވަޑައިގަންނަވާފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ވެސް ޒަމާނެވެ. ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަން ވެސް އޭނާ ވަނީ އިޢުލާނު ކުރައްވާފައެވެ. މުޒާހަރާ އިންތިޒާމު ކުރާ ހަރަކާތުގެ އިސްވެރިންނަށް ފަހު އޭނާ ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝިހާބުއްދީނާ ވެސް ބައްދަލު ކުރައްވާނެއެވެ.
ޓީވީ މެދުވެރި ކުރައްވައި ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ޝިހާބުއްދީން ވިދާޅުވީ ވަގުތީ ސަރުކާރުގެ މައިގަނޑު މަސައްކަތަކަށް ވާނީ ހުރިހާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގެ މަތިން އަވަސް އިންތިޚާބެއް ބޭއްވުން ކަމުގައެވެ. ޙަސީނާގެ ސަރުކާރުން ޖަލަށް ލާފައިވާ އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ވެރިޔާ, ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ މިނިވަން ކުރަން ވެސް އޭނާ ވަނީ އަމުރު ކުރައްވާފައެވެ. 2018ވަނަ އަހަރު ޚާލިދާ ޒިޔާ ޖަލަށް ލާފައި ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ ކުށް ސާބިތުވުމާ ގުޅިގެންނެވެ. ނަމަވެސް, ޞިއްޙީ ހާލަތު ދެރަވުމާ ގުޅިގެން އޭނާ މިހާރު އޮންނެވީ ހަސްފަތާލުގައެވެ.
ސަރުކާރާ ދެކޮޅު މުޒާހަރާތައް އިންތިޒާމު ކުރި ހަރަކާތުން މިހާރު ވަނީ އަސްކަރިއްޔާއަށް ވެސް ހުށަހެޅުންތަކެއް ހުށަހަޅާފައެވެ. އެ ހަރަކާތުން ބޭނުން ވަނީ, އެކުލަވައިލެވޭ ވަގުތީ ސަރުކާރެއްގެ އިސް މުޝީރުގެ މަޤާމު ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސަށް އެރުވުމަށެވެ. "އޭނާގެ ބައިވެރިވުން ނެތް ސަރުކާރެއް ބަލައެއް ނުގަންނާނަން. އަސްކަރިއްޔާއިން ވާގިވެރިވާ, އަދި ކޮންޓްރޯލް ކުރާ ސަރުކާރެއް ވެސް ބަލައެއް ނުގަންނާ ނަން،" މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ހަރަކާތުގެ އޮފިޝަލެއް ކަމުގައިވާ ނާހިދް އަލް-އިސްލާމް ބުންޏެވެ.
އެ ކަމާ ގުޅޭ ގޮތުން ޔޫނުސާ މަޝްވަރާ ކޮށްފައިވާނެ ކަމަށާއި, ވަގުތީ ސަރުކާރުގައި އިސް ދައުރެއް އަދާ ކުރަން އޭނާ އެއްބަސްވެ ވަޑައިގަންނަވާފައިވާ ކަމުގައި ވެސް އިސްލާމް ބުންޏެވެ. 84 އަހަރުގެ ޔޫނުސަކީ, ބަންގްލަދޭޝްގެ ފަގީރު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. މި ގޮތުން, އޭނާގެ ގްރާމީން ބޭންކުން ވަނީ ފަޤީރު ޢާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް 100 ޑޮލަރުން ދަށުގެ ކުދި ލޯނު ދޫކުރުމުުގެ ޕުރޮގުރާމެއް ހިންގާފައެވެ.
ޔޫނުސާއި ގްރީމަން ބޭންކަން ނޮބެލް ސުލްޙައިގެ އިނާމު ލިބިފައިވާ އެ ޕުރޮގުރާމާ ގުޅިގެންނެވެ. ނަމަވެސް, ބަންގްލަދޭޝްގެ ސަރުކާރުން ޖޫން މަހުގެ ތެރޭގައި ވަނީ އޭނާގެ މައްޗަށް ޚިޔާނާތުގެ ދަޢުވާ އުފުލާފައެވެ. އޭނާ, އެ ދަޢުވާތަކަށް އިންކާރު ކުރައްވައެވެ. އޭނާ މިހާރު ދިރުއުޅުއްވަމުން ގެންދަވަނީ ފަރަންސޭސިވިލާތުގައެވެ.
ޕެރިހުގައި ހުންނަވައި އިންޑިޔާގެ ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި ޔޫނުސް ވިދާޅުވީ, އޮގަސްޓު 5ވަނަ ދުވަހަކީ 1971ވަނަ އަހަރަށް ފަހު ބަންގްލަދޭޝްގެ ޢާންމު ރައްޔިތުންނަށް ދެވަނަ ފަހަރަށް މިނިވަން ކަން ލިބުނު ދުވަސް ކަމުގައެވެ. ނަމަވެސް, ބަންގްލަދޭޝްގެ ރައްޔިތުންނަށް ދިރިއުޅުން ހަލާކު ކޮށްލުމުގެ ޒިންމާ އުފުއްލަވަން ޖެހޭ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ޙަސީނާއަށް އިންޑިޔާ ސަރުކާރުން ޙިމާޔަތް ދޭން ނިންމުމުން, ބަންގްލަދޭޝްގެ ރައްޔިތުން އިންޑިޔާއާ މެދު ނުރުހުންވެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
އިސްތިޢުފާ ދެއްވައި ޤައުުމު ދޫކުރެއްވުމަށް ފަހު ޙަސީނާ ވަޑައިގަންނަވާފައި ވަނީ އިންޑިޔާއަށެވެ. ވެރިރަށް ނިއު ދެއްލީ ކައިރީގައި އޮންނަ ހިންޑަން އަސްކަރީ މަރުކަޒަށް ޙަސީނާ ވަޑައިގެންނެވުމުން އިންޑިޔާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު އަޖީޓް ދޯވާލް އޭނާއާ ބައްދަލު ކުރައްވާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ޙަސީނާ އިންޑިޔާގައި ކިހާ ދުވަހަކު މަޑު ކުރައްވާނެ ކަން ސާފެއް ނޫނެވެ. ނަމަވެސް, ބަންގްލަދޭޝްގެ ކާރިސާއާ މެދު އަޅާނެ ފިޔަވަޅުތަކަކާ މެދު މަޝްވަރާ ކުރެއްވުމަށް އިންޑިޔާގެ ޚާރިޖީ ވަޒީރު ވަނީ އެ ޤައުމުގެ ސިޔާސީ ޕާޓީތަކުގެ ވެރިންނާ ބައްދަލު ކުރައްވަން ނިންމަވާފައެވެ.