ޚަބަރު

އެެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޙަމަލާދީ ފަސް ސިފައިން ޒަޚަމު ކޮށްލައިފި


ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ދިން ވަރުގަދަ ޙަމަލާތަކެއްގައި ސިފައިންގެ ފަސް މީހުން ޒަޚަމު ކޮށްލައިފިއެވެ.

ޢިރާޤުގެ ހުޅަނގުގެ ރަށެއްގައި އޮންނަ ޢަސަދް އަސްކަރީ ވައިގެ ބަނދަރަށް ޙަމަލާ ދީފައި ވަނީ ކަތުޔޫޝާ މަރުކާގެ ރޮކެޓުތަކެއް ބޭނުން ކޮށްގެންނެވެ. ޢެ ތަނަށް ޙަމަލާ ދީފައި މި ވަނީ, ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުން ޔަހޫދީންނާ މެދު އޮތް ނަފުރަތު އިތުރުވެ, މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

ހަނިއްޔާ ޝަހީދު ކޮށްލުމުން އީރާނާއި އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ އެ ކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެ, ޔަހޫދީންނަށް ވަރުގަދަ އިންޒާރެއް ދީފައެވެ. އެ އިންޒާރުތަކާ ގުޅިގެން އެމެރިކާއިން ވަނީ ޔަހޫދީންނަށް ޙިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދޭން އިތުރު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އޭގެ ތެރޭގައި, މެދުއިރުމައްޗަށް އިތުރު އަސްކަރީ މަނަވަރުތަކާއި އަސްކަރީ މަތިންދާބޯޓުތައް ފޮނުވުން ހިމެނެއެވެ.

ނަން ހާމަކޮށްފައި ނުވާ އެމެރިކާގެ އަސްކަރިއްޔާގެ އޮފިޝަލަކު ބުނީ, ޢަސަދް ވައިގެ ބަނދަރަށް ދީފައިވާ ރޮކެޓު ޙަމަލާތަކުގައި ޒަޚަމުވި ފަސް ސިފައިންގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިޔަސް ކަމުގައެވެ. އެ ޙަމަލާއާ ގުޅިގެން ތަޙުޤީޤެއް ފަށާފައިވާ ކަމަށާއި, ޒަޚަމުވެފައިވާ މީހުންގެ ޢަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވެސް އޭނާ ބުންޏެވެ. އެ ޙަމަލާ ދީފައި ވަނީ, ޢިރާޤުގައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން, ބަޣްދާދު ކައިރީގައި އޮންނަ ސަރަޙައްދަކަށް ނުރައްކާތެރި ވައިގެ ޙަމަލާތަކެއް ދީފައިވާ ދަނޑިވަޅެއްގައެވެ.

ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ހުވައި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތަހްރާނަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިންނެވެ. އޭގެ ކުރިން ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ވެރިރަށް ބައިރޫތަށް ވެސް ރަޙުމު ކުޑަ ޙަމަލާތަކެއްދީ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އަސްކަރީ ގޮފީގެ އިސް ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލާފައެވެ. ޙިޒްބުاللهން ވެސް ވަނީ, އޭނާގެ މަރުގެ ބަދަލު ހިފާނެ ކަމަށް ބުނެ ޔަހޫދީންނަށް އިންޒާރު ދީފައެވެ.

ޢިރާޤަކީ އެމެރިކާގެ އިތުރުން އީރާނާ އެކު ވެސް ގާތް ގުޅުންތަކެއް ދަމަހައްޓަމުންދާ ޤައުމެކެވެ. ޢިރާޤުގައި ތިބި އެމެރިކާ ސިފައިންގެ 2,500އެއްހާ ސިފައިން ބޭލުމަށް ޢިރާޤުގެ ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ. އެ ގޮތުން, ކުރިއަށް އޮތް ސެޕްޓެންބަރު މަސް ނިމުމުގެ ކުރިން ޢިރާޤުގައި ގާއިމުވެފައި ތިބި އެމެރިކާގެ އިސްތިޢުމާރީ ސިފައިން އެ ޤައުމުން ފޭބުމަށް ޢިރާޤުގެ ސަރުކާރުން ވަނީ މުހުލަތެއް ކަނޑައަޅާފައެވެ. އެ ކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ޢިރާޤުގެ ބޮޑުވަޒީރު މުޙައްމަދު ޝިޔާޢު އަލް-ސޫދާނީ ދާދި ފަހުން ވަނީ އެމެރިކާގެ ދިފާޢީ ވަޒީރު ލޮއިޑް އޮސްޓިނަށް ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވާފައެވެ.

2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހު ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާނެއް ފެށުމުން ޢިރާޤުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރު ކޮށްފައިވާ ކަން ފާހަގަ ކުރެވެއެވެ.