ޚަބަރު

މަޝްވަރާތަކަށް ހުރަސް އަޅާތީ ނަތަންޔާހޫއާ މެދު ނަފުރަތު އިތުރުވަނީ


ފަލަސްޠީނުުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުމަކަށް ގެނައުމާ މެދު ކުރަމުންދާ މަޝްވަރާތައް ނާކާމިޔާބުވުމުން ޔަހޫދީންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ މެދު އޮތް ނަފުރަތު އިތުރުވެއްޖެއެވެ. ޢުދުވާންތައް ހުއްޓުވުމުގެ އިތުރުން މަޝްވަރާތަކުގެ ދެވަނަ އަމާޒަކީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައި ތިބި އަސީރުން މިނިވަން ކުރުވުމެވެ.

ނަން ހާމަ ކޮށްފައި ނުވާ ޔަހޫދީންގެ ތިން އޮފިޝަލަކު ބުނީ, މަޝްވަރާތައް ކާމިޔާބުވިޔަ ނުދިނުމަށް ނަތަންޔާހޫ އަމަލު ކުރަމުންދާ ގޮތާ މެދު ހިތްހަމަނުޖެހުމާއި ރުޅިވެރިކަން އިތުރުވެފައިވާ ކަމުގައެވެ. އަދި, އީރާނާ ދެމެދު އޮތް ނުތަނަވަސް ކަން އެތަކެއް ގުނައަކަށް އިތުރުވެ, ސަރަޙައްދީ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވުމާ އެކު, ކަންބޮޑުވުންތައް ވެސް އިތުރުވެފައިވާ ކަމުގައެވެ.

ހައްދުފަހަނަ އެޅި ނަތަންޔާހޫގެ އަމަލުތައް ބަހައްޓަމުންދާ ގޮތާ ގުޅިގެން, ޔަހޫދީންގެ ދިފާޢީ ދާއިރާގެ އިސްވެރިންނާއި އޭނާއާ ދެމެދު ނުތަނަވަސް ކަން އިތުރުވެފައިވާ ކަން ވެސް ވަނީ ހާމަވެފައެވެ. ސިއްރު ބައްދަލުވުންތަކާއި, ފާޅުގައި ދިފާއީ ދާއިރާގެ ބައެއް މީހުން ނަތަންޔާހޫއަށް ފާޑުކިޔައި ދައްކާފައިވާ ބައެއް ވާހަކަތަކުގެ އޯޑިޔޯތަކެއް ވެސް ދާދިފަހުން ލީކު ކޮށްލާފައިވެއެވެ.

މަޝްވަރާތަކުގައި އިސްކޮށް ޙަރަކާތްތެރިވާ ޔަހޫދީންގެ އިސް އޮފިޝަލަކު ދާދި ފަހުން ވަނީ ނަތަންޔާހޫގެ ސިޔާސަތުތަކާ މެދު ފާޑު ކިޔާފައެވެ. އަދި, އޭނާގެ ސިޔާސީ ހަޔާތް ކުރިއަރުވަން ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން, ޣައްޒާ ޢުދުވާން ހުއްޓައިލައި, އަސީރުން މިނިވަން ކުރުމާ ގުޅޭ ގޮތުން ކުރަމުންދާ މަޝްވަރާތަކަށް ހުރަސް އެޅިފައިވާ ކަން ހާމަ ކޮށްފައެވެ.

"އެއްބަސްވުމެއް އެކުލަވައިލުމާ މެދު ގޮތެއް ނިންމުން ބޮޑުވަޒީރު [ނަތަންޔާހޫ] ފަސް ކުރަމުންދާ ކަމުގެ އިހުސާސް ކުރެވޭ. އަދި, އޭނާ [ނަތަންޔާހޫ] އެ ކަމަށް [އެއްބަސްވުމެއް އެކުލަވައިލަން] ބޭނުން ނުވާ ކަން ދޭހަވޭ،" ނަން ހާމަކޮށްފައި ނުވާ ޔަހޫދީންގެ އޮފިޝަލަކު ހާމަކުރިއެވެ. ނަމަވެސް, ޙަމާސް ނައްތައިލުމުގެ އަމާޒު ހާސިލުވުމުގެ ކުރިން ޢުދުވާންތައް ހުއްޓައިނުލުމަށް, ސަރުކާރުގައި ބައިވެރިވާ ޔަހޫދީންގެ ހައްދުފަހަނަ އެޅި ސިޔާސަތުތަކަށް ތާޢީދު ކުރާ ޕާޓީތަކުން ދަނީ ނިރުބަވެރި ނަތަންޔާހޫއަށް ބާރު އަޅަމުންނެވެ.

ޙަމާސްގެ އަތްދަށުގައި ތިބި ކަމަށް ބެލެވޭ 115 އަސީރުން މިނިވަން ކުރުމަށް ސަރުކާރުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމަށް ހައްދުފަހަނަ އެޅި ނަތަންޔާހޫ ބުނަމުން ދިޔަ ނަމަވެސް, ރައްޔިތުން އެ ދޮގު ގަބޫލެއް ނުކުރެއެވެ. އަދި, އެ ކަމާ ދެކޮޅަށް އަޑު އުފުލަން އެތަކެއް ސަތޭކަ ހާސް ބަޔަކު ދަނީ ޔަހޫދީންގެ ވެރިރަށް ތެލް އަވީވުގައި މުޒާހަރާ ކުރަމުންނެވެ.

ދާދި ފަހުން ނަތަންޔާހޫގެ އަމުރަށް ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުން މަސްރަހު ވަނީ އިތުރަށް ހޫނުވެފައެވެ. އީރާނާއި އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެ ވަރުގަދަ އިންޒާރެއް ދީފައެވެ. އެ އިންޒާރުތަކާ ގުޅިގެން, ޔަހޫދީންގެ ޙިމާޔަތާއި ރައްކާތެރިކަން އިތުރަށް ހަރުދަނާ ކޮށްދޭން އެ މީހުންގެ އެންމެ ބޮޑު މަދަދުގާރު އެމެރިކާއިން ވަނީ ތެޅިގަނެފައެވެ.

ހަނިއްޔާ އަވަހާރަ ކޮށްލުމުން, މިޞްރާއި ޤަޠަރުން އިސްނަގައިގެން ވިލަރެސް ކުރަމުންދާ މަޝްވަރާތައް އޮތީ މަޑުޖެހިފައެވެ. އެއްބަސްވުމެއް އެކުލަވައިލަން ހުރަސްއަޅައި, އެ ކަން ލަސް ކުރުމުގެ ގޮތުން ނިރުބަވެރި ނަތަންޔާހޫ ދަނީ އެއްބަސްވުމަށް އުނިއިތުރު ގެންނަން ހުށަހަޅަމުންނެވެ. އެ ކަން, ޙަމާސްގެ އިތުރުން މިޞްރުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އެ ކަމާ މެދު އެމެރިކާގެ ރައީސް ޖޯ ބައިޑަން ފާޑުވިދާޅުވެފައިވާ ކަމުގައި ވެސް ޔަހޫދީންގެ ނޫސްތަކުން ރިޕޯޓު ކުރެއެވެ. އެ ގޮތުން, އެން12 ނިއުސުން ބުނީ, ނަތަންޔާހޫއަށް ފޯނުން ގުޅުއްވައި ދޮގު ހެދުމާއި އޮޅުވައިލުން ހުއްޓައިލުމަށް ބައިޑަން ނަތަންޔާހޫގެ ކިބައިން ވަރަށް ހަރުކަށިކޮށް އެދިވަޑައިގަންނަވާފައިވާ ކަމުގައެވެ. ނަމަވެސް, އެ ކަން ކަށަވަރު ކޮށްދޭން ނިރުބަވެރި ނަތަންޔާހޫގެ އޮފީހުން ވަނީ ދެކޮޅު ހަދާފައެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,623އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 91,469އަށް އުފުލިފައެވެ.