ބަންގްލަދޭޝް ޤާނޫނު ހަދާ މަޖިލިސް އުވައިލާފައިވާ ކަން އެ ޤައުމުގެ ރިޔާސީ ގަނޑުވަރުން އިޢުލާންކޮށްފިއެވެ.
ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލިސް އުވައިލީ މުޒާހަރާތައް ރޭވުމުގައި އިސްކޮށް ޙަރަކާތްތްތެރިވާ ޙަރަކާތުގެ އިސް އޮފިޝަލެއް ކަމުގައިވާ ނާހިދު އަލް-އިސްލާމް ފޭސްބުކްގައި ޝާއިޢުކުރި ޕޯސްޓެއްގައި މިއަދުގެ މެންދުރު 3ގެ ކުރިން ޤާނޫނު ހަދާ މަޖިލިސް އުވައިލަން ދަޢުލަތަށް މުހުލަތު ދީފައިވަނިކޮށެވެ. މުޒާހަރާތައް އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވި އިތުރު ތިން މީހުންނާ އެކު ފޭސްބުކްގައި ޝާއިޢު ކޮށްފައިވާ ވީޑިޔޯގައި އިސްލާމް ބުނީ, ޤާނޫނު ހަދާ މަޖިލިސް އުވައިލައި, އެ ކަން އިޢުލާނު ނުކޮށްފި ނަމަ, އެ ކަމާ ދެކޮޅަށް ވަރަށް ހަރުކަށި ޕުރޮގުރާމެއް ހިންގަން މުޒާހަރާގެ ބައިވެރިން ތައްޔާރަށް ތިބި ކަމުގައެވެ. ޤާނޫނު ހަދާ މަޖިލިސް އުވައިލުމަށް ގޮވައިލައި އިންޒާރު ދީފައި ވަނީ, މުޒާހަރާ އިންތިޒާމު ކުރާ އިސް މީހުންނަށް ބައްދަލު ކުރައްވާނެ ކަން ޖެނެރަލް ޒަމާން އިޢުލާނު ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ.
ބަންގްލަދޭޝް ޤާނޫނު ހަދާ މަޖިލިސް އުވައިލާފައި ވަނީ ބޮޑުވަަޒީރު ޝައިޚް ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކުރި ބިޔަ މުޒާހަރާތަކާ ގުޅިގެން އޭނާ އިސްތިޢުފާ ދެއްވައި, ޤައުމު ދޫކުރައްވައި އިންޑިޔާއަށް ވަޑައިގަންނަވާފައިވާ ދަނޑިވަޅެއްގައެވެ. ޙަސީނާ އިސްތިޢުފާ ދެއްވުމުން ބަންގްލަދޭޝްގެ ހުރިހާ ބާރުތަކެއް ފުރޮޅިގެން ގޮސްފައި ވަނީ އަސްކަރިއްޔާގެ ދަށަށެވެ. އަސްކަރިއްޔާގެ އިސް ކޮމާންޑަރު, ޖެނެރަލް ވާކިރު އަލް-ޒަމާން ވިދާޅުވީ ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމުގައެވެ.
ދާދި ފަހުން އައު ދައުރަކަށް އިންތިޚާބުވެވަޑައިގެންނެވި ޢުމުރުން 76 އަހަރުގެ ޙަސީނާ އިސްތިޢުފާ ދެއްވާފައި ވަނީ ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް ފެށި މުޒާހަރާތައް ހޫނުވުމާ ގުޅިގެންނެެވެ. އެ މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރުމުން ހިނގި ކުރިމަތިލުންތަކުގައި މަރުވި މީހުންގެ ޢަދަދު ވަނީ 300އަށްވުރެ މައްޗަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ, މުޒާހަރާތަކުގައި ބައިވެރިވި ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނެވެ.
ޙަސީނާގެ ސަރުކާރު ވެއްޓުމުން ވަގުތީ ސަރުކާރެެއް އެކުލަވައިލުމާ ގުޅޭ ގޮތުން ޖެނެރަލް ޒަމާން ވަނީ އިދިކޮޅު ޕާޓީތަކުގެ ވެރިންނާ މަޝްވަރާ ކުރައްވާފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ, އެކުލަވައިލެވޭ ވަގުތީ ސަރުކާރެއްގެ އިސް މުޝީރުގެ މަޤާމު ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސަށް އެރުވުމަށް ގޮވައިލައި, އެ ކަމަށް ބާރު އަޅާފައެވެ. އަދި, އޭނާގެ ބައިވެރިވުން ނެތް ސަރުކާރެއް ބަލައިނުގަންނާނެ ކަމަށް ބުނެ, މުޒާހަރާ އިންތިޒާމު ކުރާ ޙަރަކާތުން ވަނީ އިންޒާރު ދީފައެވެ.