ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ އިސް ވެރިއަކަށް ޔަޙްޔާ އަލް-ސަންވާރް ޢައްޔަން ކޮށްފިއެވެ. އެ މަޤާމަށް ސިންވާރް ޢައްޔަން ކޮށްފައި ވަނީ, ޔަހޫދީ ފައުޖުން ދިން ރަޙުމު ކުޑަ ޙަމަލާއެއްގައި އެ މަޤާމު ފުރުއްވަމުން ގެންދެވި އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުންނެވެ. ހަނިއްޔާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް ތަހްރާނަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
ޔަހޫދީން ތުހުމަތު ކުރާ ގޮތުގައި, އަޅުވެތިކަމާ ދެކޮޅަށް ތެދުވެ 2023 އޮކްޓޫބަރު 7ގައި ޙަމާސުން ޔަހޫދީންގެ ރަށްތަކަށް ދިން ޙަމަލާގެ މޭސްތިރިއަކީ ސިންވާރެވެ. އޭނާ މި ވަގުތު ހުންނެވީ ޣައްޒާގައެވެ. އޭނާ ޝަހީދު ކޮށްލުމުގެ ބޭނުމުގައި ޔަހޫދީ ފައުޖުން އެތަކެއް ފަހަރެއްގެ މަތިން މަސައްކަތްކޮށް, ޣައްޒާއަށް ރަޙުމު ކުޑަ ޙަމަލާތަކެއް އަމާޒުކޮށްފައިވެއެވެ.
"އިސްލާމީ ހަރަކާތް ޙަމާސްގެ ސިޔާސީ ގޮފީގެ ކޮމާންޑަރު އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެން, އެ މަޤާމަށް ކޮމާންޑަރު ޔަޙްޔާ ސިންވާރް ޢައްޔަން ކޮށްފައިވާ ކަން އިޢުލާނު ކުރަން،" ޙަމާސުން ނެރުނު ބަޔާނެއްގައި ބުންޏެވެ. މި ޚަބަރު ދީފައި ވަނީ, ހަނިއްޔާ ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޙަމާސުން ދީފާނެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާއަކަށް ޔަހޫދީން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
"ޙަމާސްގެ މި ނިންމުމާ އެކު, ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ކުރަމުންދާ މަޝްވަރާތަކުގައި ޔަހޫދީންނަށް ދެން ކުރިމަތިލާން ޖެހޭނެ ފަރާތަކީ ސިންވާރް،" ޢުދުވާންތައް ހުއްޓުވަން މިޞްރާއި ޤަޠަރުން ވިލަރެސް ކޮށްގެން ކުރަމުންދާ މަޝްވަރާތަކުގެ މަޢުލޫމާތު އިނގޭ އޮފިޝަލަކު ބުންޏެވެ. "އެ މަޤާމަށް ސަންވާރް ޢައްޔަން ކުރުމަކީ ޔަހޫދީންނަށް ދީފައިވާ ވަރުގަދަ މެސެޖެއް: ޙަމާސުން ފަހަތަށް ޖެހުމުގެ އެއްވެސް ނިޔަތެއް ނެތް."
ސިންވާރަކީ މި ވަގުތު ދުނިޔޭގައި ހުންނެވި ޙަމާސްގެ އެންމެ ބާރުގަަދަ ލީޑަރެވެ. އޭނާގެ އުމުރުގެ ބޮޑު ބަޔެއް ހޭދަ ކުރައްވާފައި ވަނީ ޔަހޫދީންގެ ޖަލުތަކުގައެވެ. 61 އަހަރުގެ ސިންވާރް އުފަންވެ ވަޑައިގަތީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގެ ރެފިއުޖީ ކޭމްޕެއްގައެވެ. ޙަމާސްގެ ހަތިޔާރު އެޅި ގޮފީގެ އިސް ކޮމާންޑަރުގެ މަޤާމަށް އޭނާ ޢައްޔަން ކޮށްފައި ވަނީ 2017ވަނަ އަހަރުއެވެ. އޭނާއަކީ ޖެހިލުންކުޑަ, ހިތްވަރުގަދަ މުޖާހިދެކެވެ.
ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާގެ މަޤާމަށް ސިންވާރް ޢައްޔަން ކުރުމާ ގުޅިގެން ޔަހޫދީން ވަނީ އޭނާއަށް އިންޒާރު ދީފައެވެ. ޔަހޫދީ ފައުޖުގެ ތަރުޖަމާނު ދަނިއެލް ހަގްރީ ބުނީ ހަނިއްޔާއާއި މުޙައްމަދު ޟަޔިފްގެ އިތުރުން ޞާލިޙް އަލް-ޢާރޫރީއާ ގުޅުން ނޫން އިތުރު ގޮތެއް ސަންވާރަށް ނެތް ކަމުގައެވެ. މާނައަކީ, އެ ބޭފުޅުންނޭ އެއްގޮތަށް ޔަހޫދީ ފައުޖުން ސިންވާރް ވެސް ޝަހީދު ކޮށްލާނެ ކަމެވެ.
ޙަމާސްގެ ވެރިއަކަށް ސިންވާރް ޢައްޔަން ކުރުމާ މެދު އެމެރިކާއިން ވަކި އެއްޗެއް ހާމަ ކުރަން ދެކޮޅު ހަދައެވެ. ނަމަވެސް, ވޮޝިންގޓަނުގެ ވިސްނުން އިނގޭ ނަން ހާމަކޮށްފައި ނުވާ އޮފިޝަލަކު ބުނީ, ހަނިއްޔާގެ މަޤާމަށް ސަންވާރް ޢައްޔަން ކުރުމުން ޙަމާސުން އަސްކަރީ ބާރުވެރިކަން އިތުރު ކުރަން ނިންމާފައިވާ ކަމަށް އެމެރިކާއިން ގަބޫލު ކުރާ ކަމުގައެވެ. އަދި, ޢުދުވާން ހުއްޓުމަށް ކުރަމުންދާ މަޝްވަރާތަކުގައި ޙަމާސްގެ ރާގު ހަރުކަށިވެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމުގައެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,653އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 91,535އަށް އުފުލިފައެވެ.