ޚަބަރު

ބަންގްލަދޭޝް ވަގުތީ ސަރުކާރުގެ އިސް މުޝީރަކީ މުޙައްމަދު ޔޫނުސް


ބަންގްލަދޭޝް ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގެ ބައިވެރިންގެ އެދުމުގެ މަތިން, އެ ޤައުމުގެ ވަގުތީ ސަރުކާރުގެ އިސް މުޝީރެއްގެ ގޮތުގައި ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ މުޙައްމަދު ޔޫނުސް ޢައްޔަން ކޮށްފައިވާ ކަން އިޢުލާނު ކޮށްފިއެވެ. ވަގުތީ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ފަށާފައި ވަނީ, ބޮޑުވަޒީރު ކަމުގައި ހުންނެވި ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވައި, ޤައުމު ދޫކުރައްވައި އިންޑިޔާއަށް ވަޑައިގެންނެވުމުންނެވެ. ޙަސީނާގެ ސަރުކާރު ވެއްޓުމާ އެކު, ދަޢުލަތުގެ ހުރިހާ ބާރުތަކެއް ފުރޮޅިފައި ވަނީ އަސްކަރިއްޔާގެ މައްޗަށެވެ.

ވަގުތީ ސަރުކާރުގެ އިސް މުޝީރު ކަމުގެ މަޤާމަށް ޔޫނުސް ޢައްޔަން ކޮށްފައިވާ ކަން އިޢުލާނު ކުރައްވާފައި ވަނީ ރައީސް މުޙައްމަދު ޝިހާބުއްދީނެވެ. އޭނާ އެ ކަން އިޢުލާނު ކުރައްވާފައި ވަނީ މުޒާހަރާތައް އިންތިޒާމު ކުރާ ޙަރަކާތުގެ އިސް ދަރިވަރުންނާއި, އަސްކަރިއްޔާގެ އިސް ޖެނެރަލުންނާ އެކު ބޭއްވެވި ބައްދަލު ކުރެއްވުމަކަށް ފަހުއެވެ.

ޢުމުރުން 84 އަހަރުގެ ޔޫނުސަކީ, ބަންގްލަދޭޝްގެ ފަގީރު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެ ގޮތުން, އޭނާގެ ގްރާމީން ބޭންކުން ވަނީ ފަޤީރު ޢާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް 100 ޑޮލަރުން ދަށުގެ ކުދި ލޯނު ދޫކުރުމުުގެ ޕުރޮގުރާމެއް ހިންގާފައެވެ. ޔޫނުސާއި ގްރީމަން ބޭންކަން ނޮބެލް ސުލްޙައިގެ އިނާމު ލިބިފައިވާ އެ ޕުރޮގުރާމާ ގުޅިގެންނެވެ.

ޔޫނުސްގެ ބައިވެރިވުން ނެތް އެއްވެސް ސަރުކާރެއް ބަލައިނުގަންނާނެ ކަމަށް ބުނެ, މުޒާހަރާ އިންތިޒާމު ކުރާ ޙަރަކާތުން ވަނީ އިންޒާރު ދީފައެވެ. އަދި, ވަގުތީ ސަރުކާރުގައި އިސް ދައުރެއް އަދާ ކުރުމަށް ޔޫނުސަށް ހުށަހަޅައި, އެ ކަމާ ގުޅޭ ގޮތުން އޭނާއާ މަޝްވަރާ ކޮށްފައިވާނެ ކަމުގައި ވެސް އެ ޙަރަކާތުން ހާމަކޮށްފައިވެއެވެ. ޔޫނުސް މި ވަގުތު ހުންނެވީ ބޭސްފަރުވާއަކަށް ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހުގައެވެ. އޮގަސްޓު 8ވަނަ ދުވަހު އޭނާ ދާކާއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ބެލެވެެއެވެ.

ވަގުތީ ސަރުކާރު އެކުލަވައިލައި އޮގަސްޓު 7ވަނަ ދުވަހު އިޢުލާނު ކުރާނެ ކަމަށް ބެލެވުނު ނަމަވެސް, އެ ސަރުކާރުން މަސްއޫލިއްޔަތުތަކާ ހަވާލުވާނެ ތާރީޚެއް ސާފެއް ނޫނެވެ. އޮގަސްޓު 6ވަނަ ދުވަހު, މުޒާހަރާގެ ބައިވެރިން ބޭނުންވި ގޮތަށް ޝިހާބުއްދީން ވަނީ ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލިސް ވެސް އުވައިލައްވާފައެވެ. ޤާނޫނު ހަދާ މަޖިލިސް އުވައިނުލައިފި ނަމަ މުޒާހަރާތަކާއި ހަމަނުޖެހުންތައް ހަރުކަށި ކުރާނެ ކަމަށް ބުނެ, މުޒާހަރާގެ ބައިވެރިން އިންޒާރު ދީފައިވެއެވެ.

ޙަސީނާ އިސްތިޢުފާ ދެއްވުމާ ގުޅިގެން, އޭނާގެ ވެރިކަމުގައި ޖަލަށް ލާފައިވާ އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ވެރިޔާ, ކުރީގެ ބޮޑުވަޒީރު ބޭގަމް ޚާލިދާ ޒިޔާ ގޭ ބަންދުން މިނިވަން ކޮށްފައިވާ ކަން ވެސް ޝިހާބުއްދީން ވަނީ އިޢުލާނު ކުރައްވާފައެވެ. އަދި, ވީ އެންމެ އަވަހަކަށް ވަގުތީ ސަރުކާރެއް އެކުލަވައިލާނެ ކަން ވެސް ޝިހާބުއްދީން ހާމަ ކުރައްވާފައިވެއެވެ.

އިތުރު ދައުރަކަށް ޖަނަވަރީ މަހު އިންތިޚާބުވެ ވަޑައިގެންނެވި ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ނިކުމެ, މުޒާހަރާ ކުރަން ފަށާފައި ވަނީ ޖުލައި މަހުގެ މެދެއްހާ ހިސާބުގައެވެ. މުޒާހަރާތައް ފަށާފައި ވަނީ ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް އަޑު އުފުލުމަށެވެ. ނަމަވެސް, މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމާ އެކު, މުޒާހަރާގެ ބައިވެރިން ޙަސީނާއާއި އޭނާގެ ސަރުކާރުގެ އިސްތިޢުފާއަށް ގޮވަން ފެށިއެވެ.

އޮގަސްޓު 5ވަނަ ދުވަހު މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރުގެ ގަނޑުވަރުކޮޅަށް ވަދެގަނެ, އެ ތަން ހިސާރު ކޮށްފައެވެ. އަދި, އެ ތަން ލޫޓުވައި, މުޒާހަރާގެ ބައިވެރިން އެ ތަނުގައި ހުރި މުދާ ގެންދިޔަ މަންޒަރު ވީޑިޔޯތަކުން ފެނުނެވެ. ނަމަވެސް, އެއަށް ފަހު ވެރިރަށް ދާކާގެ މަގުތައް ވަނީ ހަމަހިމޭންވެފައެވެ. އަދި, ހަމަނުޖެހުންތަކާ ގުޅިގެން ބަންދުކޮށްފައި އޮތް މަދަރުސާތަކާއި އޮފީސްތަކުގެ އިތުރުން ފޭރާން އުފެއްދުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ކާރުޚާނާތައް އަލުން ހުޅުވަން ފަށާފައިވާ ކަން ފާހަގަ ކުރެވެއެވެ.

މުޒާހަރާތައް ރޫޅައިލަން ރަބަރު އުންޑައާއި ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކޮށް ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދިނުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ވަނީ 300އަށް އުފުލިފައެވެ. އަދި, އެތަކެއް ހާސް ބަޔަކު ވަނީ ޒަޚަމުވެފައެވެ. މުޒާހާރާތައް ރޫޅައިލުމުގެ ނަމުގައި ފުލުހުން ވަނީ 11,000އަށްވުރެ ގިނަ މީހުން ހައްުޔަރު ކޮށްފައެވެ. އޭގެ ތެރޭގައި, އިދިކޮޅު ބީއެންޕީއާއި ޖަމާޢަތު އަލް-އިސްލާމްގެ ވެރިންނާއި މެންބަރުންގެ އިތުރުން ގިނަ ޢަދަދެއްގެ ދަރިވަރުން ހިމެނެއެވެ.