ޚަބަރު

ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާއަށް އަރައި ޙަމަލާތަކެއް ދީފި


ޔޫކްރެއިންގެ ފައުޖަކުން ރަޝިޔާގެ ކާކްސް ސަރަޙައްދަށް އަރާފައިވާ ކަން ރަޝިޔާއިން ހާމަކޮށްފިއެވެ. ރަޝިޔާއިން ބުނީ, އެ ޤައުމުގެ ސަރަޙައްދަށް އަރާފައިވާ ޔޫކްރެއިންގެ ސިފައިންނާ ރަޝިޔާގެ ދިފާޢީ ފައުޖުން ކުރިމަތިލަމުންދާ ކަމުގައެވެ. އެއީ, 2022ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށި ފަހުން, ޔޫކްރެއިންގެ އެންމެ ގިނަ ޢަދަދެއްގެ ސިފައިން ރަޝިޔާގެ ރަށަކަށް އަރައިގަނެފައިވާ ފުރަތަމަ ފަހަރެވެ.

ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރެއިނުން 2023ވަނަ އަހަރު ފެށި ކައުންޓަރއޮފެންސިވް ނުވަތަ ރައްދު ޙަމަލާގެ ކެމްޕޭން ފޭލުވުމާ ގުޅިގެން ރަޝިޔާއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަން ފަށާފައެވެ. އެ ގޮތުން ޖޫން 14ގެ ފަހުން ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުން 420 އަކަ ކިލޯމީޓަރުގެ ސަރަޙައްދަކަށް އަތްގަދަ ކޮށްފައެވެ.

އެ ކަމަށް ރައްދު ދިނުމުގެ ގޮތުން ޔޫކްރެއިންގެ ފައުޖުތަކުން މިހާރު ވަނީ ރަޝިޔާގެ ރަށްތަކަށް އަތްގަދަ ކުރަން މަސައްކަތް ފަށާފައެވެ. ޔޫކްރެއިންގެ ސިފައިން އަރައިގަނެފައި ވަނީ ދެ ޤައުމުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ ކާކްސްގެ ރަށެއް ކަމުގައިވާ ސޫދްޖާއަށެވެ. އެއީ, ރަޝިޔާގެ ވެރިރަށް މޮސްކޯއާ 530 ކިލޯމީޓަރު ދުރުގައި އޮންނަ ރަށެކެވެ.

އެ ސަރަޙައްދަށް ޔޫކްރެއިންގެ ސިފައިން އަރާފައިވާ ކަން ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވެސް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ. ސޫދްޖާއަކީ ރަޝިޔާއިން ވިލާތުގެ ޤައުމުތަކަށް ގޭހާއި ތެޔޮ ބޭރު ކުރުމަށް ބޭނުން ކުރާ މައި މަރުކަޒެކެވެ. 2023ވަނަ އަހަރު އެ ސަރަޙައްދުން ވިލާތުގެ ޤައުމުތަކަށް 14.65 ބިލިޔަން ކިޔުބިކް މީޓަރުގެ ގޭސް ފޯރު ކޮށްދީފައިވެއެވެ. ރަޝިޔާގެ ކާކްސް ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާ ވެސް ހުންނަނީ އެ ރަށް ކައިރީގައެވެ.

ޔޫކްރެއިންގެ ސިފައިން ރަޝިޔާއަށް އަރާފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ވަރަށް ހައްސާސް ދަނޑިވަޅެއްގައެވެ. އެމެރިކާގައި ނޮވެންބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ޔޫކްރެއިނަށް ވަނީ ބޮޑު ކަންބޮޑުވުމަކާ ކުރިމަތިލާން ޖެހިފައެވެ. ސަބަބަކީ, ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ, އެމެރިކާއިން ޔޫކްރެއިނަށް ފޯރު ކޮށްދެމުންދާ އަސްކަރީ އެހީތެރިކަން ހުއްޓައިލުމުގެ ބިރު އޮތުމެވެ.

ހަނގުރާމައިގެ މަޢުލޫމާތު ހާމަކުރާ ރަޝިޔާގެ ބްލޮގަރުން ބުނީ, ޔޫކްރެއިނުން މުޅިން އައު މައިދާނެއްގައި ހަނގުރާމަ ފަށާފައިވާ ކަމުގައެވެ. ސޫދްޖާއަށް އަރައި, އެ ސަރަޙައްދަށް އަތްގަދަ ކުރަން މަސައްކަތް ކުރަމުންދާ ޔޫކްރެއިންގެ ފައުޖުތައް ފަހަތަށް ޖެއްސުމަށް ރަޝިޔާއިން ވަނީ އެ ސަރަހައްދަށް އިތުރު ސިފައިން ފޮނުވުމުގެ މަސައްކަތް ފަށާފައެވެ. އެ ސަރަޙައްދުގައި ވަރަށް ހޫނު ހަނގުރާމައެއް ހިނގަމުންދާ ކަމުގައި, ރަޝިޔާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް, ޖެނެރަލް ވަލޭރީ ގިރާސިމޮފް ޕުޓިންގެ އަރިހުގައި ވިދާޅުވިއެވެ.

ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނީ, ޔޫކްރެއިންގެ ފައުޖުތަކުން ސޫދްޖާއަށް އަރާފައި ވަނީ ގިނަ ޢަދަދެއްގެ އަސްކަރީ އުޅަނދުފަހަރުގައި ކަމުގައެވެ. އަދި, އޭގެ ތެރެއިން 50 އަށްވުރެ ގިނަ އުޅަނދަށް ޙަމަލާދީ ހަލާކު ކޮށްލާފައިވާނެ ކަމުގައެވެ. އޭގެ ތެރޭގައި ހަތް އަސްކަރީ ޓޭންކާއި, ސިފައިން އުފުލުމަށް ބޭނުން ކުރާ އަށް އުޅަނދު ހިމެނޭ ކަމުގައި ވެސް އެ ވުޒާރާއިން ބުންޏެވެ.

ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައިގައި ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ޔޫކްރެއިންގެ ސަރަޙައްދުތަކުގެ ތެރޭގައި އިރުމަތީ ދޮންބާސްގެ ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދެއްގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަކީ ރަޝިޔާގެ ފައުޖުތަކުން 2014ވަނަ އަހަރު އަތްގަދަ ކޮށްފައިވާ ބިމެކެވެ.