ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ އިސް މުޝީރުގެ ގޮތުގައި ޢައްޔަން ކޮށްފައިވާ މުޙައްމަދު ޔޫނުސްގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމެއް, އެ ޤައުމުގެ ކޯޓަކުން ބާޠިލު ކޮށްފިއެވެ. ބަންގްލަދޭޝްގައި ވަގުތީ ސަރުކާރެއް އެކުލަވައިލާފައި ވަނީ ބޮޑުވަޒީރު ކަމުގެ މަޤާމުގައި ހުންނެވި ޝައިޚް ޙަސީނާ އިސްތިޢުފާ ދެއްވައި, ޤައުމު ދޫކުރައްވައި އިންޑިޔާއަށް ވަޑައިގެންނެވުމުންނެވެ. އޭނާ އިސްތިޢުފާ ދެއްވީ, އޭނާގެ ސަރުކާރާ ދެކޮޅަށް ޖުލައި މަހުން ފެށިގެން ކުރަމުން ދިޔަ މުޒާހަރާތަކާ ގުޅިގެންނެވެ.
ޙަސީނާގެ ސަރުކާރު ވެއްޓުމުން އެކުލަވައިލި ވަގުތީ ސަރުކާރުގެ އިސް މުޝީރެއްގެ ގޮތުގައި ޔޫނުސް ޢައްޔަން ކޮށްފައި ވަނީ މުޒާހަރާގެ ބައިވެރިންގެ އެންގުންތަކަށް ބޯލެނބުމުގެ ގޮތުންނެވެ. މުޒާހަރާތައް އިންތިޒާމު ކުރާ ޙަރަކާތުން ވަނީ ޔޫނުސްގެ ބައިވެރިވުން ނެތް އެއްވެސް ސަރުކާރެއް ބަލައިނުގާންނެ ކަމަށް ބުނެ, އިންޒާރު ދީފައެވެ. ޙަސީނާގެ އިސްތިޢުފާގެ އިތުރުން, ބަންގްލަދޭޝްގެ ޤާނޫނު ހަދާ މަޖިލިސް ވެސް އުވައިލާފައި ވަނީ މުޒާހަރާގެ ބައިވެރިންގެ އެންގުމާ އެއް ގޮތަށެވެ.
ޔޫނުސްގެ މައްޗަށް ހަ މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި ވަނީ ޖަނަވަރީ މަހުއެވެ. އޭނާގެ މައްޗަށް ސާބިތު ކޮށްފައި ވަނީ ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފުވުމުގެ ކުށެވެ. އެ ގޮތުން, އޭނާ އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ގްރާމީން ޓެލެކޮމްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އެ ޤާނޫނުގެ ދަށުން އުފައްދަން ޖެހޭ ވެލްފެޔަރ ފަންޑު އުފައްދާފައި ނުވާ ކަމަށް ކޯޓުގައި ވަނީ ސާބިތު ކޮށްފައެވެ. ނަމަވެސް, ކަފާލާތުގެ ދަށުން މިނިވަންވުމުން އޭނާ ވަނީ ބޭސްފަރުވާއަކަށް ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިހަށް ވަޑައިގަންނަވާފައެވެ. އޮގަސްޓު 8ވަނަ ދުވަހު އޭނާ ދާކާއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
ޢުމުރުން 84 އަހަރުގެ ޔޫނުސަކީ, ބަންގްލަދޭޝްގެ ފަގީރު ޢާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދޭން ހަރުދަނާ މަސައްކަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. އެ ގޮތުން, އޭނާގެ ގްރާމީން ބޭންކުން ވަނީ ފަޤީރު ޢާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަށް 100 ޑޮލަރުން ދަށުގެ ކުދި ލޯނު ދޫކުރުމުުގެ ޕުރޮގުރާމެއް ހިންގާފައެވެ. ޔޫނުސާއި ގްރީމަން ބޭންކަން ނޮބެލް ސުލްޙައިގެ އިނާމު ލިބިފައިވާ އެ ޕުރޮގުރާމާ ގުޅިގެންނެވެ.
އިތުރު ދައުރަކަށް ޖަނަވަރީ މަހު އިންތިޚާބުވެ ވަޑައިގެންނެވި ޙަސީނާގެ ސަރުކާރާ ދެކޮޅަށް ކޮލެޖުތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުން ނިކުމެ, މުޒާހަރާ ކުރަން ފަށާފައި ވަނީ ޖުލައި މަހުގެ މެދެއްހާ ހިސާބުގައެވެ. މުޒާހަރާތައް ފަށާފައި ވަނީ ސަރުކާރު ވަޒީފާތަކަށް މީހުން ޢައްޔަން ކުރުމުގައި އަމަލު ކުރަމުން ދިޔަ ކޯޓާ ނިޒާމާ ދެކޮޅަށް އަޑު އުފުލުމަށެވެ. ނަމަވެސް, މުޒާހަރާތައް ރޫޅައިލަން ފުލުހުން ބާރުގެ ބޭނުން ކުރަން ފެށުމާ އެކު, މުޒާހަރާގެ ބައިވެރިން ޙަސީނާއާއި އޭނާގެ ސަރުކާރުގެ އިސްތިޢުފާއަށް ގޮވަން ފެށިއެވެ.
އޮގަސްޓު 5ވަނަ ދުވަހު މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރުގެ ގަނޑުވަރުކޮޅަށް ވަދެގަނެ, އެ ތަން ހިސާރު ކޮށްފައެވެ. އަދި, އެ ތަން ލޫޓުވައި, މުޒާހަރާގެ ބައިވެރިން އެ ތަނުގައި ހުރި މުދާ ގެންދިޔަ މަންޒަރު ވީޑިޔޯތަކުން ފެނުނެވެ. ނަމަވެސް, އެއަށް ފަހު ވެރިރަށް ދާކާގެ މަގުތައް ވަނީ ހަމަހިމޭންވެފައެވެ. އަދި, ހަމަނުޖެހުންތަކާ ގުޅިގެން ބަންދުކޮށްފައި އޮތް މަދަރުސާތަކާއި އޮފީސްތަކުގެ އިތުރުން ފޭރާން އުފެއްދުމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ކުންފުނިތަކާއި ކާރުޚާނާތައް އަލުން ހުޅުވަން ފަށާފައިވާ ކަން ފާހަގަ ކުރެވެއެވެ.
މުޒާހަރާތައް ރޫޅައިލަން ރަބަރު އުންޑައާއި ކަރުނަ ގޭސް ފަދަ ހަތިޔާރު ބޭނުން ކޮށް ފުލުހުން މުޒާހަރާގެ ބައިވެރިންނަށް ޙަމަލާ ދިނުމާ ގުޅިގެން މަރުވި މީހުންގެ ޢަދަދު ވަނީ 300އަށް އުފުލިފައެވެ. އަދި, އެތަކެއް ހާސް ބަޔަކު ޒަޚަމުވިއެވެ. މުޒާހާރާތައް ރޫޅައިލުމުގެ ނަމުގައި ފުލުހުން ވަނީ 11,000އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައެވެ. އޭގެ ތެރޭގައި, އިދިކޮޅު ބީއެންޕީއާއި ޖަމާޢަތު އަލް-އިސްލާމްގެ ވެރިންނާއި މެންބަރުންގެ އިތުރުން ގިނަ ޢަދަދެއްގެ ދަރިވަރުން ހިމެނެއެވެ.