ޚަބަރު

ރަޝިޔާގެ ކޫރްސްކްގައި ޔޫކްރެއިންގެ ސިފައިންނާ ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް


ޔޫކްރެއިންގެ ސިފައިންގެ އަތްދަށުން ރަޝިޔާގެ ކޫރްސްކް ސަރަހައްދުގެ ސޫދްޖާ މިނިވަން ކުރަން ރަޝިޔާގެ ފައުޖުތަކުން ވަރުގަދަ ހަނގުރާމައެއް ކުރަމުން އެބަދެއެވެ. ސަރަޙައްދީ ރޮނގު ހުރަސްކޮށް ޔޫކްރެއިންގެ ސިފައިން ރަޝިޔާގެ ކޫރްސްކް ސަރަޙައްދަށް އަރާފައި ވަނީ މީގެ ތިން ދުވަސް ކުރިންނެވެ. ޔޫކްރެއިންގެ ސިފައިން އަރާފައި ވަނީ ނިއުކްލިޔަރ ހަތަކަ އުފައްދާ އެންމެ ބޮޑު ކާރުޚާނާ ހުންނަ ސަރަޙައްދަށެވެ.

ސޫދްޖާއަށް ޔޫކްރެއިންގެ 1,000އެއްހާ ސިފައިންގެ ލަޝްކަރެއް, ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު އަރާފައި ވަނީ އޮގަސްޓު 6ވަނަ ދުވަހުއެވެ. އަދި, ޔޫކްރެއިންގެ ފައުޖުތަކުން ވަނީ އަސްކަރީ ޑްރޯނާއި އާޓިލަރީ ބަޑި ބޭނުންކޮށް އެ ސަރަޙައްދުގައި ތިބި ރަޝިޔާ ސިފައިންގެ އަމާޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ. އެއީ, 2022 ފެބުރުވަރީ 24ގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން ޔޫކްރެއިނުން ރަޝިޔާގެ ރަށަކަށް ދީފައިވާ އެންމެ ބޮޑު އަދި ނުރައްކާތެރި ޙަމަލާތަކެވެ. ސޫދްޖާ ދިފާޢު ކުރަން ރަޝިޔާއިން ވަނީ އަސްކަރިއްޔާގެ ރިޒަރވް ސިފައިންގެ ލަޝްކަރެއް ފޮނުވާފައެވެ.

ސޫދްޖާއަކީ ރަޝިޔާއިން ވިލާތުގެ ޤައުމުތަކަށް ގޭހާއި ތެޔޮ ބޭރު ކުރުމަށް ބޭނުން ކުރާ މައި މަރުކަޒެކެވެ. 2023ވަނަ އަހަރު އެ ސަރަޙައްދުން ވިލާތުގެ ޤައުމުތަކަށް 14.65 ބިލިޔަން ކިޔުބިކް މީޓަރުގެ ގޭސް ފޯރު ކޮށްދީފައިވެއެވެ. ރަޝިޔާގެ ކޫރްސްކް ނިއުކްލިޔަރ ހަކަތަ އުފައްދާ ކާރުޚާނާ ވެސް ހުންނަނީ އެ ރަށް ކައިރީގައެވެ.

ސޫދްޖާއަށް ޔޫކްރެއިންގެ ފައުޖުތަކުން އަރައިގަތުމަކީ ނުރައްކާތެރި ޙަމަލާއެއްގެ ގޮތުގައި ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ ސިފަ ކުރައްވާފައެވެ. ޔޫކްރެއިންގެ އެންމެ ބޮޑު މަދަދުގާރު, އެމެރިކާއިން ބުނީ, ޔޫކްރެއިންގެ ފައުޖުތަކުން ރަޝިޔާގެ ރަށަކަށް އަރައިގަނެ, ހަނގުރާމާ ފުޅާ ކުރަން ނިންމާފައިވާ ކަމުގެ މަޢުލޫމާތު ކުރިން ލިބިފައި ނުވާ ކަމުގައެވެ. އަދި, އެ ކަމާ ގުޅޭ އިތުރު މަޢުލޫމާތު ކީވުން ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވައިޓް ހައުސުން ބުންޏެވެ.

ރަޝިޔާގެ އަސްކަރިއްޔާގެ ޗީފް އޮފް ސްޓާފް, ޖެނެރަލް ވަލޭރީ ގިރާސިމޮފް ވިދާޅުވީ, ސޫދްޖާއަށް އަރާފައިވާ ޔޫކްރެއިންގެ ފައުޖުތައް އެ ހިސާބުގައި ހުއްޓުވާފައިވާނެ ކަމުގައެވެ. ނަމަވެސް, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ޚަބަރުތައް ފަތުރާ ރަޝިޔާގެ ބްލޮގަރުން ބުނީ, ޔޫކްރެއިންގެ ފައުޖުތަކުން ސޫދްޖާއަށް އަތްގަދަ ކޮށްފައިވާ ކަމުގައެވެ. އަދި, އެ ރަށުގައި ދިރިއުޅޭ ޢާންމު ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި, އެ ރަށް ޔޫކްރެއިންގެ އަތްމައްޗަށް ގެއްލިފައިވާ ކަމުގައި ވެސް ބައެއް ބްލޮގަރުން ސިފަ ކޮށްފައިވެއެވެ.

ކޫރްސްކަށް ސިފައިން ފޮނުވާފައިވާ ކަން ކަށަވަރު ކޮށްދޭން ޔޫކްރެއިނުންގެ ދަނީ ދެކޮޅު ހަދަމުންނެވެ. މަސްރަޙު ދިރާސާ ކުރާ ބައެއް ފަރާތްތަކުން ބުނީ, ރަޝިޔާގެ ސަރަޙައްދީ ރޮނގުގެ ރައްކާތެރި ކަން ކަށަވަރު ކުރަން ރަޝިޔާގެ އަސްކަރިއްޔާއިން ހަރުދަނާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމުގައެވެ. އަދި, ޔޫކްރެއިންގެ ސިފައިންގެ ލަޝްކަރަކަށް އެހާ ފަސޭހައިން ސަރަޙައްދީ ރޮނގު ހުރަސްކޮށް ރަޝިޔާގެ ރަށަކަށް ވެރިވެގަނެވިފައި ވަނީ އެ ސަބަބާ ގުޅިގެން ކަމުގައެވެ.

ޔޫކްރެއިންގެ ސިފައިން ރަޝިޔާއަށް އަރާފައި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ވަރަށް ހައްސާސް ދަނޑިވަޅެއްގައެވެ. އެމެރިކާގައި ނޮވެންބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ޔޫކްރެއިނަށް ވަނީ ބޮޑު ކަންބޮޑުވުމަކާ ކުރިމަތިލާން ޖެހިފައެވެ. ސަބަބަކީ, ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ, އެމެރިކާއިން ޔޫކްރެއިނަށް ފޯރު ކޮށްދެމުންދާ އަސްކަރީ އެހީތެރިކަން ހުއްޓައިލުމުގެ ބިރު އޮތުމެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާގެ ފައުޖުތަކުން ވަނީ ޔޫކްރެއިންގެ ބިމުގެ ތެރެއިން 18 އިންސައްތަ ސަރަޙައްދަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އިރުމަތީ ދޮންބާސްގައި ހިމެނޭ ލުހާންސްކާއި ދޮންޏެސްކުގެ ބޮޑު ސަރަޙައްދެއްގެ އިތުރުން ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ވެސް ހިމެނެއެވެ. ޔޫކްރެއިންގެ އެންމެ ދެކުނުން އޮތް ކްރައިމިޔާއަށް ރަޝިޔާއިން ވެރިވެގަނެފައި ވަނީ 2014ވަނަ އަހަރުއެވެ.