ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ނާބްލުސަށް އަރައި, އެ ސަރަޙައްދުގައި ވެރިކަން ކުރާ ފަތްޙު ޖަމާޢަތުގެ މައި މަރުކަޒަކަށް ޙަމަލާދީ, ސުންނާފަތި ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުން ޙަމަލާ ދީފައި ވަނީ ނާބްލުސްގެ ރަށްބޭރުގައި އޮންނަ ބަލާޠާ ރެފިއުޖީ ކޭމްޕުގައި ހުންނަ ފަތްޙު ޖަމާޢަތުގެ މައި މަރުކަޒަށެވެ. އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަން ސާފެއް ނޫނެވެ.
މެދުއިރުމަތީގެ މަސްރަޙު ހޫނުވެ, ޔަހޫދީންނަށް އޮތް ނުރައްކާތެރިކަން އެތަކެއް ގުނައަކަށް އިތުރުވެފައިވާ ދަނޑިވަޅުގައި ޔަހޫދީ ފައުޖުން ދަނީ މެދުކެނޑުމެއް ނެތި ހުޅަނގު އައްސޭރިއަށް ވެސް ރޭޑު ޖަހަމުންނެވެ. މަސްރަޙު ގޯސްވެފައި ވަނީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުންނެވެ. އޭނާ ޝަހީދު ކޮށްލާފައި ވަނީ އީރާނުގެ ރައީސް މަސްޢޫދު ޕީޒިޝްކިޔާން ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ތަހްރާނަށް ވަޑައިގެންނެވުމުންނެވެ.
ހަނިއްޔާ ޝަހީދު ކޮށްލުމުން, އީރާނާއި ޙަމާސްގެ އިތުރުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންގެ ޖަމާޢަތްތަކުން ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފުމުގެ ގޮތުން ނުރައްކާތެރި އަދި ވަރުގަދަ ޙަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ. އެ އިންޒާރާ އެކު ޔަހޫދީންނަށް ވަނީ ބިރުވެރިކަމާ ކުރިމަތިލާން ޖެހި, ބިރުން ތެޅިފޮޅެން ފަށާފައެވެ. އަދި, ދިފާޢީ ކަންކަން ހަރުދަނާ ކުރަން ފަށާފައެވެ.
އޮގަސްޓު 7ވަނަ ދުވަހު ވެސް ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ވަނީ ހުޅަނގު އައްސޭރިއަށް އަރައި ލާއިންސާނީ ޢުދުވާންތައް ހިންގާފައެވެ. ހުޅަނގު އައްސޭރީގެ އުތުރުގައި އޮންނަ ޖަނީނަށް އަރައި ޔަހޫދީ ފައުޖުން ހިންގި ޢުދުވާންތަކުގައި ފަލަސްޠީނުގެ 11 މީހުން ޝަހީދު ކޮށްލިއެވެ. އަދި, ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ.
ޣައްޒާގެ އިތުރުން ހުޅަނގު އައްސޭރީގައި ޙަރަކާތްތެރިވާ މުޖާހިދުންގެ ޖަމާޢަތް އިސްލާމިކް ޖިހާދުން ބުނީ, ޑްރޯން ޙަމަލާތަކެއްދީ ޔަހޫދީ ފައުޖުން ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި އެ ޖަމާޢަތުގެ ހަތަރު މުޖާހިދުން ހިމެނޭ ކަމުގައެވެ. އޭގެ އިތުރުން, ޖިނީނާ އިންވެގެން އޮތް ޠޫބަސަށް ވެސް ޔަހޫދީ ފައުޖުން ވަނީ ބޮންއަޅައި, އިސްލާމިކް ޖިހާދުގެ މުޖާހިދެއް ޝަހީދު ކޮށްލާފައެވެ.
ހައްދުފަހަނަ އެޅި ޔަހޫދީ ޢާންމުންގެ ބައިގަނޑަކުން ވެސް ވަނީ ނާބްލުސް ކައިރީގައި އޮންނަ ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅޭ އަވަށްތަކަށް އަރައި ޙަމަލާތަކެއް ދީފައެވެ. މުސްލިމުން ދިރިއުޅޭ އަވަށްތަކަށް ހައްދުފަހަނަ އެޅި ޔަހޫދީ ނިރުބަވެރިން ޙަމަލާ ދީފައި ވަނީ ޔަހޫދީ ފައުޖުގެ އެހީތެރިކަމާ އެކުގައެވެ. އެ ޙަމަލާގައި, މުސްލިމުންގެ ގެދޮރާއި މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވީ ނަމަވެސް އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވެފައެއް ނުވެއެވެ.
2023 އޮކްޓޫބަރު 7ގައި ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ލާއިންސާނީ ޢުދުވާން ފެށި ފަހުން ހުޅަނގު އައްސޭރީގެ ރަށްތަކަށް ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 620އަށް އަރައެވެ. އޭގެ ތެރޭގައި 145 ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. އަދި, އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލާފައިވާއިރު, ޔަހޫދީ ފައުޖުން ވަނީ އެތަކެއް ހާސް މުސްލިމުން ހައްޔަރުކޮށް ޖަލަށް ލާފައެވެ.
މީގެ 10 މަސް ކުރިން ފެށި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,699އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޤަބޫލު ކުރެވެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 91,722އަށް އުފުލިފައެވެ.