އެމެރިކާގެ އިސްތިޢުމާރީ ސިފައިން ޔަމަނަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ. މެދުއިރުމަތީގެ ޤައުމުތަކުގައި ގާއިމުވެފައި ތިބޭ އެމެރިކާ ސިފައިންގެ މައި އިދާރާ ޔޫއެސް ސެންޓްރަލް ކޮމާންޑް (ސެންޓްކޮމު)ން ބުނީ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޔަމަނުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީންގެ އަސްކަރީ މަރުކަޒުތަކަށް ކަމުގައެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ޔަމަނަށް ޙަމަލާތަކެއް ދީފައި ވަނީ މެދުއިރުމަތީގެ މަސްރަޙު ހޫނުވެ, ޔަހޫދީންނާ މެދު އޮތް ނަފުރަތު އެތަކެއް ގުނައަކަށް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި, ޔަހޫދީންނަށް އޮތް ނުރައްކާތެރި ކަން އިންތިހާއަށް އިތުރު ވެފައިވާ ވަގުތެއްގައެވެ. ޔަހޫދީންނަށް އޮތް ބިރުވެރިކަން އިތުރުވެފައި ވަނީ, ޣައްޒާ ޢުދުވާނުގެ އިތުރުން, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުންނެވެ.
ސެންޓްކޮމުން ބުނީ ޙޫޘީންނަށް އަމާޒުކޮށް ޙަމަލާދީފައި ވަނީ, ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އާގުބޯޓަކަށް ޙޫޘީން ދިން ޙަމަލާތަކެއްގެ ބަދަލު ހިފުމުގެ ގޮތުން ކަމުގައެވެ. އަދި, ޔަމަނަށް ދީފައިވާ ޙަމަލާތަކުގައި ދެ އަސްކަރީ ޑްރޯނާއި, އަސްކަރީ މަރުކަޒެއްގެ އިތުރުން ކަނޑު އުޅަނދުފަހަރަށް ޙަމަލާ ދިނުމަށް ޙޫޘީން ބޭނުންކުރާ ތިން މިސައިލް ހަލާކު ކޮށްލާފައިވާނެ ކަމުގައެވެ.
ޙޫޘީންގެ ތަރުޖަމާނު ބްރިގޭޑިޔަރ ޔަޙްހާ ޤާސިމް ސަރީޢު ވިދާޅުވީ އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ އަސްކަރީ މަނަވަރު ޔޫއެސްއެސް ކޯލަށް ޑްރޯން ޙަމަލާތަކެއް އަމާޒު ކޮށްފައިވާނެ ކަމުގައެވެ. އަދި, ޔޫއެސްއެސް ލެބޫނަށް ވެސް ބެލިސްޓިކް މިސައިލް ބޭނުން ކޮށްގެން ޙަމަލާ ދީފައިވާނެ ކަމުގައެވެ. އެއީ, ޑިސްޓްރޯޔަރ މަރުކާގެ ދެ މަނަވަރެވެ. މަނަވަރުތަކަށް ޙަމަލާ ދިން ކަން ސެންޓްކޮމުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ޙޫޘީންގެ ޙަމަލާތައް އަމާޒު ކޮށްފައިވާ އާގުބޯޓަކީ ލައިބީރިޔާގެ ދިދަ ޖަހައިގެން ދަތުރު ކުރާ ކޮންޓްޝިޕް އޮނޯގެ ނަން ދީފައިވާ އުޅަނދެކެވެ. ސަރީޢު ވިދާޅުވީ, އެ އުޅަނދަށް ޙަމަލާ ދޭން ބެލިސްޓިކް މިސައިލް ބޭނުން ކޮށްފައިވާނެ ކަމުގައެވެ. އެ އުޅަނދު އޮޕަރޭޓު ކުރާ ކުންފުނިން ބުނީ, ޙަމަލާތަކުގައި އުޅަނދަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި, އުޅަނދުގައި ތިބި ފަޅުވެރިންގެ ފުރާނައަށް ނުރައްކާވެފައި ނުވާ ކަމުގައެވެ.
ރަތް ކަނޑުގެ އިތުރުން ޢަދަން ކަނޑާއި, ބާބް އަލް-މަންދަބީގައި ޙޫޘީން ދަނީ ޔަހޫދީންނާ ދެކޮޅަށް އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންނެވެ. މީގެ އިތުރުން, މެޑިޓެރޭނިޔަން ކަނޑާއި އިންޑިޔާ ކަނޑުން ދަތުރު ކުރާ ޔަހޫދީންނާ ގުޅުން އޮތް އުޅަނދުފަހަރަށް ވެސް ޙޫޘީން ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. އެއީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ދެކޮޅު ހެދުމުގެ ގޮތުން ޙޫޘީން ހިންގަމުންދާ އޮޕަރޭޝަނެކެވެ.
ޙޫޘީންގެ ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކާ ގުޅިގެން ކަނޑުމަގުން މުދާ އުފުލުމުގެ ޚިދުމަތް ފޯރުކޮށްދޭ ގިނަ ކުންފުނިތަކުން ވަނީ ރަތް ކަނޑުން ދަތުރު ކުރުން ހުއްޓައިލާފައެވެ. އޭގެ ބަދަލުގައި, އޭޝިޔާއާއި ވިލާތުގެ ބަނދަރުތަކާ ދެމެދު ކުރާ ދަތުރުތަކުގައި އެ ކުންފުނިތަކުގެ އުޅަނދުފަހަރު މިހާރު ދަތުރު ކުރަނީ އެފްރިކާ ބައްރުގެ ދެކުނުންނެވެ. އެއީ, ދިގު އަދި ޚަރަދު ބޮޑު ދަތުރެކެވެ. މި ކަމާ ގުޅިގެން ބައިނަލްއަޤުވާމީ ވިޔަފާރިއަށް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ.