ގެސްޓްހައުސް ތަރައްޤީކުރުމަށް މިއަހަރުގެ ތެރޭގައި ޒުވާނުންނަށް ލޯނުގެ ފުރުޞަތުތަކެއް ހުޅުވާލާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވިދާޅުވެއްޖެއެވެ.
"ވެލްކަމް އިންޑިއާ ރޯޑް ޝޯވ" ނިންމާލުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވަނީ މިއީ ރާއްޖޭގެ ހުރިހައި އަތޮޅެއްގައި ތިބި ޒުވާނުން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ނިކުމެ އިންވެސްޓްކުރަންވީ ވަގުތުކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، ގެސްޓްހައުސްތަކަށް ޚާއްސަ ލޯނެއް ތައާރަފްކުރުމަށް ބީއެމްއެލްއާ އެމްއައިބީއާ އެކު މަޝްވަރާކޮށްފައިވާކަމަށެވެ.
"އަޅުގަނޑުމެން ބީއެމްއެލްއާ އެމްއައިބީއާ އެކީގައި މިހާރު މިދަނީ ޓޫރިޒަމް ޕްރޮޑަކްޓްތަކެއް އިންޓްރޮޑިއުސްކޮށް ރަނގަޅު އިންޓްރެސްޓް ރޭޓްތަކެއްގައި ގެސްޓްހައުސްތަށް ހޮޓެލްތައް އެޅުން އެކަށޭނެ އަދަދަކަށް ލޯނުތަކެއް އިންޓްރޮޑިއުސްކުރަމުން. މިހާރު ބީއެމްއެލްއާއިވެސް އަޅުގަނޑުމެން މަޝްވަރާކޮށްފިން. އެމްއައިބީއާއިވެސް އަޅުގަނޑުމެން މަޝްވަރާކޮށްފިން. އިރާދަކުރެއްވިއްޔާ މިއަހަރު ތެރޭގައި އަޅުގަނޑުމެން މިބަލަނީ ހުޅުވާލެވޭނެކަމަށް" ފައިޞަލް ވިދާޅުވިއެވެ.
ވަޒީރު އިބްރާހިމް ފައިޞަލް ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ޓޫރިޒަމް ނެތް ރަށްރަށައް ޓޫރިޒަމް ތަރައްޤީކުރުމަށް ކޮންމެ އަތޮޅަކަށް މާސްޓަރ ޕްލޭންއެއް ހެދުމުގެ މަސައްކަތްކަމަށެވެ. މާސްޓަރ ޕްލޭން ނިމޭއިރު އެ އަތޮޅެއްގައި ވަން އައިލެންޑް ކޮންސެޕްޓްގެ ކިތައް ރިސޯޓްކަން ތަރައްޤީކުރާނެކަމާއި އެއީ ކޮން ރަށްތަކެއްތޯއާ، އެތަންތަނަށް އިންވެސްޓްމަންޓް ހޯދުމުގެ މަސައްކަތް ކުރާނެގޮތާއި، ގެސްޓްހައުސް ސިނާއަތައް ނެރޭނެ އެނދުގެ އަދަދު އެނގިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަކި ވަކި އަތޮޅުތައް ޕްރޮމޯޓްކުރުމަށް އެމްއެމްޕީއާރުސީގެ ބަޖެޓްގެ ތެރެއިން ވަކި އަދަދެއް ކަނޑައަޅާނެކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިޞަލް ވަނީ ވިދާޅުވެފައެވެ.
ގެސްޓުހައުސް ވިޔަފާރި މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖޭގެ 20 އަތޮޅެއްގައި މިވަގުރު އޮޕަރޭޓުކުރަމުންދަނީ 118 ގެސްޓްހައެވެ. 14707 އެނދުގެ މި ކެޕޭސީޓީއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ޖުމްލަ އެނދުގެ %23 އެވެ.