ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުމާ ގުޅޭ ގޮތުން މިޞްރާއި ޤަޠަރުން ވިލަރެސް ކުރަމުންދާ މަޝްވަރާތައް އަލުން ފަށަން އެ ދެ ޤައުމުގެ އިތުރުން އެމެރިކާއިން ގޮވައިލައިފިއެވެ. ޔަހޫދީ ފައުޖުގެ ޢުދުވާން އިތުރަށް ފުޅާކޮށް, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ އިސްވެރިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް އިތުރު ކުރުމުން މަޝްވަރާތައް މި ވަގުތު އޮތީ މަޑު ޖެހިފައެވެ.
މަޝްވަރާތަކަށް ހުރަސް އެޅުމުގެ ގޮތުން ޔަހޫދީންގެ ނިރުބަވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމަލު ކުރަމުންދާ ގޮތާ ގުޅިގެން މެދުއިރުމަތީގެ މަސްރަޙު ވަނީ އިތުރަށް ހޫނުވެފައެވެ. އަދި, ޙަމާސްގެ ސިޔާސީ ގޮފީގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުން މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. ހަނިއްޔާ ޝަހީދު ކޮށްލުމުން, އީރާނުގެ އިތުރުން އެކްސިސް އޮފް ރެސިސްޓެންސްގައި ހިމެނޭ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ ޔަހޫދީންގެ ކިބައިން ބަދަލު ހިފާނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.
ޣައްޒާގައި ހިންގަމުންދާ ޢުދުވާންތައް ހުއްޓުވުމުގެ ގޮތުން ފަލަސްޠީނުގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ކުރަމުންދާ މަޝްވަރާތައް އަލުން ފެށުމަށް މިޞްރާއި ޤަޠަރުގެ އިތުރުން އެމެރިކާއިން ގޮވައިލާފައި ވަނީ, އެ ތިން ޤައުމުން ނެރުނު ގުޅިފައިވާ ބަޔާނެއްގައެވެ. ޤަޠަރުގެ ވެރިރަށް ދަވްޙާ ނުވަތަ މިޞްރުގެ ވެރިރަށް ޤާހިރާގައި މަޝްވަރާތައް އަލުން ފެށުމަށް އެ ދެ ޤައުމުން އޮތީ ތައްޔާރަށެވެ.
"އެއްބަސްވުމެއްގެ މައިގަނޑު އޮތީ އެކުލަވައިލެވިފައި. ނުނިމި ވަނީ އެއްބަސްވުން ތަންފީޒު ކުރާނެ ގޮތަކާ ގުޅޭ ކަންކަން. މި ކަމުގައި ވަގުތު ބޭކާރު ކޮށް, ޢުދުވާން ދިގު ދެންމުމުގެ ގޮތުން ބަހަނާތަކެއް ދެއްކުމުގެ ބޭނުމެއް ނެތް. މިއީ, ޢުދުވާން ހުއްޓައިލައި, އަސީރުން މިނިވަން ކުރަންވީ ވަގުތު. އަދި އެއްބަސްވުން ތަންފީޒު ކުރަން ފަށަންވީ ވަގުތު،" ތިން ޤައުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
މަޝްވަރާތައް އަލުން ފަށަން ތައްޔާރަށް އޮތް ކަމުގައި ހައްދުފަހަނަ އެޅި ނަތަންޔާހޫ ބުނި ނަމަވެސް ޙަމާސުން އެ ކަމަށް ޖަވާބެއް ދީފައެއް ނުވެއެވެ. މަޝްވަރާގެ ކަންކަމުގައި ދެން އިސްކޮށް އުޅުއްވާނީ, ހަނިއްޔާގެ ބަދަލުގައި އެ މަޤާމަށް ޢައްޔަން ކޮށްފައިވާ ޙަމާސްގެ ހަތިޔާރު އެޅި ގޮފީގެ ކޮމާންޑަރު, ޔަޙްހާ އަލް-ސިންވާރެވެ. ހަނިއްޔާގެ މެދުމިނުގެ ސިޔާސަތުތަކުގެ ބަދަލުގައި ސިންވާރުގެ ކިބައިން ހަރުކަށި ސިޔާސަތުތަކެއް ފެނިގެން ގޮސްދާނެ ކަމަށް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ.
މަޝްވަރާތައް ވީ އެންމެ އަވަހަކަށް ފެށުމަށް ޤަޠަރާއި މިޞްރުގެ އިތުރުން އެމެރިކާއިން ގޮވައިލާފައި ވަނީ, މެދުއިރުމަތީގައި ނުރައްކާތެރި ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ހީވުމުންނެވެ. ހަނިއްޔާ ޝަހީދު ކޮށްލުމުގެ އިތުރުން, ލުބްނާންގެ ވެރިރަށް ބައިރޫތަށް ދިން ޙަމަލާއެއްގައި އެ ޤައުމުގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهގެ އަސްކަރީ ކޮމާންޑަރު ފުޢާދު ޝުކްރު ޝަހީދު ކޮށްލުމުން މެދުއިރުމަތީގެ މަސްރަޙު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.
މަޝްވަރާތައް އަލުން ފެށި ނަމަވެސް ހަނިއްޔާއާއި ޝުކްރު ޝަހީދު ކޮށްލުމުން މަޝްވަރާތަކުން ބޮޑެތި ކުރިއެރުންތަކެއް ފެނިގެންދާނެ ކަމަށް އެމެރިކާއިން ގަބޫލެއް ނުކުރެއެވެ. ނަން ހާމަކޮށްފައިވާ ނުވާ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ބުނީ, ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެއްބަސްވުމުގައި ސޮއި ކުރެވޭނެ ކަމުގެ އެއްވެސް އުންމީދެއް ނެތް ކަމުގައެވެ. އަދި, މިޞްރާއި ޤަޠަރާ ގުޅިގެން އެމެރިކާއިން ބަޔާނެއް ނެރެފައި ވަނީ އީރާނަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނޫން ކަމުގައި ވެސް އެ އޮފިޝަލު ބުންޏެވެ. އޭނާ އިޝާރާތް ކޮށްފައި އެ ވަނީ, ހަނިއްޔާ ޝަހީދު ކޮށްލުމުން އެ ކަމުގެ ބަދަލު ހިފާނެ ކަމަށް ބުނެ އީރާނުން ދީފައިވާ އިންޒާރުތަކަށެވެ.
އދގައި ހުންނަ އީރާނުގެ މިޝަނުން ބުނީ, އެ ޤައުމުން ދެ ލަނޑުދަނޑިއެއް ހާސިލު ކުރަން މަސައްކަތް ކުރަމުންދާ ކަމުގައެވެ. ފުރަތަމަ ލަނޑުދަނޑިއަކީ, ޣައްޒާއަށް އަރައިގަނެފައިވާ ޔަހޫދީ ފައުޖުގެ އިސްތިޢުމާރީ ސިފައިން އެ ސަހަރުން ބާލައި, ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވުމެވެ. ދެވަނަ ލަނޑުދަނޑިއަކީ, ހަނިއްޔާ ޝަހީދު ކޮށްލުމުން ޔަހޫދީންގެ ކިބައިން ބަދަލު ހިފައި, އަދަބު ދިނުމެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,699އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 91,722އަށް އުފުލިފައެވެ.