އިނގިރޭސިވިލާތުގެ މުސްލިމުންނާއި އެ ޤައުމަށް ހިޖުރަ ކޮށްފައިވާ މީހުންނަށް އަމާޒުކޮށް ދެމުންދިޔަ ޙަމަލާތަކާއި ހިންގަމުން ދިޔަ ހަމަނުޖެހުންތައް ފުލުހުންނާއި ޢާންމުން ގުޅިގެން ހުއްޓުވައިފިއެވެ. މުސްލިމުންނާ ދެކޮޅު އަދި ނަސްލީ ތަފާތު ކުރުމަށް ތާޢީދު ކުރާ މީހުން ހިންގަމުންދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން މުސްލިމުންނާއި މިސްކިތްތަކުގެ އިތުރުން އިނގިރޭސިވިލާތަށް ހިޖުރަ ކޮށްފައިވާ މީހުންނަށް ޙަމަލާދީ, އެ މީހުންގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.
އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި ހަމަނުޖެހުން ހިންގަން ފަށާފައި ވަނީ ހުޅަނގުއުތުރުގައި އޮންނަ ހާޓްލީޕޫލްގެ ރަށެއް ކަމުގައިވާ ސައުތުޕޯޓުގައި ދިން ވަޅީގެ ޙަމަލާތަކެއްގައި ތިން ކުޑަކުދިން މަރައިލުމުންނެވެ. އެ ކުދިންގެ ގާތިލަކީ އިނގިރޭސިވިލާތަށް ހިޖުރަ ކޮށްފައިވާ މުސްލިމެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ދޮގު މަޢުލޫމާތުތަކެއް ވަނީ ފަތުރާފައެވެ. ނަމަވެސް, ޙަޤީޤަތަކީ, އެ އަމަލު ހިންގި 17 އަހަރުގެ އެކްސެލް ރޫޑެކުބާނާއަކީ އިނގިރޭސިވިލާތަށް އުފަން, އެ ޤައުމުގެ ރައްޔިތެއް ކަމެވެ.
މުޒާހަރާތަައް ރޫޅައިލައި, ހަމަނުޖެހުންތަކާއި, ލޫޓުވުމާއި ދަޢުލަތާއި ޢާންމުންގެ މުދަލަށް ގެއްލުން ދިނުމުގެ ކުށްތައް ހުއްޓުވަން ގިނަ ޢަދަދެއްގެ ފުލުހުން ވަނީ މަގުތަކަށް ނެރެފައެވެ. އަދި, ފުލުހުންނަށް އެހީތެރިކަން ފޯރުކޮށްދޭން, ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ވަކާލާތު ކުރާ އެތަކެއް ހާސް ބަޔަކު ވަނީ މަގުތަކަށް ނިކުމެފައެވެ. އެ ކަމާ ގުޅިގެން, ކަނާތު ފިޔައިގެ ހަރުކަށި ފިކުރަށް ތާޢީދު ކުރާ ފަރާތްތަކުން އިންތިޒާމު ކޮށްފައިވާ މުޒާހަރާތައް މެދުކަނޑައިލާފައިވީ ނަމަވެސް, އަމަންއަމާން ކަން ދެމެހެއްޓުމަށް ގިނަ ޢަދަދެއްގެ ފުލުހުން އަދިވެސް ދަނީ މަގުތަކުގައި ފޯރިމަރަމުންނެވެ.
ފުލުހުން ބުނީ, އިތުރު ހަމަނުޖެހުންތައް ހިންގަން ކަނާތު ފިޔައިގެ ހަރުކަށި ފިކުރަށް ތާޢީދު ކުރާ ޖަމާޢަތްތަކުން އެއްވުންތައް ރާވާފައިވާ ކަމުގައެވެ. ނަމަވެސް, އެ އެއްވުންތަކާ ކުރިމަތިލައި ހުރަސް އެޅުމަށް, ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ވަކާލާތު ކުރާ އެތަކެއް ހާސް ބަޔަކު ވެސް ވަނީ މަގުތަކަށް ނިކުތުމަށް ރާވާފައެވެ. "މަގުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވާނީ ވަރުގަދަ ކޮށްފައި. އަދި, ހަމަނުޖެހުންތައް ހުއްޓުވަން އިތުރު ފުލުހުން ވާނީ ތައްޔާރީ ހާލަތަކަށް ގެނެސްފައި،" ދާޚިލީ ވަޒީރު އެވެޓް ކޫޕަރ ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނާއި އެ ޤައުމަށް ހިޖުރަ ކޮށްފައިވާ މީހުންނާ ދެކޮޅަށް ފެށި ހަމަނުޖެހުންތަކުގައި މުދަލާއި ތަކެއްޗަށް ގެއްލުން ދިނުމުގެ ކުށުގައި 480އަށްވުރެ ގިނަ މީހުން ވަނީ ފުލުހުން ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ހަމަނުޖެހުންތައް ރޫޅައިލަން މަސައްކަތް ކުރި ފުލުހުންގެ ތެރެއިން 100 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
ހަމަނުޖެހުން ހިންގުމުގައި ބައިވެރިވި 150 މީހަކާ ދެކޮޅަށް ދަޢުވާ ކޮށްފައިވާއިރު, އޭގެ ތެރެއިން ބައެއް މީހުންގެ ޝަރިޢަތް ވަނީ ނިމިފައެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް 11 މަހާއި 32 މަހާ ދެމެދުގެ ޖަލު ޙުކުމް އިއްވާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. އެންމެ ދިގު ޖަލު ޙުކުމަކާ ކުރިމަތިލި މީހާއަށް ވަނީ ތިން އަހަރުގެ ޙުކުމެއް އިއްވާފައެވެ.
ވެރިރަށް ލަންޑަނުގެ ފުލުހުންގެ ކޮނިޝަނަރު މާކް ރޮވްލީ ވިދާޅުވީ, ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވާ ގިނަ މީހުންނަކީ ކުށުގެ ރެކޯޑު އޮތް ބަޔެއް ކަމުގައެވެ. މިއީ, ޖުލައި 4ގައި ބޭއްވި އިންތިޚާބުގައި ވެރިކަމަށް ވަޑައިގެންނެވި ލޭބަރ ޕާޓީގެ ބޮޑުވަޒީރު ކީރް ސްޓާމަރގެ ސަރުކާރަށް ކުރިމަތިވި އެންމެ ފުރަތަމަ ގޮންޖެހުމެވެ.
ނަމަވެސް, ރޮވްލީ ވިދާޅުވީ މިއީ ސިޔާސީ ހަމަނުޖެހުންތަކެއް ނޫން ކަމުގައެވެ. "އެއީ ޤައުމަށް ޓަކައި ތެދުވެ ހަމަނުޖެހުން ހިންގި ބަޔެއްގެ ގޮތުގައި ދެކިގެން ނުވާނެ. އެއީ ހަމަޖެހޭ ވާހަކައެއް ނޫން. އެއީ ހުސް ކުށްވެރިން،" ރޮވްލީ ވިދާޅުވިއެވެ.
ކަނާތު ފިޔައިގެ ހައްދުފަހަނަ އެޅި ސިޔާސަތުތަކަށް ތާޢީދު ކުރާ މީހުން ހިންގި ހަމަނުޖެހުންތައް ހުއްޓުވުމުގައި އެންމެ އިސް ދައުރެއް އަދާ ކޮށްފައި ވަނީ ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ތެދުވި އިނގިރޭސިވިލާތުގެ ރައްޔިތުންނެވެ. އުތުރު ލަންޑަނުގެ ރަށެއް ކަމުގައިވާ ވޮލްތަމްސްޓޮވްގައި ހުންނަ, އިނގޭސިވިލާތަށް ހިޖުރަ ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒަކަށް ޙަމަލާ ދޭނެ ކަމުގެ އިންޒާރު ދިނުމާ އެކު ނަސްލީ ތަފާތު ކުރުމާ ދެކޮޅު ގުރޫޕުތަކުން ވަނީ އެ ސަރަޙައްދަށް އެއްވެ, އެ މަރުކަޒު ހިމާޔަތް ކޮށްފައެވެ.
އަދި, ޢާންމުންގެ އެތަކެއް ސަތޭކަ ބަޔަކު ދަނީ މިސްކިތްތަކަށް ދެމުންދާ ޙަމަލާތައް ހުއްޓުވަން, އެ ތަންތަން ކައިރީގައި ވެސް ފޯރިމަރަމުންނެވެ. މީގެ އިތުރުން, އިނގިރޭސިވިލާތަށް ހިޖުރަ ކޮށްފައިވާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭ ހޮޓާތަކާއި, އެހީތެރިކަން ފޯރުކޮށްދޭ މަރުކަޒުތަކުގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ވެސް ޢާންމުންގެ އެތަކެއް ސަތޭކަ ބަޔަކު ދަނީ މަސައްކަތް ކުރަމުންނެވެ.
ހަމަނުޖެހުންތައް ރާވާފައި ވަނީ ކަނާތު ފިޔައިގެ ހައްދުފަހަނަ އެޅި ސިޔާސަތުތަކަށް ތާޢީދު ކުރާ ކުށްވެރިންގެ ގުރޫޕުތަކުން ކަމަށް ސްޓާމަރ ވެސް ވިދާޅުވެފައިވެއެވެ. މަސްރަޙު ދިރާސާ ކުރާ ކުންފުންޏެއް ކަމުގައިވާ ލޮޖިކަލީން ބުނީ, ހަމަނުޖެހުންތައް ރޭވުމުގެ އަޑީގައި ތިބީ ނާޒީންގެ ސިޔާސަތުތައް ކުރިއަރުވަން މަސައްކަތް ކުރާ ގުރޫޕުތަކެއް ކަމުގައެވެ. އޭގެ ތެރޭގައި އިނގިރޭސިވިލާތުގެ ގުރޫޕުތަކާއި އެމެރިކާގެ ދޮން ނަސްލުގެ ހައްދުފަހަނަ އެޅި މީހުންގެ ގުރޫޕުތައް ހިމެނޭ ކަމުގައި ވެސް ލޮޖިކަލީން ބުންޏެވެ.