ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ހައްޔަރު ކޮށްދިނުމަށް ޔޫކްރެއިނުން އެދުމުން މެކްސިކޯ ސަރުކާރުން އެ ކަމާ ދެކޮޅު ހަދައިފިއެވެ. ޕުޓިން ހައްޔަރު ކުރުމަށް އެދި ޔޫކްރެއިނުން މެކްސިކޯ ސަރުކާރުގައި އެދިފައި ވަނީ, އޭނާ ހައްޔަރު ކުރުމަށް ޖިނާޢީ ކުށްތަކާ ބެހޭ އދގެ އެންމެ މަތީ ކޯޓު (އައިސީސީ)ން ނެރެފައިވާ އަމުރާ ހަވާލާދީއެވެ.
އައިސީސީން ޕުޓިން ހައްޔަރު ކުރުމަށް އަމުރު ކޮށްފައި ވަނީ, ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ތެރެއިން ޔޫކްރެއިންގެ ކުޑަކުދިންތަކެއް, އެ ކުދިންގެ މައިންބަފައިންގެ ނުރުހުމުގައި ރަޝިޔާއަށް ގެންގޮސްފައިވާ ކަމަށް ނިންމައި, އެއީ ހަނގުރާމައިގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ފަހުއެވެ. ޕުޓިން ހައްޔަރު ކުރުމަށް އައިސީސީން އަމުރު ނެރެފައި ވަނީ 2023ވަނަ އަހަރުގެ މާރިޗު މަހުއެވެ.
ޕުޓިން ހައްޔަރު ކޮށްދިނުމަށް މެކްސިކޯގައި ހުންނަ ޔޫކްރެއިންގެ އެމްބަސީން ރަސްމީކޮށް އެދިފައި ވަނީ އޮގަސްޓު 7ވަނަ ދުވަހުއެވެ. އޭނާ ހައްޔަރު ކުރުމަށް ޔޫކްރެއިނުން މެކްސިކޯއަށް ގޮވައިލާފައި މި ވަނީ, މެކްސިކޯގެ އިންތިޚާބީ-ރައީސާ ކްލައުދިޔާ ޝެއިންބައުމް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމުގެ ދަޢުވަތު ޕުޓިންއަށް އަރުވާފައިވާ ދަނޑިވަޅެއްގައެވެ.
"ވްލަޑިމިޔަރ ޕުޓިންއަކީ ހަނގުރާމައިގެ ކުށްވެރިއެއް ކަމާއި, އޭނާ ހައްޔަރު ކުރުމުގެ އަމުރެއް ނެރެފައިވާ ކަން މެކްސިކޯގެ ސަރުކާރުން ގަބޫލު ކުރާނެ ކަމަށް އުންމީދު ކުރަން،" މެކްސިކޯގައި ހުންނަ ޔޫކްރެއިންގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުންޏެވެ. އައިސީސީގެ އަމުރަށް މެކްސިކޯގެ ސަރުކާރުން އިޙުތިރާމު ކުރާނެ ކަމަށް އުންމީދު ކުރާ ކަމުގައި ވެސް ޔޫކްރެއިންގެ އެމްބަސީން ބުންޏެވެ.
"ތިޔަ ކަމެއް ނުވާނެ. ތިޔަ ކަން ކުރުމުގެ ބާރު އޮތީ އަޅުގަނޑުމެންގެ ކިބައިގައެއް ނޫން،" ޔޫކްރެއިންގެ އެދުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އަންދްރޭސް މަނުއޭލް ލޯޕޭޒް އޮބްރާދޯ ވިދާޅުވިއެވެ. ހުވައި ކުރުމުގެ ރަސްމިއްޔާތަށް ދަޢުވަތު އަރުވާފައިވާ ބޭފުޅުންނާ ގުޅޭ ގޮތުން ޝެއިންބައުމްގެ ޓީމުން ބުނީ, ހުވައި ކުރެއްވުމުގެ ރަސްމިއްޔާތަށް މެކްސިކޯއިން ސިޔާސީ ގުޅުން ގާއިމު ކޮށްފައިވާ ހުރިހާ ޤައުމެއްގެ އިސްވެރިންނަށް ދަޢުވަތު އަރުވާފައިވާނެ ކަމުގައެވެ.
ޝެއިންބައުމް ހުވައި ކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އޮކްޓޫބަރު މަހުގެ 1ވަނަ ދުވަހުއެވެ. ނަމަވެސް, އެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަންނަވަން ޕުޓިން މެކްސިކޯއަށް ވަޑައިގަންނަވާނެ ކަން ރަޝިޔާއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގައި ރަޝިޔާއިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތަކުގައި ދިރިއުޅޭ އެތަކެއް ހާސް ކުޑަކުދިން, އެ ކުދިންގެ މައިންބަފައިންގެ ނުރުހުމުގައި ރަޝިޔާއަށް ގެންގޮސްފައިވާ ކަމުގައި ޔޫކްރެއިނުން ތުހުމަތު ކުރެއެވެ. ނަމަވެސް, ރަޝިޔާއިން ބުނީ އެ ކުދިން ރަޝިޔާއަށް ދިރިއުޅުން ބަދަލު ކޮށްފައި ވަނީ އިންސާނިއްޔަތަށް ޓަކައި ހިންގާ ޚާއްޞަ ޕުރޮގުރާމެއްގެ ދަށުން ކަމުގައެވެ.
ޕުޓިންގެ އިތުރުން ރަޝިޔާގެ ކުޑަކުދިންގެ ހައްޤުތަކާ ބެހޭ އިދާރާގެ އިސްވެރިޔާ މާރިޔާ ލްވޯވާ-ބެލޯވާއާ ދެކޮޅަށް ވެސް އައިސީސީން އަމުރު ނެރެފައިވެއެވެ. އޭނާއާ މެދު ވެސް އުފުލާފައި ވަނީ ޕުޓިންއަށް އުފުލާފައިވާ ދަޢުވާއެވެ. ނުރުހުމުގައި ޔޫކްރެއިނުގެ ކުޑަކުދިން ފޭރިގަނެގެން ރަޝިޔާއަށް ގެންދިޔުމުގެ ކުށުގެ ދަޢުވާއެވެ. އައިސީސީގެ އަމުރާ އެކު، އެ ކޯޓުގެ މެންބަރު ޤައުމަކަށް ޕުޓިން ދަތުރުކުރައްވައިފިނަމަ އޭނާ ހައްޔަރުކޮށް، ނެދަލެންޑްސްގެ ދަ ހޭގްގައި ހުންނަ އައިސީސީގެ އޮފީހަށް އޭނާ ހާޒިރުކުރުމުގެ ބާރު އެ ޤައުމަކަށް ލިބިގެންދާނެއެވެ. މެކްސިކޯއަކީ އައިސީސީގެ މެންބަރު ޤައުމެކެވެ.