ޚަބަރު

ސައު ޕައުލޯއަށް މަތިންދާބޯޓެއް ވެއްޓި 61 މީހުން މަރުވެއްޖެ


ބްރެޒިލްގެ ރަށެއް ކަމުގައިވާ ސައު ޕައުލޯގައި ފަސިންޖަރުން އުފުލާ މަތިންދާބޯޓެއް ވެއްޓި 61 މީހުން މަރުވެއްޖެއެވެ. އެތެރޭގެ އުދުހުންތަކުގައި ބޭނުން ކުރާ މަތިންދާބޯޓު ވެއްޓިފައި ވަނީ ވިންޔޭދޯ ކިޔާ ކުޑަ ރަށެއްގައި މީހުން ދިރިއުޅޭ ޢިމާރާތްތައް ހުންނަ ސަރަޙައްދަކަށެވެ. ބްރެޒިލްގެ އެއަރލައިނެއް ކަމުގައިވާ ވިޔޯޕާސްގެ މަތިންދާބޯޓު ވެއްޓިފައި ވަނީ ޕަރާނާ ސްޓޭޓުން ފުރައިގެން ސައު ޕައުލޯއަށް ދަތުރު ކުރި މަގުމަތީގައެވެ.

އޭޓީއާރް-72 މަރުކާގެ މަތިންދާބޯޓު ވެއްޓުނު ހާދިސާގައި އޭގެ ފަޅުވެރިންނާއި ހުރިހާ ފަސިންޖަރުން މަރުވެފައިވާ ކަމުގައި ބްރެޒިލުން ބުންޏެވެ. މި ހާދިސާގައި, ވިންޔޭދޯގައި ޢާންމުން ދިރިއުޅޭ އެޕާޓްމަންޓް އިމާރާތަކަށް ގެއްލުން ލިބުނު ކަމުގައި އެ ސަރަޙައްދުގެ އޮފިޝަލުން ބުންޏެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ބްރެޒިލްގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ތަޙުޤީޤު ކުރަން ފަށާފައެވެ. ނަމަވެސް, ބޯޓު ވެއްޓުނު ވަގުތު އެ އުޅަނދު ވައިގެ ތެރޭގައި އެނބުރެމުން ދިޔަ ކަމުގައި މަންޒަރު ފެނުނު މީހުން ބުނުމުން, ބޯޓު ވެއްޓިފައި ވަނީ ފިނިގަދަވެ, ގަނޑުފެން އުފެދުމުގެ ސަބަބުން ކަމަށް ބެލެވޭ ކަމުގައި ކަމާ ގުޅޭ މާހިރުން ބުންޏެވެ. ނުވަތަ, ބޯޓުގެ އިންޖީނު ފޭލުވުމަކީ އަނެއް ސަބަބު ކަމުގައި ވެސް މާހިރުން ދެކެއެވެ.

ބްރެޒިލްގައި މި ފަދަ އެންމެ ނުރައްކާތެރި އެއް ހާދިސާ ހިނގާފައި ވަނީ 2007ވަނަ އަހަރުއެވެ. އެ އަހަރު އެމެރިކާ ލެޓީނާގެ މަތިންދާބޯޓެއް ވެއްޓުނު ހާދިސާގައި 199 މީހުން މަރުވިއެވެ. 1994ވަނަ އަހަރު އެމެރިކާގެ އިންޑިޔާނާ ސްޓޭޓްގައި ވެސް އޭޓީއާރް-72 މަރުކާގެ މަތިންދާބޯޓެއް ވެއްޓި 68 މީހުން މަރުވިއެވެ. 2016ވަނަ އަހަރު ނޯވޭގައި ވެސް އެ މަރުކާގެ މަތިންދާބޯޓެއްގެ ކޮންޓްރޯލް ޕައިލެޓުންނަށް ގެއްލުނެވެ. ނަަމަވެސް, އެ މަތިންދާބޯޓު ވަނީ ރައްކާތެރި ކަމާ އެކު ބިމުގައި ޖައްސާފައެވެ. ހުސްވި އަހަރު ނޭޕާލުގައި ވެސް އޭޓީއާރް-27 މަރުކާގެ މަތިންދާބޯޓެއް ވެއްޓުނެވެ.

ސައު ޕައުލޯގައި މަތިންދާބޯޓު ވެއްޓިފައިވާ ސަރަޙައްދުން އެ އުޅަނދުގެ ކަޅުފޮށި ފެނިފައިވާ ކަމުގައި, މި ހާދިސާ ތަޙުޤީޤު ކުރަމުންދާ ބްރެޒިލްގެ ވައިގެ އުދުހުންތަކާ ގުޅޭ އެކްސިޑެންޓުތަކާ ބެހޭ އިދާރާއިން ހާމަ ކުރިއެވެ. އެ އިދާރާގެ ވެރިޔާ މަރްސެލޯ މޮރޭނޯ ވިދާޅުވީ, ބޯޓަށް މައްސަލައެއް ކުރިމަތިވެގެން އުޅޭ ކަން ޕައިލެޓުން އެއަރ-ޓްރެެފިކް ކޮންޓްރޯލާ ހިއްސާ ކޮށްފައި ނުވާ ކަމުގައެވެ.

ވިޔޯޕާސްއަކީ ބްރެޒިލްގެ ހަތަރުވަނައަށް އެންމެ ބޮޑު އެއަރލައިނެވެ. ވެއްޓުނު މަތިންދާބޯޓުގައި ހަތަރު ފަޅުވެރިންނާއި 57 ފަސިންޖަރުން ތިއްބެވެ. އެ އެންމެންނަކީ ވެސް ބްރެޒިލްގެ ރައްޔިތުން ކަމަށް ބެލެވެއެވެ. ފަރަންސޭސިވިލާތާއި އިޓަލީވިލާތުން ގުޅިގެން އުފައްދާފައިވާ އޭޓީއާރް ކުންފުނިން ބުނީ, ބޯޓު ވެއްޓުނު ހާދިސާގެ ތަޙުޤީޤަށް އެއްބާރުލުން ދެމުންދާ ކަމުގައެވެ.