ޚަބަރު

ޣައްޒާގައި ފަތިސް ނަމާދަށް ތިބި 100އެއްހާ މީހުން ޝަހީދު ކޮށްލައިފި


ޔަހޫދީ ފައުޖުން ޣައްޒާ ސިޓީގެ މަދަރުސާއަކަށް ބޮންއަޅައި 100އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފިއެވެ. އެތަކެއް ހާސް ރެފިއުޖީން ވަގުތީ ހިޔަލެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔަ މަދަރުސާއަށް ޙަމަލާ ދީފައި ވަނީ ގިނަ ޢަދަދެއްގެ ބަޔަކު ފަތިސް ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ, ނަމާދު ކުރަމުން ދިޔަ ވަގުތުގައެވެ.

"މިހާތަނަށް 93 މީހުންގެ ހަށިގަނޑު ފެނިފައިވާއިރު އޭގެ ތެރޭގައި 11 ކުޑަކުދިންނާއި ހަ އަންހެނުން ހިމެނޭ. އަދިވެސް, ދެނެގަނެވިފައި ނުވާ ގިނަ ޢަދަދެއްގެ މީހުންގެ ހަށިތައް ފެނިފައިވޭ،" އެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އިޝާރާތް ކުރައްވައި ފަލަސްޠީނުގެ ސިވިލް ޑިފެންސް އިދާރާގެ ތަރުޖަމާނު މަޙްމޫދު ބަޞަލް ވިދާޅުވިއެވެ. ޔަހޫދީ ފައުޖުން ރަޙުމު ކުޑަ ޙަމަލާތަކެއް ދީފައިވާ މަދަރުސާގައި 6,000އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެމުން ދިޔަ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ.

މަދަރުސާއާއި, އެ ތަނުގައި ހުރި މިސްކިތަށް އަމާޒުކޮށް ޔަހޫދީ ފައުޖުން ދީފައި ވަނީ ވަރަށް ރަޙުމު ކުޑަ ކުށުގެ ޙަމަލާއެއް ކަމުގައި ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ސިފަކުރިއެވެ. އެ ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޢިއްޒަތް އަލް-ރަޝަޤު ވިދާޅުވީ އެ ތަނަށް ދިން ޙަމަލާގައި ޝަހީދު ކޮށްލާފައިވާ އެންމެންނަކީ ވެސް ޢާންމުން ކަމުގައެވެ. އަދި, އެެއީ ޙަމާސާއި އިސްލާމިކް ޖިހާދުގެ މުޖާހިދުން ކަމަށް ޔަހޫދީ ފައުޖުން ބުނާތީ އޭނާ ވަނީ އެ ކަން ދޮގު ކުރައްވާފައެވެ.

ޣައްޒާގެ ޢާންމު ރައްޔިތުން ދިރިއުޅޭ ގެދޮރަށް ޔަހޫދީ ފައުޖުން ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުން ސަލާމަތް ވާން އެތަކެއް ސަތޭކަ ހާސް ބަޔަކު ދަނީ މަދަރުސާތައް ފަދަ އިމާރާތްތަކުގައި ރައްކާތެރިކަން ހޯދަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް, ޔަހޫދީ ފައުޖުން ދަނީ އެ ފަދަ އިމާރާތްތަކަށް އަމާޒުކޮށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތައް އިތުރު ކުރަމުންނެވެ.

ހުޅަނގު އައްސޭރީގައި ވެރިކަން ކުރާ ޕަލަސްޓީނިޔަން އޮތޯރިޓީ (ޕީއޭ)ގެ ރައީސް މަޙްމޫދު ޢައްބާސްގެ ތަރުޖަމާނު ނަބީހް އަބޫ ރުދައިނާ ވަނީ މަދަރުސާއަށް ދީފައިވާ ޙަމަލާއާ މެދު ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި, ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިން ދެމުންދާ މި ފަދަ ޙަމަލާތައް ހުއްޓުވަން ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު އެމެރިކާއަށް ގޮވައިލައްވާފައެވެ.

މިޞްރުން ވެސް ވަނީ މަދަރުސާއަށް އަމާޒުކޮށް ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ދީފައިވާ ޙަމަލާތައް ކުށްވެރި ކޮށްފައެވެ. އެ ޤައުމުގެ ޚާރިޖީ ވުޒާރާއިން ބުނީ, މި ފަދަ ޙަމަލާތަކުގެ ސަބަބުން, ޣައްޒާ ޢުދުވާން ނިމުމަކަށް ގެނައުމުގެ އެއްވެސް ނިޔަތެއް ޔަހޫދީންގެ ކިބައިގައި ނެތް ކަން ސާފުކޮށް ހާމަވެގެންދާ ކަމުގައެވެ. ޣުދުވާން ހުއްޓުވުމަށް މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު މަޝްވަރާތައް ވިލަރެސް ކުރަނީ މިޞްރާއި ޤަޠަރުންނެވެ. އެ މަޝްވަރާތަކުގައި އައު ބުރެއް ފެށުމަށް މިޞްރާއި ޤަޠަރުގެ އިތުރުން އެމެރިކާއިން ދަނީ ތައްޔާރުވަމުންނެވެ.

މަޝްވަރާތައް ފަށަށް ތައްޔާރުވެފައި ވަނީ, ޔަހޫދީންނާ މެދު އޮތް ނަފުރަތު އެތަކެއް ގުނައަކަށް އިތުރުވެ, ޔަހޫދީންނަށް އޮތް ބިރުވެރިކަން އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. މެދުއިރުމަތީގެ މަސްރަޙު އިތުރަށް ހޫނުވެގެން ގޮސްފައި ވަނީ, އީރާނުގެ ވެރިރަށް ތަހްރާނަށް ޔަހޫދީ ފައުޖުން ދިން ޙަމަލާއެއްގައި ޙަމާސްގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމާ ގުޅިގެންނެވެ.

2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,699އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 91,722އަށް އުފުލިފައެވެ.