ޚަބަރު

އީރާނުން ޒަމާނީ ކްރޫޒް މިސައިލްތައް ހޯދައި އަސްކަރީ ގާބިލުކަން އިތުރުކޮށްފި


އީރާނުގެ ކަނޑުގެ ސިފައިން ބާރުގަދަ އަދި ނުރައްކާތެރި ގޮވާތަކެތި އުފުލުމުގެ ގާބިލު ކަން ލިބިފައިވާ ޒަމާނީ ކްރޫޒް މިސައިލް ހޯދައި, އަސްކަރީ ބާރުވެރިކަމާއި ގާބިލުކަން އިތުރު ކޮށްފައިވާ ކަމުގައި އެ ޤައުމުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން ހާމަ ކޮށްފިއެވެ. އިންޤިލާބީ ލަޝްކަރާ ހަވާލާދީ އީރާނުގެ ދަޢުލަތުގެ މީޑިޔާއިން ބުނީ, އައު ކްރޫޒް މިސައިލްތަކަކީ ވަންހަނާ ކަމާ އެކު ދަތުރު ކުރުމުގެ ގާބިލުކަން ލިބިފައިވާ ނުރައްކާތެރި ހަތިޔާރުތަކެއް ކަމުގައެވެ.

އިންޤިލާބީ ލަޝްކަރުން އަސްކަރީ ބާރުވެރިކަމާއި ގާބިލުކަން އިތުރު ކޮށްފައިވާ ކަން ހާމަ ކޮށްފައި ވަނީ މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ. ޔަހޫދީ ފައުޖުން ޖުލައި 31ވަނަ ދުވަހު ވަނީ އީރާނުގެ ވެރިރަށް ތަހްރާނަށް ވައިގެ ޙަމަލާއެއް ދީފައެވެ. އެ ޙަމަލާގައި ފަލަސްޠީނުގެ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލިއެވެ. އީރާނުން ވަނީ އެކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންނަށް ވަރުގަދަ އަދި ނުރައްކާތެރި ޙަމަލާތަކެއް ދޭނެ ކަމަށް ބުނެ އިންޒާރު ދީފައެވެ.

"އަދުގެ ދުނިޔޭގައި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ އަސްކަރީ ބާރުވެރިކަމާއި ގާބިލުކަން އިތުރު ކޮށްގެން. އެހެން ނޫން ނަމަ, އެ ޤައުމެއް ނެތި ދާނެ. މި ކަމުގައި އެއްވެސް މެދުމިނެއް ނެތް،" އިންޤިލާބީ ލަޝްކަރުގެ އިސް ކޮމާންޑަރު, މޭޖަރ-ޖެނެރަލް ޙުސައިން ސަލާމީ ވިދާޅުވިއެވެ.

އިންޤިލާބީ ލަޝްކަރުން ބުނީ, އީރާނުގެ ކަނޑުގެ ސިފައިންގެ ލަޝްކަރުގެ މަނަވަރުތަކަށް ގިނަ ޢަދަދެއްގެ ކްރޫޒް މިސައިލް އިތުރު ކޮށްފައިވާ ކަމުގައެވެ. އަދި, އެއީ ފަނާކުރަނިވި ޙަމަލާތަކެއް ދިނުމުގެ ގާބިލުކަން ލިބިފައިވާ މިސައިލްތަކެއް ކަމުގައެވެ. އޭގެ އިތުރުން, މެދު-ރާސްތާ އަދި ދުރު-ރާސްތާގެ މިސައިލާއި, ޑްރޯންގެ ޢަދަދު އިތުރު ކޮށްފައިވާ ކަމުގައި ވެސް އިންޤިލާބީ ލަޝްކަރުން ހާމަ ކުރިއެވެ.

އީރާނުގެ ދަޢުލަތުގެ މީޑިޔާއިން ވަނީ, އިންޤިލާބީ ލަޝްކަރުން އަލަށް ބޭނުން ކުރަން ފަށާފައިވާ 2,654 ހަތިޔާރާއި އަސްކަރީ ނިޒާމުގެ ތެރެއިން 210 ވަރަކަށް ހަތިޔާރު ދައްކައިލާފައެވެ. އޭގެ ތެރެެއިން ގިނަ ޢަދަދެއްގެ ހަތިޔާރުގެ ސިއްރުކަން ހިފަހައްޓަން ޖެހޭ ކަމަށް ބުނެ, އެ ހަތިޔާރާ ގުޅޭ މަޢުލޫމާތު ޢާންމު ކޮށްފައި ނުވާ ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

އިންޤިލާބީ ލަޝްކަރުން ބުނީ, އައު ހަތިޔާރުތައް ބޭނުން ކޮށްގެން ދުޝްމަނުންގެ ޑިސްޓްރޯޔަރ މަރުކާގެ މަނަވަރުތައް ނައްތައިލެވޭނެ ކަމުގައެވެ. "މީގެ ތެރޭގައި ހިމެނެނީ ބިމާއި ކަނޑުގައިވާ އުޅަނދުފަހަރަށް ޙަމަލާ ދޭން ބޭނުން ކުރެވޭނެ އެންމެ ފަހުގެ, އެންމެ ޒަމާނީ ހަތިޔާރު،" އިންޤިލާބީ ލަޝްކަރުގެ ކަނޑުގެ ސިފައިންގެ ބަޔާނެއްގައި ބުންޏެވެ.

މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އެންމެ ބޮޑު މިސައިލް ޕުރޮގުރާމެއް މި ވަގުތު ހިންގަމުން ދަނީ އީރާނުންނެވެ. އެއީ, އެމެރިކާއިން ދައްކަމުންދާ ބިރާ ދެކޮޅަށް, އަދި އެމެރިކާއާއި ޔަހޫދީންގެ އިތުރުން އެ މީހުންގެ މަދަދުވެރިން ދީފާނެ ޙަމަލާއަކުން ދިފާޢުވުމަށް ހިންގަމުންދާ ޕުރޮގުރާމެއް ކަމުގައި އީރާނުން ބުނެއެވެ. މެދުއިރުމަތީގެ ޤައުމުތަކަށް ބަލާއިރު, އެންމެ ގިނަ ޢަދަދެއްގެ ބެލިސްޓިކް މިސައިލް ތައްޔާރުކޮށް ރައްކާކޮށްފައި ވަނީ އީރާނުން ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާއިން ވެސް ގަބޫލު ކުރެއެވެ.