އެމެރިކާގެ ދިފާއީ ކުންފުނިތަކުން އިތުރު ހަތިިޔާރު ގަންނަން ޔަހޫދީންނަށް އިތުރު 3.5 ބިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ދިނުމަށް އެމެރިކާއިން ނިންމައިފިއެވެ. އެމެރިކާގެ ޚާރިޖީ ވުޒާރާއިން ވަނީ އެ ކަން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސަށް އަންގާފައެވެ. އެމެރިކާގެ ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި, އެ ފައިސާއަކީ ޔަހޫދީންގެ އަސްކަރީ އެހީގެ ގޮތުގައި ފޯރުކޮށްދިނުމަށް ކޮންގްރެސުން އޭޕްރިލް މަހު ފާސްކުރި 14 ބިލިޔަން ޑޮލަރުގެ ތެރޭގައި ހިމެނޭ ފައިސާއެކެވެ.
އެމެރިކާއިން ޔަހޫދީންނަށް ފޯރުކޮށްދެމުންދާ އަސްކަރީ އެހީތެރިކަން އިތުރު ކުރަން ނިންމާފައި ވަނީ, ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން ލާއިންސާނީ ޢުދުވާނެއް ހިންގަމުންދާ ދަނޑިވަޅެއްގައެވެ. އަދި, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ ސިޔާސީ ގޮފީގެ ވެރިޔާ އިސްމާޢީލް ހަނިއްޔާ ޝަހީދު ކޮށްލުމުން ޔަހޫދީންނާ މެދު އުފެދިފައި އޮތް ނަފުރަތު އިތުރުވެ, ޔަހޫދީން ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައިވާ ވަގުތެއްގައެވެ.
ޣައްޒާ ޢުދުވާނުގެ އެންމެ ބޮޑު މަދަދުގާރަކީ އެމެރިކާއެވެ. ފަލަސްޠީނުގެ މުސްލިމުން ގެދޮރާއި, ހަސްފަތާލުތަކާއި, މަދަރުސާތަކާއި, ރެފިއުޖީ ކޭމްޕުތަކާއި, ވަގުތީ ހިޔާތަކާއި މިސްކިތްތަކަށް ޙަމަލާ ދޭން ޔަހޫދީ ފައުޖުން ބޭނުން ކުރަމުން ދަނީ އެމެރިކާއިން ފޯރުކޮށްދެމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރެވެ. ޔަހޫދީންނަށް ދީފާނެ ޙަމަލާއަކުން އެ މީހުން ހިމާޔަތް ކޮށްދޭން, އެމެރިކާއިން ދާދި ފަހުން ވަނީ މެދުއިރުމައްޗަށް އިތުރު މަނަވަރުތަކާއި އަސްކަރީ މަތިންދާބޯޓުތައް ފޮނުވަން ނިންމާފައެވެ.
2023 އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39,790އަށް އުފުލިފައެވެ. އޭގެ ތެރޭގައި 16،000އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، ޔަހޫދީ ފައުޖުން ސުންނާފަތި ކޮށްލާފައިވާ އިމާރާތްތަކުގެ ދަށުގައި އިތުރު 10،000އަށްވުރެ ގިނަ މީހުންގެ ހަށިތައް ތާށިވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ގަބޫލު ކުރެއެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 92,002އަށް އުފުލިފައެވެ.
ޔަހޫދީންގެ އިތުރުން ސަޢޫދީ ޢަރަބިއްޔާއަށް ބައެއް ބާވަަތްތަކުގެ ހަތިޔާރު ވިއްކުން މެދުކަނޑައިލާފައި އޮތުމަށް ފަހު, އެމެރިކާއިން ވަނީ އެ ކަމަށް ވެސް ނިމުމެއް ގެނެސްފައެވެ. ސަޢޫދީ ޢަރަބިއްޔާއަށް ނުރައްކާތެރި ހަތިޔާރު ވިއްކުން އެމެރިކާއިން މެދުކަނޑައިލާފައި ވަނީ, ޔަމަންގެ ޙޫޘީ ޖަމާޢަތާ ދެކޮޅަށް ސަޢޫދީ ޢަރަބިއްޔާއިން ކުރަމުން ދިޔަ ހަނގުރާމަ ހުއްޓައިލުމަށް ބާރު އެޅުމުގެ ގޮތުންނެވެ. ސަޢޫދީންނަށް އަލުން ހަތިޔާރު ވިއްކަން ނިންމާފައި މި ވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.
އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނީ އެ ނިންމުން މުރާޖަޢާކޮށް, ސަޢޫދީ ޢަރަބިއްޔާއަށް އެއަރ-ޓު-ގްރައުންޑް މިސައިލާއި ބޮން ފަދަ ހަތިޔާރު ވިއްކަން އަލުން ފަށަން ނިންމާފައިވާ ކަމުގައެވެ. އެމެރިކާގެ ސަރުކާރުން ވަނީ އެ ކަމާ ގުޅޭ މަޢުލޫމާތު ވެސް ކޮންގްރެސާ ހިއްސާ ކޮށްފައެވެ. "ސަޢޫދީ ޢަރަބިއްޔާއިން ވަނީ އެއްބަސްވުމުގައިވާ ކަންކަން ފުރިހަމަ ކޮށްފައި. ދެން އޮތީ އެމެރިކާއިން އެއްބަސްވެފައިވާ ކަންކަން ފުރިހަމަ ކުރުން،" ނަން ހާމަ ކޮށްފައި ނުވާ އެމެރިކާ ސަރުކާރުގެ އޮފިޝަލަކު ބުންޏެވެ.
ޔަމަންގެ ހަނގުރާމައާ ގުޅިގެން އެމެރިކާއިން ސަޢޫދީ ޢަރަބިއްޔާއަށް ބައެއް ބާވަތްތަކުގެ ހަތިޔާރު ވިއްކުން މެދުކަނޑައިލި ނަމަވެސް, ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓުވަން އެ ފަދަ ފިޔަވަޅުތަކެއް އަޅާފައި ވަނީ އެތަކެއް ބަޔެއްގެ ނުރުހުމާއި ފާޑުކިޔުންތައް އަމާޒުވި ފަހުންނެވެ. ނަމަވެސް, ޔަހޫދީންނަށް ހުރިހާ ބާވަތެއްގެ ހަތިޔާރު ފޯރުކޮށްދިނުން މެދުކަނޑައިލުމުގެ ބަދަލުގައި, ހިފަހައްޓާފައި ވަނީ މަދު ބާވަތްތަކެއްގެ ހަތިޔާރެވެ.
އޭގެ އިތުރުން, ޔޫކްރެއިނަށް 125 މިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީގެ ޕެކޭޖެއް ފޯރުކޮށްދޭން ވެސް އެމެރިކާއިން ވަނީ ނިންމާފައެވެ. އެ ޕެކޭޖުގައި ހިމެނެނީ ސްޓިންގަރ މަރުކާގެ މިސައިލާއި, އާޓިލަރީ ބަޑިއަށް ބޭނުންވާ ވަޒަނާއި އެ ފަދަ އިތުރު ހަތިޔާރެވެ. ޔޫކްރެއިނަށް އަރައިގަނެފައިވާ ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ޔޫކްރެއިން ސިފައިން ކުރަމުންދާ ހަނގުރާމައި ޔޫކްރެއިނަށް އަސްކަރީ ގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ.